ޕޮލެންޑްގެ ހީރޯއެކެވެ. މިދިޔަ 10 ވަރަކަށް އަހަރު ދުނިޔެ ދުށް އެންމެ މޮޅު އެއް ފޯވަޑެވެ. މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއެވެ. ގޯލަކަށްފަހު ގޯލެއް ޖަހައި، އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ ޗެމްޕިއަނެކެވެ. ރޮބާޓް ލެވަންޑޮސްކީއެވެ. ބަދު ނަސީބުކަމުން ބެލޮންޑިއޯ ގެއްލުނު ނަމަވެސް، ރޭގައި ލިބުނު ފީފާގެ "ދަ ބެސްޓް" އެވޯޑާއެކު ދުނިޔޭގެ ފުޓުބޯޅަ ތާރީހުގައި ލެވަންޑޮސްކީގެ ނަން ހަރުލައްވައިލިއެވެ. އެހިސާބުން އޭނާގެ ދަތުރަށް ޝައުގުވެރިކަން އުފެދިއްޖެއެވެ. އެވާހަކަ ދައްކަންވެސް ޖެހިއްޖެއެވެ.

ޒިއުރިކްގައި ރޭ ބޭއްވި ވާޗުއަލް ހަފްލާގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔަކީ ލެވަންޑޮސްކީކަން އިއުލާން ކުރީ ލިއޮނަލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯ ތިބި ޕްލެޓްފޯމެއްގައެވެ. ދުނިޔޭގެ ތާރީހުވެސް ދުށް އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށް ގިނަ ބަޔަކު ހެކިވާ ރޮނާލްޑޯއާއި މެސީ ފަހަށް ޖައްސާލައި، ދުނިޔޭގެ އެއްވަނައަށް އެރުމަށް ލެވަންޑޮސްކީ ކުރީ ބުރަ ދަތުރެކެވެ. ޚާއްސަކޮށް އޭނާ ބާކީވެ، އެތައް ފަހަރަކު "ރިޖެކްޝަން"އާ ކުރިމަތިލާން ޖެހުމަކީ ޒުވާން ކުޅުންތެރިންނަށް އެނގެން ޖެހޭ ފިލާވަޅެކެވެ.

މިދިޔަ ސީޒަނުގައި ކުޅުނު 47 މެޗުން 55 ގޯލު ޖެހީ ބަޔާން މިއުނިކާއެކު ޓްރެބަލް ހޯދި ލެވަންޑޮސްކީގެ އެވޯޑަށް ފާޑުކިޔާނެ، ސުވާލު އުފައްދާނެ ގިނަ ބަޔަކު ނެތެވެ. އެހިސާބަށް އުމުރުން 32 އަހަރުގެ ލެވަންޑޮސްކީ ދިޔައީ އުނދަގޫ މަގަކުންނެވެ. ހާލުގައި އުޅުނު ދިރިއުޅުމުގެ ފިލާވަޅުތަކުންނެވެ.

ލެވަންޑޮސްކީގެ އުމުރުން 17 އަހަރުގައި، 2005 ވަނަ އަހަރު އޭނާގެ ބައްޕަ ޒިސްޓޯފް މަރުވިއެވެ. ލެވަންޑޮސްކީގެ ބައްޕައަކީ ޔޫރަޕްގެ ޖޫނިއާ ޗެމްޕިއަނެކެވެ. އެ ދުވަސްވަރަކީ ޕޮލެންޑްގެ ހަތަރު ޑިވިޝަންގައި ކުޅެމުންދިޔަ ކުޑަކުޑަ ކްލަބެއް ކަމަށްވާ ލެގިއާއަށް ލެވަންޑޮސްކީ ދިޔަ ދުވަސްވަރެވެ. ޑެލްޓާ ވަރްސާވްއިން 14 ފަހަރުގެ ޗެމްޕިއަން ލެގިއާއަށް ދިއުމަކީ ލެވަންޑޮސްކީގެ ކެރިއަރުގެ ކުރިމަގަށް އެންމެ މުހިއްމު ދަނޑިވަޅެވެ.

