ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ދަ ގްރާންޑޭ ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނު އިރު، ދެ ގޯލުވެސް ފެނުނީ ދެވަނަ ހާފުގައެވެ.

މެޗަށް ނުކުތް އިރު، ސަސް ވަނީ އެ ކްލަބުން ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗުން ކްލަބު އީގަލްސް ކައިރިން މޮޅުވެ، ތާރީހީ މޮޅެއް ހޯދައިފައެވެ. ދަ ގްރާންޑޭވެސް އޮތީ ރަނގަޅު ފޯމެއްގައެވެ. މި ސީޒަނަށް ސްކޮޑު ވަރުގަދަކޮށް، ދަ ގްރާންޑޭ ވަނީ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރި ހޯދައިފައެވެ.

މެޗުގެ ފުރަތަމަ ކޮޅުގައިވެސް ދަ ގްރާންޑޭއަށް ލީޑު ނަގަން ފަހި ފުރުސަތެއް ލިބުނެވެ. ކެޕްޓަން ޔަސްފާދު ހަބީބް (މުލަކޭ) ދިން ޕާހަކުން އެ ޓީމުގެ އޮޓަބެޗް ހައިދަރޯފް ފޮނުވާލި ބޯޅަ ސަސްގެ ގޯލްކީޕަރު މިރްޒޯހިދް ރަވަޝެންބެކް މަތަކުރިއެވެ. އޭގެ ފަހުން 29 ވަނަ މިނެޓުގައި އޭރިއާ ބޭރުން މުލަކޭ ފޮނުވާލި ހަމަލާއެއް ވެސް ކީޕަރު މަތަކުރިއެވެ.

ސަސްއިންވެސް ވަނީ ފުރަތަމަ ހާފުގައި ކޮންމެވެސް ވަރަކަށް ހަމަލާތައް އުފައްދައިފައެވެ. އެގޮތުން ޔޫސުފް ޖުނައިދު ޒާހިރު ގޯލް ކުރިމަތިން ފޮނުވާލި ބޯޅަ ގޯލާ އަމާޒުނުވެ ދިޔަ އިރު، ހާފުގެ ފަހު މިނެޓުގައި ޖުނެއިދު ފޮނުވާލި ބޯޅައެއް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ދެވަނަ ހާފު ފަށައިގެން ލީޑު ނެގީ ދަ ގްރާންޑޭ އިންނެވެ. މެޗުގެ 59 ވަނަ މިނެޓުގައި އެ ޓީމުގެ އުމަރުޖޮނޯފް، ސަސްގެ ޑިފެންޑަރުންތަކެއް ތެރެއިން ފޮނުވާލި ބޯޅައަށް ހުހަށް އަރައި، ބޮލުން ބޯޅަ ގޯލަށް ވައްދާލީ އަލީ އިފާޒެވެ. އޭގެ ފަހުން 63 ވަނަ މިނެޓުގައި ދަ ގްރާންޑޭއަށް ލީޑު ފުޅާކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ.

ސަސް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ޕެނެލްޓީ ފުރުސަތެއްގައެވެ. އިދަރޯފްއަށް ސަސްގެ އަހުމަދު އައިހަމް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ހައިދަރޯފް ޖެހުމުން ކީޕަރު މަތަކުރީ އެވެ. ރީބައުންސް ބޯޅަ ގޯލަށް ވައްދާލައި، ސަސްއަށް އެއްވަރުކޮށްދިނީ ޖަޕާނުގެ އަޓްޝުޝީ ޔޮނެޒޭވާ އެވެ.

ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. މިރޭގެ މެޗުގައި ކްލަބު އީގަލްސް ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ.