ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް ވަނީ ފެއިލްވެފައި ކަމަށް ސްވިޑަންގެ ރަސްގެފާނު ވިދާޅުވެއްޖެއެވެ.

ސްވިޑަންގެ ރަސްގެފާނު ކާލް ގުސްޓަފް ވިދާޅުވީ އެގައުމުގައި ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ފެއިލްވެ ބަލީގެ ހާލަތު ކޮންޓްރޯލުންވެސް ނައްޓާފައިވާ ކަމަށެވެ.

ސްވިޑަންގެ ބޮޑުވަޒީރު ސްޓެފަން ލޮފްވެން ވެސް ވަނީ ރަސްގެފާނުގެ ވާހަކަފުޅަށް ތާއީދު ކުރައްވައިފައެވެ.

ބޮޑުވަޒީރު ވިދާޅުވީ ސްވިޑަންގައި ކޮވިޑް ޖެހިގެން ގިނަބަޔަކު މަރުވެގެންދިއުމަކީ ކޮވިޑާ ދެކޮޅަށް އެޅި ފިޔަވަޅުތައް ފެއިލްވެގެން ދިޔަކަމުގެ ހެއްކެއް ކަމަށެވެ.

ސްވިޑަންގައި ކޮވިޑް ހަލުވިކަމާއެކު ފެތުރެމުންދާއިރު އެގައުމުން އަދި މިހާތަނަށް މުޅި ގައުމު އެއްކޮށް ލޮކްޑައުން ކޮށްފައެއްވެސް ނުވެއެވެ. މިހާތަނަށް އެގައުމުން 350،000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެ 7800 މީހުން ބަލިޖެހިގެން މަރުވެފައި ވެއެވެ.