ހދ. ހަނިމާދޫ ދަންޑެހެލު ހިންގުން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއުގެ މަސައްކަތާ ހަވާލުވި ކުންފުންޏަށް ދޭންޖެހޭ އަދަދަށް ވުރެ އިތުރަށް ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު އާންމުކުރެއްވި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ ހާއްސަ އޮޑިޓަކީ އެ ކުންފުނިން 2015 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

އެ ރިޕޯޓުގައިވާ ގޮތުން ހަނިމާދޫ ދަންޑެހެލު ހިނގުން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ އިތުރު އެހެން ފަރާތްތައް ތިބިތޯ ބެލުމަށް އާންމުކޮށް އިއުލާން ނުކޮށެވެ. އެމްއާރުޑީސީގެ ގަވާއިދުގައިވާ ގޮތުން މުދަލާއި ހިދުމަތުގެ އަގު 25,000 ރުފިޔާ އިން ފެށިގެން މަތިވާނަމަ، މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުންފުނީގެ ވެބްސައިޓް އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކުރަންވާނެއެވެ.

ނަމަވެސް އެމްއާރުޑީސީން މި މަސައްކަތް ކުރުވާފައިވަނީ އާންމުކޮށް އިއުލާން ކުރުމެއް ނެތި ހަމައެކަނި މި މަސައްކަތް ކުރުމާ ހަވާލުވި ކުންފުނިން އަގު ހޯދައިގެން ކަމަށްވެސް އޮޑިޓުގައިވެއެވެ.

"މުދަލާއި ހިދުމަތް ހޯދުމުގެ މަސައްކަތް ހަވާލުކުރާނެ ފަރާތްތައް ހޯދުމުގެ މަސައްކަތް ވާދަވެރި ބީލަމުގެ އުސޫލުން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ނުގެންދާނަމަ ހަމަހަމަ ފުރުސަތު ގާބިލު ފަރާތްތަކަށް ނުދެވުމާއި ކުންފުންޏަށް އެންމެ މަންފާ ހުރި ގޮތަށް މަސައްކަތްކުރަން އޮންނަ ފުރުސަތު ގެއްލިގެން ދާނެކަން ފާހަގަކުރެވޭ. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އާންމުކޮށް އިއުލާން ނުކޮށް ހަވާލުކޮށްފައިވަނީ މި މަސައްކަތާ ހަވާލުވި ކުންފުންޏަކީ ހދ. ކުޅުދުއްފުށީ އަމީނީ މަގު ހެދުމުގެ މަސައްކަތްކުރި ކުންފުނި ކަމަށްވުމުން އެ ކުންފުންޏާ ހަވާލުކޮށްގެން މަސައްކަތް ކުރިއަށް ގެންދިއުމުން މަސައްކަތް އަވަސްވާނެކަމަށް ބެލެވޭތީކަމަށް މި މަސައްކަތާ ގުޅުން ހުރި ބައެއް ލިޔެކިއުންތަކުން ފާހަގަކުރެވިފައިވޭ،" އޮޑިޓް ރިޕޯޓުގައިވެއެވެ.

ނަމަވެސް އެ ކުންފުންޏާ މަސައްކަތް ހަވާލުކުރި ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި މަސައްކަތް ހަވާލުކުރުމާ ގުޅުން ހުރި މައްސަލަތަކެއް ބަލަމުން ދިއުމުން އެ މައްސަލަތައް ބަލައި ނިމިގެން އެ ކޮމިޝަނުން ވަކި ގޮތެއް އަންގަންދެން މި ޕްރޮޖެކްޓުގެ މަސައްކަތް ހުއްޓާލުމަށް އަންގާފައިވެއެވެ. އަދި އޭގެ ފަހުން މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ، އޭސީސީން މައްސަލަ ބަލައި ނިންމުމަށްފަހު އެ މަސައްކަތް ހައުސިން މިނިސްޓްރީ އާއި ރައީސް އޮފީސް އަދި އެޓާނީ ޖެނެރަލްގެ އޮފީހުގެ މަޝްވަރާއާއެކު ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.

ދެ ފަހަރެއްގެ މަތިން މި މަޝްރޫއުގެ މަސައްކަތް ހުއްޓިފައިވާއިރު ފުރަތަމަ ފަހަރަށް މަސައްކަތް ހުއްޓިފައިވާ މުއްދަތަށް އައިޑޮލް ކްލެއިލްގެ ގޮތުގައި 4,438,261 ރުފިޔާ ހޯދުމަށް ކޮންޓްރެކްޓަރު ހުށަހެޅުމާ ގުޅިގެން އެ އަދަދު ކުޑަކޮށްދިނުމަށް އެމްއާރުޑީސީން އެދުމުން އެ އަދަދުގެ ތެރެއިން ޑިސްކައުންޓުގެ ގޮތުގައި ކޮންޓްރެކްޓަރު ހުށަހެޅި 984,583 ރުފިޔާ އުނިކުރުމަށްފަހު ބާކީ ހުރި 3,453,678 ރުފިޔާ އެމްއާރުޑީސީން 17 ޑިސެންބަރު 2015 ގައި ދައްކާފައިވާ ކަމަށެވެ.

"އެ މުއްދަތުގެ ފަހުން ކޮންޓްރެކްޓް އުވާލުމާ ހަމަޔަށް ހިނގާފައިވާ ދުވަސްތަކަށް އައިޑްލް ކްލެއިލްގެ ގޮތުގައި ފައިސާ ހޯދުމަށް ކޮންޓްރެކްޓަރު ހުށަހަޅާފައެއް ނުވޭ. ނަމަވެސް ކޮންޓްރެކްޓުގެ ބީއޯކިއުގައި ހިމެނޭ މަޝްރޫއުގެ ޕްރިލިމިނަރީ ހަރަދުތަކުގެ ތެރެއިން 2017 ވަނަ އަހަރު 2,717,775 ރުފިޔާ އާއި ކޮންޓްރެކްޓަރު އެމްއާރުޑީސީއަށް ވިއްކާފައިވާ ބައެއް ތަކެތީގެ އަގަށް 465,018 ރުފިޔާއާއެކު ޖުމުލަ 3,182,793 ރުފިޔާ. އައިޑްލް ކްލެއިމް ޗާޖްސްގެ އިތުރުން އެމްއާރުޑީސީން ކޮންޓްރެކްޓަރަށް ދީފައިވާކަން ފާހަގަކުރެވޭ،" އޮޑިޓް ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައިވާ ގޮތުން މި މަޝްރޫއުގެ އައިޑޮލް ކްލެއިލްގެ ގޮތުގައާއި މެޝިނަރީ އާއި އިކުއިޕްމަންޓް މޯބިލައިޒް ކުރުމާއި ޑިމޯބިލައިޒް ކުރުމަށާއި ޕްރެލިމިނަރީ ޗާޖްސްގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދައްކާފައިވީ ނަމަވެސް މަޝްރޫއުގެ އެއްވެސް މަސައްކަތެއް ނިމިފައިނުވުމުން އެމްއާރުޑީސީއަށް ގާތްގަނޑަކަށް 6,171,453 ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

ރިޕޯޓުގައިވާ ގޮތުން މި މަޝްރޫއުގެ ބީއޯކިއުގައި ޕްރެލިމިނަރީ ޗާޖްތަކުގެ ތެރޭގައި މޯބިލައިޒޭޝަން އެންޑް ޑީމޯބިލައިޒޭޝަންގެ ހަރަދަށް ދޭންޖެހޭ ފައިސާގެ ގޮތުގައި ހިމަނާފައިވަނީ ޖުމުލަ 150،000 ޑޮލަރު ނަމަވެސް މޯބިލައިޒޭޝަން އެންޑް ޑީ މޯބިލައިޒޭޝަން ހަރަދުގެ ގޮތުގައި މި މަޝްރޫއުގެ މަސައްކަތާ ހަވާލުވި ކުންފުންޏަށް އިތުރަށް 125،000 ޑޮލަރު ދީފައިވާ ކަމަށެވެ. އެއީ ދިވެހި ރުފިޔާއިން ގާތްގަނޑަކަށް 20 މިލިއަން ރުފިޔާއެވެ.

"އެގޮތުން މޯބިލައިޒޭޝަން އެންޑް ޑީމޯބިލައިޒޭޝަން ހަރަދުގެ ގޮތުގައި 17 ޑިސެންބަރު 2015 ގައި މަސައްކަތާ ހަވާލުވި ކުންފުންޏަށް 125،000 ޑޮލަރު ދީފައިވާއިރު، އެ ފައިސާގެ އިތުރަށް 4 ޖެނުއަރީ 2017 ގައި 112,500 ޑޮލަރު އަދި 2 ފެބްރުއަރީ 2017 ގައި 37,500 ޑޮލަރާއެކު ޖުމުލަ 275،000 ޑޮލަރު މޯބިލައިޒޭޝަން އެންޑް ޑީމޯބިލައިޒޭޝަން ހަރަދުގެ ގޮތުގައި އެ ކުންފުންޏަށް ދީފައިވާކަން ފާހަގަކުރެވޭ. މި މަޝްރޫއުގެ ބީއޯކިއުގައި ޕްރެލިމިނަރީ ޗާޖްތަކުގެ ތެރޭގައި މޯބިލައިޒޭޝަން އެންޑް ޑީމޯބިލައިޒޭޝަން ހަރަދަށް ދިނުމަށް ކަނޑައަޅާފައިވަނީ ޖުމުލަ 150،000 ޑޮލަރުކަމަށްވާއިރު މޯބިލައިޒޭޝަން އެންޑް ޑީމޯބިލައިޒޭޝަން ހަރަދުގެ ގޮތުގައި ޖުމުލަ 225،000 ޑޮލަރު ދިނުމުން މޯބިލައިޒޭޝަން އެންޑް ޑީމޯބިލައިޒޭޝަން ހަރަދުގެ ގޮތުގައި ފައިސާ ދިނުމަށް ބީއޯކިއުގައި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް 125،000 ޑޮލަރު އެ ކުންފުންޏަށް ލިބިފައިވާކަން ފާހަގަކުރޭ،" އޮޑިޓް ރިޕޯޓުގައިވެއެވެ.

މި މަޝްރޫއުގެ މަސައްކަތާ ހަވާލުވި ކުންފުނިން އެ ރަށުގައި ގެންގުޅުނު ބައެއް މެޝިނަރީ ގަތުމުގައި އެމްއާރުޑީސީން އަމަލުކުރުމުން އައީ އުސޫލުތަކާ ހިލާފަށް ކަމަށާއި އެގޮތުން ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާގެ މުދާ ގަނެފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.

މި މަޝްރޫއު ރާވައި ހިންގުމުގައި އެމްއާރްޑީސީގެ އޭރުގެ މެނޭޖްމަންޓްގެ އިހުމާލު އޮތްކަމަށް ބެލެވޭތީ މި ކަމުގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީކޮށް ފިޔަވަޅު އެޅުމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. އަދި މަޝްރޫއުގެ މޯބިލައިޒޭޝަން އެންޑް ޑީމޯބިލައިޒޭޝަން ހަރަދުގެ ގޮތުގައި މި މަޝްރޫއުގެ މަސައްކަތާ ހަވާލުވި ކުންފުންޏަށް އިތުރަށް 125،000 ޑޮލަރު ދީފައިވާކަން ފާހަގަކުރެވޭތީ އެ ފައިސާ އެ ކުންފުނިން އަނބުރާ ހޯދުމަށާއި ކުންފުންޏަށް މުދަލާއި ތަކެތި ހޯދުމުގައި އަމަލުކުރުމަށް ކުންފުނިން ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް ފުރިހަމަކުރަންޖެހޭ އިޖްރާތުތައް ފުރިހަމަ ކުރުމަށްފަހު ނޫނީ މުދަލާއި ތަކެތި ނުގަތުމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.