އަރަބި ގައުމުތަކުގެ ތެރެއިން މޮރޮކޯ ވަނީ ދާދިފަހުން އިޒްރޭލުގެ ދައުލަތް ރަސްމީގޮތުން ގަބޫލުކޮށް އިޒްރޭލާ ސިޔާސީ ގުޅުން ގާއިމްކޮށްފައެވެ. މިއީ އިޒްރޭލާއި އެމެރިކާއަށް ލިބުނު ސިޔާސީ ވަރަށްބޮޑު ކާމިޔާބީއެކެވެ. އަރަބި ގައުމުތައް އެއްބަޔަކަށްފަހު އަނެއްބަޔަކު މިގޮތަށް އިޒްރޭލާ ގުޅުން ގާއިމްކުރުމަކީ ފަލަސްތީނުގެ ރައްޔިތުން އިތުރަށް ނިކަމެތިވުމެކެވެ. މޮރޮކޯއަކީ މިއަހަރުގެ ތެރޭގައި އިޒްރޭލާ ގުޅުން ގާއިމުކުރި އަރަބި ހަތަރުވަނަ ގައުމެވެ. އަނެއް ތިން ގައުމަކީ ސޫދާނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ބަހުރޭނެވެ.
މޮރޮކޯއަކީ އަރަބި ދުނިޔޭގައި ނުފޫޒުހުރި ގައުމަކަށްވެފައި މޮރޮކޯއިން އިޒްރޭލާ ގުޅުން ގާއިމުކުރި ކުރުމަކީ އަރަބި ގައުމުތައް މިހާތަނަށް ހިފަހައްޓަމުންއައި ގުޅިފައިވާ ސިޔާސަތު ދޫކޮށްލުމެކެވެ. މިހާތަނަށް ހަމަ ކޮންމެ ގައުމަކުންވެސް ބުނަމުންއައީ ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރެވި އެދައުލަތުގެ ވެެރިރަށަކަށް އިރުމަތީ ގުދުސް ހަމަޖެހި ފަލަސްތީނުގެ މައްސަލަޔަށް ދާއިމީ ހައްލެއް ހޯދުމުން މެނުވީ އިޒްރޭލުގެ ދައުލަތް ގަބޫލުނުކުރާނޭ ކަމުގައެވެ. އިޒްރޭލާ ސިޔާސީ ގުޅުމެއްވެސް އަދި އެނޫން ގުޅުމެއްވެސް ގާއިމް ނުކުރާނޭ ކަމުގައެވެ.
އަރަބި ހުރިހާ ގައުމަކުންވެސް ބުނަމުންއައީ މިހެންނެވެ. އެކަމަކު އަރަބީންގެ ތެރެއިން މިސްރު ވަނީ މީގެ ސާޅީސްދެ އަހަރުކުރީން މި ސިޔާސަތު ދޫކޮށް އިޒްރޭލާ ގުޅުން ގާއިމްކޮށްފައެވެ. މިސްރުން އެ ފިޔަވަޅު އެޅީ 1967 ގެ ހަގުރާމައިގައި މިސްރަށް ގެއްލުނު ސައިނާއީ އަލުން ހޯދުމުގެ ގޮތުންނެވެ. އެ ބިން އަލުން ލިބެންއޮތީ އެމެރިކާ މެދުވެރިވެގެން އެކުލަވައިލި ކޭމްޕް ޑޭވިޑް އެއްބަސްވުމުގައި ސޮއިކޮށްގެންނެވެ. އަރަބި އެހެން ގައުމުތައް މިހާރު މިމަގު އިޚުތިޔާރުކުރަނީ ހަމަ މިސްރަށްވެސް ކުރިމަތިވީ ކަހަލަ މަޖްބޫރުކުރުމެއްގެ ތެރެއިންނެވެ.
މޮރޮކޯއިން އިޒްރޭލާ ގުޅުން ގާއިމުކުރީ ހުޅަނގު ސަހަރާގެ މައްޗަށް މޮރޮކޯއިން ގަދަކަމުން ހިންގާ ހުކޫމަތު ގަބޫލުކުރަން އެމެރިކާ އެއްބަސްވުމުންނެވެ. ހުޅަގު ސަހަރާއަކީ މޮރޮކޯގެ ދެކުނުން އޮންނަ ވަކި ސަރަހައްދެކެވެ. ކުރިން ސްޕޭނުގެ ވެރިކަމުގެ ދަށުގައިއޮތް ސަރަހައްދެކެވެ. ސްޕޭނުން އެ ސަރަހައްދު 1975 ގައި ދޫކޮށްލުމާއެކު މޮރޮކޯވަނީ އެސަރަހައްދަށް ވެރިވެގެންފައެވެ. އެކަމަކު އެއީ ގާނޫނީގޮތުން މޮރޮކޯގެ ސަރަހައްދެއް ކަމަށް ދުނިޔެއިން ގަބޫލެއް ނުކުރެއެވެ. އަވަށްޓެރި އަލްޖީރިޔާއާއި މޮރިޓޭނިއާއަކުންވެސް ގަބޫލެއް ނުކުރެއެވެ.
މޮރޮކޯއިން އިޒްރޭލުގެ ދައުލަތް ގަބޫލުކޮށް ސިޔާސީ ގުޅުން ގާއިމުކޮށްފިނަމަ އެމެރިކާއިން މޮރޮކޯއަށް ދޭން އެއްބަސްވި އިނާމަކީ ހުޅަނގު ސަހަރާގެ މިލްކުވެރިކަން އޮތީ މޮރޮކޯއަށް ކަމަށް ގަބޫލުކުރުމެވެ. އެމެރިކާއިން އެގޮތް ގަބޫލުކުރީމާ ޔޫރަޕުންވެސް ތަބާވެދާނޭ ކަމަށް ބަލައިގެންނެވެ. އަދި އދ އިންވެސް ހުޅަނގު ސަހަރާއާމެދު މިހާތަނަށް ގެންގުޅެމުން އައި އުސޫލު ބަދަލުކޮަށް އެއީ މޮރޮކޯގެ ބައެއްކަމަށް ގަބޫލުކޮށްފާނޭ ކަމުގެ އުއްމީދުގައެވެ. އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައިވާ ޚާއްސަ މަންދޫބު ޖަރެޑް ކުޝްނަރ ވަނީ މިޔަގީންކަން މޮރޮކޯއަށް ދެއްވައިފައެވެ.
ހުޅަނގު ސަހަރާ މިނިވަންކުރުމަށްޓަކައި ޕޮލިސާރިއޯ ޖަމާއަތުން ހަގުރާމަކުރަމުންދާތާ ފަންސާސް އަހަރުވަނީއެވެ. މިކަމާ ގުޅިގެން އަވަށްޓެރި ގައުމުތަކާ މޮރޮކޯގެ ގުޅުންވެސް އޮންނަނީ ނާޒުކް ފައްތަރެއްގައެވެ. އެހެންވީމާ ފަލަސްތީނަކާ ފަލަސްތީނެއް ދޫކޮށްލާފައި މޮރޮކޯއިން މިފަހަރު އިސްކަންދިނީ އަމިއްލަ މަސްލަހަތަށެވެ. ހުޅަނގު ސަހަރާގެ މިލްކުވެރިކަން ލިބިގަތުމަށެވެ. މޮރޮކޯ އެކަންޏެއް ނޫނެވެ. ސޫދާނާއި ބަހުރޭން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްއިންވެސް އިޒްރޭލުގެ ފަޅިޔަށް އެރީ މިކަހަލަ ގޮތަކަށް އަމިއްލަ މަސްލަހަތުގެ ހިމާޔަތުގައެވެ. މަޖްބޫރު ހާލަތެއްގައެވެ.
އެންމެ ކުޑަކުޑަ އެއްޗެއް ލިބިގެން އެންމެ ދެރަވަރު ގޮތަކަށް އިޒްރޭލާ ގުޅުން ގާއިމްކުރީ ސޫދާނުންނެވެ. ސޫދާނަށް އެމެރިކާއިން ހުށައެޅީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސޫދާނުގެ ނަން އުނިކުރަން ބޭނުންނަމަ އިޒްރޭލާ ގުޅުން ގާއިމް ކުރުމަށެވެ. މި ލިސްޓަށް ސޫދާނު ލައިގެން އުޅުނީވެސް އެމެރިކާއިންނެވެ. ލިސްޓަށް އެރީމާ ބިދޭސީ އިންވެސްޓްމަންޓުތައް ސޫދާނަށް ގެނައުން ވަނީ އުދަގޫވެފައެވެ. ލޯނުހޯދުން އޮތީ ދަތިވެފައެވެ. އެހެންވީމާ ކޮންމެ އަގެއް އަދާކޮށްގެންވިޔަސް މި ލިސްޓުން ސޫދާނުގެ ނަން އުނިވުމަކީ ސޫދާނުގެ އެންމެ ބޮޑު އެދުމެވެ.
ބަހުރޭނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ސައުދީ އަރަބިޔާއަކީ މިހާރު ގުޅިފައިވާ ސިޔާސަތެއް ގެންގުޅޭ ތިން ގައުމެވެ. މީގެ ތެރެއިން ސައުދީ އަރަބިޔާ ރަސްމީގޮތުން އިޒްރޭލާ ގުޅުން ގާއިމުނުކުރިޔަސް ނުސީދާގޮތުން ގުޅުން އޮތީ ބަދަހިވެފައެވެ. މިކަމުގެ ހެއްކަކީ އިޒްރޭލުގެ މަތިންދާބޯޓުފަހަރަށް ސައުދީ ވައިގެ ސަރަހައްދު ހުޅުވައިލުމާއި އިޒްރޭލާ ގުޅުން ގާއިމުކުރަން ދެކޮޅުހަދާ އިސްލާމީ ގައުމުތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް ސައުދީ ސަރުކާރުން އަޅަންފަށާފައިވާތީއެވެ.
އަރަބީންގެ ތެރެއިން ނަގާކިޔަންތިބި މުހިއްމު ގައުމުތައް އިޒްރޭލާ ގުޅުން ގާއިމުކުރީމާ ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާނޭ ބަޔަކު ދެން ނުތިބޭނެއެވެ. ދުނިޔޭގެ ފޯރަމްތަކުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލާނޭ މީހުންގެ އަދަދު މަދުވާނެއެވެ. މިއީ މިނިވަން މުސްތަގިއްލު ފަލަސްތީނެއް ވުޖޫދުކޮށް އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށް ހެދުމަށް ކުރެވެމުންދާ މަސައްކަތްތައް ކަފުންވެ މުޅިން ވަޅުލެވިދާނޭ ކަމެކެވެ. ފަލަސްތީނުގެ މައްސަލަ އަބަދުގެ އަބަދަށް އޮބިގެން ހިނގައިދާނޭ ކަމެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