ރާއްޖޭގެ ހެޑް އޮފް ސްޓޭޓް ނުވަތަ އެންމެ މަތީ ވެރިޔާ ހޮވުމަށް ރައްޔިތުންނަށް ލިބިފައި އޮތް ބާރު ދޫކޮށްލުމަށްފަހު، އެހެން ނިޒާމެއް ރައްޔިތުން ހިޔާރު ކުރަންވީ ކޮން ކަމަކާ ހެދިގެންތޯ، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ސުުވާލުކުރެއްވުމުން، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ޝަރީފަށް ރައްދުދެއްވައިފިއެވެ.
ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މައްސަލައިގައި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދިފައިވާ އިރު، ޝަރީފު ގެންދަވަނީ ބަރުލަމާނީ ނިޒާމަށް ފާޅުގައި ދެކޮޅު ހައްދަވަމުންނެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމާ އެންމެ އިސްކޮށް އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށްވުމުން، އިމްތިޔާޒު ފަހުމީ (އިންތި) ފެންނަނީ ރައީސް ނަޝީދުގެ ހުރިހާ ސިޔާސަތުތަކަކަށް ތާއީދުކުރައްވާ މެންބަރެއްގެ ގޮތުގައެވެ.
ބަރުލަމާނީ ނިޒާމާ ދެކޮޅަށް މީގެ ކުރިންވެސް ޝަރީފް ވާހަކަދައްކަވާފައިވާ އިރު، ރޭ ކުރެއްވި ޓުވީޓެއްގައި ޝަރީފް ވިދާޅުވީ ވިރާސީ ރަސްކަމުގެ ބޯދާ އުސޫލަށް ދިވެހިން އަލްވަދާއު ކިޔައި، ޒަމާނީ ވެރިކަމުގެ ނިޒާމު ހިޔާރުކޮށްފައިވާ ކަމަށެވެ.
އެގޮތުން އެންމެ މަތީ ވެރިޔާ ހޮވާނީ އެމީހުންގެ ސީދާ ވޯޓުން ކަން ދިވެހި ރައްޔިތުން ނިންމާފައިވާ ކަމަށާއި އެއީ ރައްޔިތުންގެ އަތުގައި އޮތް ބޮޑު ބާރެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގައި އޮތް ވެރިކަމުގެ ނިޒާމަށް އިޝާރާތް ކުރައްވައި ޝަރީފް ވިދާޅުވީ، ކުއީން އަކީ ރައްޔިތުން ހޮވާ މީހަކަށް ނުވާތީ ޔޫކޭއަކީ ވިރާސީ ރަސްކަމެއް އޮތް ތަނެއް ކަމަށެވެ.
އެމެރިކާގެ ނިމިދިޔަ ރިޔާސީ އިންތިހާބަށް އިޝާރާތް ކުރައްވައި ޝަރީފް ވިދާޅުވީ، މިފަހަރު އެމެރިކާ ރައްޔިތުން ސަލާމަތްވީ، އެތަނުގައި ރިޔާސީ ނިޒާމެއް، ރައްޔިތުންގެ ވޯޓުން ވެރިޔަކު ހޮވުމަށް އޮތުމުން ކަމަށެވެ. "ބަރުލަމާނީއެއް ނަމަ ވާނެގޮތް ސިފަކުރަން ވެސް ދަތި،" ކަމަށް ޝަރީފް ވިދާޅުވިއެވެ.
އެހެންކަމުން ރާއްޖޭގެ ހެޑް އޮފް ސްޓޭޓެއް ހޮވުމަށް ދިވެހި ރައްޔިތުންނަށް ލިބިފައި އޮތް ބާރު ދޫކޮށްލައި، އެހެން ނިޒާމެއް ހިޔާރު ކުރަންވީ ކޮން ކަމަކާ ހެދިގެންތޯ، ޝަރީފް ސުވާލުކުރެއްވިއެވެ.
ޝަރީފްގެ މިވާހަކަތަކަށް ރައްދުދެއްވައި އިންތި ތުހުމަތުކުރައްވާފައިވަނީ ޝަރީފްގެ ވާހަކައިގައި ހަގީގަތް އޮޅުވާލައްވާފައިވާ ކަމަށެވެ. އަދި ރިޔާސީ ނިޒާމުގައި ސަރުކާރުގެ އިސް މަގާމު (ރައީސުލްޖުމްހޫރިއްޔާ) ފިޔަވައި ހުރިހާ މަގާމެއްގައި ތިބެނީ އިންތިހާބު ނުވާ މީހުން ކަމަށާއި އޭގެ ބަދަލުގައި ބަރުލަމާނީ ނިޒާމުގައި ސަރުކާރު ހިންގުމުގެ އިސް އެއްވެސް މަގާމެއްގައި ރައްޔިތުން އިންތިހާބު ނުކުރާ މީހެއް ނުހުންނާނެ ކަމަށް ވިދާޅުވިއެވެ.
އިންތި އިޝާރާތް ކުރައްވާފައި އެވަނީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެންބަރުންނަކީ ރައްޔިތުން އިންތިހާބު ކޮށްފައި ތިބޭ ބަޔަކަށްވާ އިރު، ބަރުލަމާނީ ނިޒާމުގައި ސަރުކާރުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ތިއްބަވާ ބޮޑު ވަޒީރާއި، އޭނާގެ ކެބިނެޓަށް މެންބަރުން އިންތިހާބު ކުރުން އޮންނާނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން މަޖިލީހުގައި ނަގާ ވޯޓަލުން ކަމަށްވާތީ ކަމަށެވެ.
އިންތި އިތުރަށް ވިދާޅުވެފައިވަނީ ރިޔާސީ ނިޒާމު ކިރިޔާވެސް ކާމިޔާބުވެފައިވަނީ އެމެރިކާގައި ކަމަށެވެ. އަދި "މުޅި ދުނިޔޭގައި އެއޮތްހާ ގިނަ ތަނަވަސް، މުއްސަނދި، ޑިމޮކްރެޓިކް ގައުމުތައް ބޯދާއީތޯ،" ވެސް އިންތި ސުވާލުކުރައްވާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު