ވެލިގާ ހާޑްވެއާ އާއި ބްލަންކްގެ ފިހާރަތަކުން އާއަހަރާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
"އާފެށުމަކަށް" ގެ ނަމުގައި ފެށި މި ޕްރޮމޯޝަނުގައި ވެލިގާ ހާޑްވެއާ އާއި ބްލަންކްގެ ފިހާރަތަކުން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި އިތުރަށް ކުރާ ކޮންމެ 100 ރުފިޔާގެ ވިޔަފާރިއަކަށް އިތުރު ކޫޕަނެއް ލިބޭނެއެވެ. މުޅި ޕްރޮމޯޝަނުން ހޮވޭ ނަސީބުވެރި ފަރާތަކަށް އެއްލައްކަ ރުފިޔާގެ ވައުޗަރެއް ހުށައެޅިފައިވާއިރު ނަސީބުވެރި ފަރާތަށް މި ވައުޗަރު ބޭނުން ކޮށްގެން ވެލިގާގެ ކޮންމެ ފިހާރައަކުންވެސް ވައުޗާގެ އަދަދަށް ވިޔަފާރި ކުރެވޭނެއެވެ.
މީގެ އިތުރުން 1،000 ރުފިޔާއިން މަތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ނަސީބުގެ ބުރު އަނބުރާލައިގެން ވަގުތުން އެތައް އިނާމުތަކެއްވެސް ހޯދުމުގެ ފުރުސަތުވެސް ވެލިގާއިން ވަނީ ހުޅުވާލައިފައެވެ. މިގޮތުން ލިބޭ އިނާމު ތަކުގެ ތެރޭގައި ކަށިގަނޑު ސެޓް، ޕަވާ ބޭންކް، އެކްޝަން ކެމެރާ، ނޯޓް ފޮތް ފަދަ އެތައް އިނާމެއް ހިމެނެއެވެ.
ވެލިގާގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އިރުޖާއު އަބްދުﷲ ވިދާޅުވީ، މި ޕްރޮމޯޝަން ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު ބޭނުމަކީ މިއަހަރަކީ ހުރިހާ ފަރާތްތަކަށްވެސް ތަފާތު ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު އަހަރަކަށް ވުމާއެކު ހުއްޓުން އަރާފައި ހުރި މަސައްކަތްތަކަށް އާފެށުމެއް ހޯދައިދިނުން ކަމަށެވެ.
"ގޭގެ މުށި ބަދަލުކޮށްލައި، ކޮޓަރި ރީތިކޮށްލައި، ބަދިގެ ހަދާލައި، ފަހާނާ އާކޮށްލުން ކަހަލަ ކަންކަން ކުރުމަށް ބޭނުންވާ ވަރަށް ގިނަ ސާމާނު އަޅުގަނޑުމެންގެ ފިހާރަތަކުން ލިބޭނެ. ނަސީބުވެރި ފަރާތަކަށް އަޅުގަނޑުމެން މި ހޯދައި ދެނީ މިކަހަލަ މަސައްކަތްތައް ނިންމާލެވޭނެ ފުރުސަތެއް" އިރުޖާއު ވިދާޅުވިއެވެ.
މިމަހުގެ 19 ވަނަ ދުވަހު ފެށި މިޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ. ވެލިގާއިން ބުނީ އަންނަ އަހަރުވެސް ވެލިގާ ހާޑްވެއާ އާއި ބްލަންކްގެ ހިދުމަތް އިތުރަށް ފުރިހަމަކޮށް ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅު ކުރުމަށް ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި