ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މެންބަރަކަށްވުމަށް އަބަދުވެސް ތައްޔާރަށް ހުންނެވި ކަމަށާއި މިރޭ އެދުނަސް އެޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިގޮތަށް ވިދާޅުވެފައިވާއިރު، އޭނާ ވަނީ މި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދާ ވަކިވަކީން ބައްދަލުކުރައްވައިފައެވެ. ނަމަވެސް އަލުން އެމްޑީޕީއާ ގުޅެން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ވަނި ދޮގު ކުރައްވައިފައެވެ.
ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި މިރޭ މޫސަ ވިދާޅުވީ އޭނާއަކީ އަބަދުވެސް އެމްޑީޕީ މެންބަރެއް ކަމަށާއި އެމްޑީޕީ މެންބަރުން ގެންދަން ބޭނުންވާނަމަ، މިހާރުވެސް ދާނެ ކަމަށެވެ. އަދި ވިދާޅުވީ އޭނާއަކީ އަބަދުވެސް ސިޔާސީ މަސައްކަތްކުރާ ހިތްވާ ބޭފުޅެއް ކަމަށާއި މިހާރުވެސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާން ބޭނުންވާ ކަމަށެވެ.
"އެމްޑީޕީ މީހުން އަޅުގަނޑު ގެންދަން ބޭނުންވަންޏާ، އަޅުގަނޑަކީ އަބަދުވެސް އެމްޑީޕީގައި ހުންނަ މީހެއް، އަޅުގަނޑު ނުދާކަށް ނޫޅެން. އަޅުގަނޑު ސިޔާސީ މަސައްކަތް ކުރާ ހިތްވޭ. އެމްޑީޕީ މީހުން އަޅުގަނޑު ގެންދާނެތޯއޭ އަޅުގަނޑުގެ ސުވާލަކީ. އެހެން ވެއްޖިއްޔާ އެމީހުން ބުނާނެތާ އަޅުގަނޑު ކައިރީ އަންނާށޭ،" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ކުރިންވެސް އެމްޑީޕީން އޭނާ ބޭރުކޮށްލާފައިވާ ކަމަށާއި އަދި ފަހުން ޕީޕީއެމުންވެސް އޭނާ ބޭރުކޮށްލާފައިވާ ކަމަށެވެ. އެހެންކަމުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާނީ ޕާޓީގެ މެންބަރުން އެކަމަށް އެދިގެން އައުމުން ކަމަށާއި މިރޭ ބުނިކަމުގައިވީ ނަމަވެސް އެޕާޓީއާ ގުޅިވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ.
"އެމްޑީޕީގެ ރައީސް (ނަޝީދު) އާއި ގައުމުގެ ރައީސް (ސޯލިހް) އަޅުގަނޑާ ރައްޓެހިވުމަކީ އެމްޑީޕީ މީހުން ދެކޭ ގޮތެއް ނޫން. އެމްޑީޕީ ތެރޭގައި އަޅުގަނޑު ދެކެ ރުޅި އަންނަ ބަޔަކުވެސް ތިބެދާނެ އިނގޭތޯ. އަޅުގަނޑަކީ އެމްޑީޕީއަށް ބޭނުން މީހެއްނަމަ އަޅުގަނޑުވެސް ގެންދާނެތާ. އަޅުގަނޑު ބަލައި އަތުވެއްޖިއްޔާ ދާނަން. މިރޭ އަޔަސް،" މޫސަ ވިދާޅުވިއެވެ.
އެމްޑީޕީއާ ގުޅިވަޑައިގެންފިނަމަ، އެޕާޓީގެ އެތެރޭގެ މައްސަލަތައް ހައްލު ކުރެވޭނެތޯ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މޫސަ ވިދާޅުވީ އެމްޑީޕީ އެތެރޭގައި ޖެހިފައިވާ މައްސަލަތަކަކީ ހައްލުނުވާނެ މައްސަލަތަކެއް ނޫން ކަމަށާއި އެކަންކަން ހައްލުކުރެވޭނެ ކަމަށެވެ.
"އެމްޑީޕީ އެކަނި މިހާރު އޮތީ ރާއްޖޭގައި އުފެދުނު ޕާޓީތަކުގެ ތެރެއިން ބައިބައިވެގެން ފަޅިފަޅިވެގެން ނުގޮސް.... އެމްޑީޕީއަށް އެހެންވާކަށް އަޅުގަނޑު ހަމަގައިމުވެސް ބޭނުމެއް ނޫން އެޕާޓީގައި އަޅުގަނޑު ނެތަކަސް،" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ އެމްޑީޕީ ތެރެ އަދިވެސް ރަނގަޅުކުރެވޭނެ ކަމަށާއި އެމްޑީޕީ އޮތީ ރަނގަޅަށް ކަމަށެވެ. ހާއްސަކޮށް އިންތިހާބަކަށް ނުކުންނަ އިރު، އެމްޑީޕީގެ އެކުވެރިކަމުގެ ރޫހު ފެނިގެންދާނެ ކަމަށެވެ.
ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދު މަސައްކަތް ކުރަނީ އެމްޑީޕީ ރޫޅާލުމަށް ކަމަށާއި އެކަން އޭނާ ގަބޫލުނުކުރާ ކަމަށެވެ. އެމްޑީޕީ ތެރޭގައި މާ ބޮޑު މައްސަލައެއް ނެތް ކަމަށާއި "ވެކްސިން" ލިބޭ އިރަށް މައްސަލަ ހައްލުވެގެންދާނެ ކަމަށް މޫސަ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު