އަމިއްލަ ފަރުދުންގެ 31 ވިޔަފާރިއެއް ބާތިލުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ ތެރެއިން 31 ވިޔަފާރިއެއް ބާތިލްކޮށްފައިވާ ކަމަށެވެ. އެ ވިޔަފާރިތައް ބާތިލުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ އެވެ.

ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް "ވަން" އަށް ވިދާޅުވީ އުވާލި ވިޔަފާރިތަކަކީ އެ ފަރާތްތަކުން ވިޔަފާރި ކުރިއަށްގެންދަން ބޭނުން ނުވެގެން އުވާލަދިނުމަށް މިނިސްޓްރީގައި އެދިފައިވާ ވިޔަފާރިތައް ކަމަށެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަކީ އަމިއްލަ ފަރާތްތަކުން ވިޔަފާރީގެ މައިދާނަށް ނެރެ، އެ ފަރާތްތަކަށް ވިޔަފާރި ހިންގުމަށް މަގުފަހިކުރުމަށް ބާރުއެޅުމުގެ ގޮތުން 2014 ވަނަ އަހަރު ތަސްދީގު ކުރި ގާނޫނެކެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ މިލްކުވެރި ފަރާތަކީ ވިޔަފާރީގެ ވެރިފަރާތް އެކަންޏެވެ.