އެމްޕީއެލްގެ މުވައްޒަފުންތަކެއް، ހިންގިކަމަށްބުނާ އަށް މިލިޔަން ރުފިޔާގެ ތެކުގެ ވައްކަމުގައި، ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ އިތުރު ފަސް މުވައްޒަފަކު ސަސްޕެންޑްކޮށްފިއެވެ.
އެމްޕީއެލްގެ ތެލުގެ ވައްކަމުގައި ޝާމިލްވާ ކަމަށް ތުހުމަތު ކުރެވިގެން އެފްއެސްއެމްގެ ބައުޒަރެއްގައި ހެލްޕަރަކަށް މަސައްކަތް ކުރާ މުވައްޒަފެއް މީގެ ކުރިން ވަނީ ސަސްޕެންޑް ކޮށްފައެވެ.
އެ ވައްކަމާއި ގުޅިގެން، އެފްއެސްއެމްއިން ކުރިއަށް ގެންދާ އިންޓާނަލް އޮޑިޓްގެ މައުލޫމާތު ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ހިއްސާ ކުރައްވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ، ނާޖާއިޒް މަންފާތަކެއް ހޯދިކަމަށް ތުހުމަތު ކުރެވޭ އިތުރު ފަސް މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
"އެފްއެސްއެމްގެ އިންޓާނަލް އޮޑިޓާއި ތަހުގީގު ޓީމު ގުޅިގެން ފުޅާ ދާއިރާއެއްގައި ތަހުގީގު ހަމަ ކުރިއަށް ދަނީ. ދެން މިހާތަނަށް އަޅުގަނޑު ހަނދާންވާ ގޮތުންނަމަ ބައުޒާ ސެގްމަންޓްގެ އިތުރު ފަސް ސްޓާފަކު މިހާތަނަށް ހޯދި ހޯދުންތަކުން ނާޖާއިޒް ކަންތައްތަކެއް ފެންނަން ހުރުމުން ތަހުގީގަށް އިތުރު ފަސް ސްޓާފުން ވާނީ ސަސްޕެންޑް ކޮށްފައި،" ގަސަމް ވިދާޅުވިއެވެ.
ގަސަމް ވިދާޅުވީ، އެފްއެސްއެމްގެ އިންޓާނަލް އޮޑިޓް މިމަހުގެ ނިޔަލަށް ނިންމައި ފާހަގަ ކުރެވުނު ކަންކަން ކަމާބެހޭ އިދާރާތަކަށް ހިއްސާކުރައްވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ބަޔާން ނެގި އެއްވެސް މުވައްޒަފަކު ކުށަށް އިއުތިރާފުވެފައި ނުވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ގަސަމް ވިދާޅުވީ، އެމްޕީއެލްގެ ތެލުގެ ވައްކަމުގައި އެފްއެސްއެމްގެ ސީނިއާ މެނޭޖުމެންޓްގެ އެއްވެސް ބޭފުޅަކު ބައިވެރިވެފައިވާކަން މިހާތަނަށް ހޯދި ހޯދުންތަކުން އެނގެން ނެތް ކަމަށެވެ.
ތެލުން ވައްކަން ކުރުމަކީ ޒަމާންވީ ސަގާފަތެއްގެ ގޮތުގައި ސިފަކުރައްވައި، ގަސަމް ވިދާޅުވީ، އެފްއެސްއެމްގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތަކަކީ މާކުރިންވެސް ހިންގަމުންދާ ކަމެއްކަން ފާހަގަކުރެވޭ ކަމަށެވެ.
"ކޮވިޑްގެ މިހާލަތު ކުރިމަތި ނުވިނަމަ އަޅުގަނޑަކަށް ހިޔެއް ނުވޭ އަދި އަދާ ޖެހެންދެންވެސް އެބޭފުޅުންނަށް މިކަންތައް ފާހަގަ ކުރެވޭނެ ހެނެއް" ގަސަމް ވިދާޅުވިއެވެ.
ގަސަމް ވިދާޅުވީ އެމްޕީއެލްގެ އިންޓާނަލް އޮޑިޓާއި އެފްއެސްއެމްގެ އިންޓާނަލް އޮޑިޓާއި ގުޅިގެން ދެފަރާތުގެ ލިޔެކިޔުންތައް ދެފަރާތަށް ހިއްސާކުރެވޭނެގޮތަށް މިދިޔަ ހަފްތާގައި އެއްބަސްވުމެއްގައި ސޮއިކޮށްފައި ވާ ކަމަށެވެ.
އެމްޕީއެލްގެ ތެލުގެ ވައްކަމާއި ގުޅިގެން އެ ކުންފުނީގެ ބައެއް މުވައްޒަފުންވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. އޭގެ ތެރެއިން އެއް މުވައްޒަފަކު ވަނީ ވައްކަމުގެ އެ އަމަލު ހިންގިކަމަށް އިއުތިރާފު ވެފައެވެ. އެ މައްސަލަ ފުލުހުންނާއި އޭސީސީގެ އިތުރުން އޮޑިޓާ ޖެރެރަލްގެ އޮފީހަށްވެސް ވަނީ ހުށަހަޅައިފައެވެ.
ފިއުލް ސަޕްލައި މޯލްޑިވްސް
ފިއުލް ސަޕްލައި މޯލްޑިވްސް