ސައިކޮލޮޖިކަލީ ބޮޑެތި ޗެލެންޖުތަކަކާއެކު ވެސް ލެވަންޑޮސްކީ ލެގިއާގެ ރިޒާވް ޓީމުގައި ކޮންމެ މެޗެއްގައިހެން ކުޅެން ފެށި އިރަށް އޭނާ މާޔޫސްކޮށްލީ ބޮޑު ކަކުލުގެ އަނިޔާއެކެވެ. ކަކުލުގެ އަނިޔާއެއްގައި ލެވަންޑޮސްކީ ހުއްޓައި، އެ ކްލަބުން ނިންމީ ކްލަބުގެ ކުރިމަގަށް އޭނާ ބޭނުން ނުވާ ކަމަށެވެ. އެވަގުތު ކްލަބުގައި އިތުރު ވަރުގަދަ ފޯވަޑުން ތިބި ކަމަށް ބުނެ، ލެވަންޑޮސްކީ ޓީމުން ބޭރުކޮށްލިއެވެ.

އެ ވަގުތުކޮޅަކީ ލެވަންޑޮސްކީގެ މުޅި ފުޓުބޯޅަ ކެރިއަރުގައިވެސް އެންމެ ނާއުންމީދީ އެއް ވަގުތުކޮޅެވެ. އެންމެ ގާތުން އެކުގައި ހުރީ މަންމައެވެ. އޭނާގެ މަންމަ ކިޔައިދީފައިވާ ގޮތުގައި، އެ ދުވަހު ގެއަށް ގޮސް ކާ އެއްޗެއް ތައްޔާރުކޮށް ކާން ދޭން މަސައްކަތް ކުރި ނަމަވެސް، ލެވަންޑޮސްކީ އެއްވެސް ވަރަކަށް ކެއުމަށް ބޭނުން ނުވިއެވެ. ފެނުނީ އިންތިހާއަށް މާޔޫސްކޮށެވެ. ބައްޕަގެ ވަކިވުމާއެކު، ކެރިއަރު ހުއްޓި، މުޅިން މާޔޫސްވެ، އުންމީދު ގެއްލުނީއެވެ.

ފުޓުބޯޅަ ކުޅުމަށް ދެކެމުންދިޔަ ހުވަފެނުގައި ކުލަ ޖެއްސޭނެ އެއްވެސް ގޮތެއް ނެތިފައި ހުރި ފޯވަޑް، ލެވަންޑޮސްކީއަށް އައި ނަސީބުގެ ފޯނު ކޯލަކީ ތިންވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ނިކްސް ރުސްޒޯވްގެ ކޯލެވެ. އެ ކްލަބުގެ ރައީސަކަށް އޭރު ހުރި މަރެކް ސްލިވިންސްކީ ވިދާޅުވެފައިވާ ގޮތުގައި ލެވަންޑޮސްކީ އަކީ އެ ކްލަބުގެ "ގޯލްޑް ފިޝް" އެވެ.

އެހެން ވިދާޅުވުމުގެ ސަބަބެއްވެސް އެބައޮތެވެ. އެ ކްލަބުން ލެވަންޑޮސްކީ ގެންދިޔައީ އެއްހާސް ޕައުންޑްގެ އަގަކަށެވެ. އޭރު ލެވަންޑޮސްކީއަކީ ނިކްޒްގެ އެންމެ ބޮޑު ތަރިއެއް ނޫނެވެ. ލެވަންޑޮސްކީއަށް އޭރު މަހެއްގެ މައްޗަށް ދިން މުސާރައަކީ 230 ޕައުންޑެވެ. ލެވަންޑޮސްކީއާއެކު އޭރު ކުޅުނު ބައެއް ކުޅުންތެރިންނަށް މަހެއްގެ މައްޗަށް އޭގެ ތިން ގުނައަށް މުސާރަ ޖެހެއެވެ. އެކަމަކު ކްލަބުން ލެވަންޑޮސްކީއަށް ގެނެސްދިނީ "ހޯމް"އެއްގެ އިހުސާސެވެ.

ފުރަތަމަ ސީޒަންގައިވެސް 15 ގޯލު ޖަހައި ލެވަންޑޮސްކީ ވަނީ އޭނާގެ ކްލަބު ދެވަނަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދީފައެވެ. އެ ފޯމު ދެވަނަ ޑިވިޝަނުގައިވެސް ދެމެހެއްޓިއެވެ.

2007 ވަނަ އަހަރު ނިކްޒްގެ ކޯޗަކަށް ޖަސެކް ރެމްބޮކީ ހަމަޖެއްސި ހިސާބުން ލެވަންޑޮސްކީއަށް ބޮޑު ފުރުސަތެއް ފަހިވިއެވެ.

"އޭރު ނިކްޒްގައި ތިބި ވަރަށް ހުނަރުވެރި ފަސް ވަރަކަށް ކުޅުންތެރިން. އެ ކުޅުންތެރިން ޕޮލެންޑްގެ ފުރަތަމަ ޑިވިޝަންގައިވެސް ކުޅުނު. ޝައްކެއްވެސް ނެތް ލެވަންޑޮސްކީއަކީ އޭރުވެސް މެގަ ޓެލެންޓެއް. ބުރަކޮށް މަސައްކަތް ކުރި، ހުނަވެރި ކުޅުންތެރިއެއް. އެހެންވީ ލެގިއާއިން ކަންތައް ދިމާވި ގޮތުން. ލެވަންޑޮސްކީ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އިތުރަށް މަސައްކަތް ކުރަން ޖެހޭކަން އޭނާއަށް އިހުސާސްވި،" ކޯޗު ރެމްބޮކީ ލެވަންޑޮސްކީއާ ގުޅޭގޮތުން ބުނެފައިވެއެވެ.

ގްރެމްބޮކީއަށް ލެވަންޑޮސްކީގެ ފެންވަރު ވަޒަން ކުރަން މާ ގިނަ ދުވަހެއް ނުނެގިއެވެ. ކްރޮއޭޝިއާގެ ތަޖުރިބާކާރު ޓީމެއް ކަމަށްވާ އެލްކޭއެސް ލޮޑްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ލެވަންޑޮސްކީ ދެއްކި ތަފާތު ކުޅުމާއެކު ލެވަންޑޮސްކީ ގައުމީ ޓީމަށް އަރާނެކަމުގެ ޔަގީންކަން ލިބުނެވެ. އެހެންނަމަވެސް ބަޔާނަށް ގޮސް، ވިދާލާނެ ކަމަށް އޭރު ހީނުކުރާ ކަމަށްވެސް ރެމްބޮކީ ބުނެފައިވެއެވެ.

"އަހަރެންވެސް ޕޮލެންޑްގެ ގައުމީ ޓީމަށް ކުޅުނިން އެހެންވީމަ ލެވަންޑޮސްކީ ފެނުނު އިރަށް އެ ފެންވަރު ހުރިކަން އެނގިއްޖެ. އެކަމަކު ބަޔާނަށް ކުޅެ، އެހިސާބަށް ދާނެ ކަމަށް ހިއެއް ނުކުރަން. މިވަގުތު ޔޫރަޕްގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާއަށް ލެވަޑޮސްކީ ވުމަކީ އެންމެ އުފާވާ އެއް ކަންތައް. ލެގިއާއިން ހެދީ ބޮޑު ގޯހެއް. ފެންވަރު ނެތިގެން ލެވަންޑޮސްކީ އެއްލައިލުމަކީ ވަރަށް ބޮޑު ގޯހެއް،" ކޯޗު ރެމްބޮކީ ބުނެފައިވެއެވެ.

ނިކްޒްއަށް 21 ގޯލް ޖަހައި، އެޓީމު ފުރަތަމަ ޑިވިޝަނަށް ގެންދަން ލެވަންޑޮސްކީ ބޮޑު މަސައްކަތެއް ކުރި ނަމަވެސް، އެކަން ނާކާމިޔާބުވީ ހިތްދަތި ގޮތަކަށެވެ. ދެވަނަ ސީޒަން ނިމުމާއެކު މުޅި ޕޮލެންޑްގެ ފުރަތަމަ ޑިވިޝަން ލެވަންޑޮސްކީއަށް ލޯއަޅަން ފެށިއެވެ. އޭނާ ބާކީކޮށްލި ލެގިއާއިން 2008 ވަނަ އަހަރު ދެވަނަ ފަހަރު ލެވަންޑޮސްކީ ގެންދަން ހިފައިލިއެވެ. އެހެންނަމަވެސް އަނެއްކާވެސް ލެވަންޑޮސްކީއަށް "ދޯގާ" ދީ، ގެންދިޔައީ އެހެން ކުޅުންތެރިއެކެވެ. އެ ކުޅުންތެރިޔާ ފެއިލްވި އިރު، ލެވަންޑޮސްކީ ވަނީ 300،000 ޕައުންޑަށް ރުސްކޯވްއަށް ސޮއިކޮށް ވިދާލައިފައެވެ. އެ ކްލަބަކީ ލެގުއާގެ އެންމެ ވާދަވެރި ކްލަބެވެ.

ފުރަތަމަ ޑިވިޝަނުގައި ކުޅެން ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވެ ގައުމީ ޓީމަށް ނަގައިފިއެވެ. ސަން މެރީނޯއާ ދެކޮޅަށް 2010 ވަނަ އަހަރު ގައުމީ ޖާޒީގައި ލެވަންޑޮސްކީ ނުކުމެފައިވާ އިރު، މިއަދު އޭނާއަކީ ރެކޯޑް ގޯލް ޖެހުންތެރިޔާގެ އިތުރުން ގައުމީ ޓީމުގެ ހީރޯއެކެވެ. ކެޕްޓަނެވެ.

ޕޮލެންޑްގެ ފުރަތަމަ ދެ ސީޒަންގައި ވިދާލައި، ބޮޑު ޓްރާންސްފާއަކަށް ލެވަންޑޮސްކީ ތައްޔާރުވިއެވެ. އޭރު އިނގިރޭސި ފުޓުބޯޅައިގެ ގަދަ ބާރެއް ކަމަށްވާ ބްލެކްބާންރޯވާސްގެ ޓްރާންސްފާއަކަށް ލެވަންޑޮސްކީ ތައްޔާރުވެ، ވާހަކަތަކަށް އިންގްލެންޑަށް ދާން ބުކިންވެސް ހެއްދިއެވެ. އެކަމަށް އެޅިގެން ދިޔަ ހުރަހަކީ އައިސްލޭންޑްގެ ޖަފްޖައްލަޖޮއްކުލް އަލިފާން ފަރުބަދަ ގޮވައި، ޔޫރަޕްގެ އެ ސަރަހައްދުތަކުގެ ވައިގެ ދަތުރުފަތުރު ހުއްޓުނެވެ. އެ ދަނޑިވަޅުގެ ފައިދާ ނަގައި، ޑޯޓުމަންޑުން 4.5 މިލިއަން ޕައުންޑަށް ލެވަންޑޮސްކީ ގަތެވެ.

އޭރު ހިކިކޮށް ހުރި ލެވަންޑޮސްކީއަކީ ޔާގަން ކްލޮޕްގެ ފުރަތަމަ ޗޮއިސްއެއް ނޫނެވެ. އުނދަގޫ ހާލަތަކުން ޓީމަށް އަރައި، މަދު ދުވަސްކޮޅަކުން ތަފާތު ދެއްކިއެވެ. އެ ދިޔަ ބާރުމިނުގައި އަރައިގެން ގޮސް، 13-2012 ވަނަ އަހަރުގެ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ރެއާލް މެޑްރިޑް ކޮޅަށް ހަތަރު ގޯލް ޖަހައި، މުޅި ދުނިޔެއަށް އޭނާގެ ނަން އިއުލާންކޮށްލިއެވެ. އޭގެ އަހަރެއް ފަހުން ބަޔާނަށް ބަދަލުވެ، ރެކޯޑަކަށްފަހު ރެކޯޑެއް މުގުރައި، ނުވަ މިނެޓް ތެރޭ ވުލްވްސްބާގް ކޮޅަށް ފަސް ގޯލު ޖަހައި، 2015 ވަނަ އަހަރު ދުނިޔޭގެ ރެކޯޑު ފޮތުންވެސް ޖާގަ ހޯދިއެވެ.

ގައުމީ ޖާޒީގައި ކުޅުނު 116 މެޗުން 63 ގޯލް ޖަހާފައިވާ ލެވަންޑޮސްކީއަކީ މިއަދު ގައުމު ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއެވެ. ފުޓުބޯޅަ ތާރީހުގައި ފެނިގެންދިޔަ އައިކޯނިކް، ލެޖެންޑަރީ ކުޅުންތެރިންގެ ތެރެއަށް ލެވަންޑޮސްކީގެ ނަން އިތުރުވެ، މިއަދު އޭނާއަކީ ދުނިޔޭގެ އެއްވަނައެވެ.