ލ. ޔޫތު ޑިވަލޮޕްމަންޓް (ލީޑް) އިން ކުރިއަށްގެންދާ ޔަމީ ނޫޑުލްސް ލީޑް 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިއަދު ކުޅުނު މެޗުތައް މާވަށު އެސްސީ އާއި ޑެޓްރޮއިޓްސް ޖޫނިއާސް މޮޅުވެއްޖެއެވެ.
ލ. ފޮނަދޫ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރަތުގައި މިއަދު ހަވީރު ފުރަތަމަ ކުޅެފައިވަނީ ގްރޫޕް ޑީގައި މާވަށު އެސްސީއާއި ސީ2އޭ ޖޫނިއާސްއެވެ. އެ މެޗު ފަސޭހަކަމާއެކު މާވަށު އެސްސީން ކާމިޔާބުކުރީ 8-1ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަހުމަދު އަޒުލާން އަލީ ފަސް ގޯލު ޖަހާފައިވާ އިރު، މާވަށުގެ އިތުރު ގޯލުތައް ޖަހައިދިނީ ހުސައިން ލާމިއު ހަސަނާއި މުހައްމަދު ޝިޔާނެވެ. ލާމިއު ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.
ސީ2އޭ ޖޫނިއާސްގެ ހަމައެކަނި ގޯލް ޖަހައިދިނީ އާހިލް އަލީއެވެ.
މިއަދު ހަވީރު ކުޅުނު ދެވަނަ މެޗަކީ ގްރޫޕް އޭގެ މެޗެކެވެ. އެ މެޗަކީ އެ ގްރޫޕުގައި ކުޅުނު ތިންވަނަ މެޗެވެ. މިއަދުގެ މެޗުގައި ޑީކޭއެންޒީއާއި ޑެޓްރޮއިޓްސް ޖޫނިއާ ވާދަކުރި އިރު، ޑީކޭއެންޒީ އޮތީ ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުން މޮޅެއް ހޯދައިފައެވެ. ޑެޓްރޮއިޓްސްއިން ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވުމުން އެޓީމަށް މިއަދުގެ މެޗު މުހިއްމެވެ.
މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައިރު، ޑެޓްރޮއިޓްސްއިން މެޗު ކާމިޔާބުކުރީ ފަހަތުން އަރައި 5-4 ގެ ނަތީޖާއަކުންނެވެ. ޑެޓްރޮއިޓްސްގެ ގޯލުތައް ހުސައިން މާދުއާއި އިބްރާހީމް ހާރިޝް ހުސައިނާއި ޒާން އަހުމަދު އަދި މުހައްމަދު އައިހަމް ޖަހައިދީފައިވާ އިރު، ޑީކޭއެންޒީގެ ގޯލުތައް ޖަހައިދިނީ އަހުމަދު އަނޫފާއި އަލީ އަޖުމަލްގެ އިތުރުން މުހައްމަދު ޝަމާއީލް އަހުމަދެވެ. ޝަމާއީލް ވަނީ މެޗުގެ ދެ ގޯލު ޖަހައިފައެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހާއިޝްއެވެ.
ލ. އަތޮޅުގެ ހަތް ރަށަކަށް ނިސްބަތްވާ 13 ޓީމާއެކު ކުރިއަށްދާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ. މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސަމަން ޓްރޭޑާސްއިން ޑިސްޓްރިބިއުޓްކޮށް މާކޭޓް ކުރާ ޔަމީ ނޫޑްލްސްއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.
ބުލީ ކުރުމާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކޮށް، ފޮނަދޫ ޕޮލިހާއެކު މުބާރާތުގެ ތެރެއިން ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ލީޑުން ނިންމާފައިވާ އިރު، އެ ހަރަކާތް ހިންގަމުންދާނީ "ސްޓޮޕް ބުލީން - ޓޭކް އަ ސްޓޭންޑް، ލެންޑް އަ ހޭންޑް"، އެ ޝިޔާރުގެ ދަށުންނެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެ މެޗު މިއަދުވެސް އޮންނާނެއެވެ. ފުރަތަމަ މެޗުގައި އައިޑިއާ އާއި އެފްސީ މަގުމަތި ވާދަކުރާ އިރު، ދެވަނަ މެޗުގައި ބެންޗު ނުކުންނާނީ ސޮކާ އެކަޑަމީ އޮފް ކުނަހަންދޫއާ ދެކޮޅަށެވެ.
ލީޑް 16 އަހަރުން ދަށުގެ ފުޓްސަލް ފިއެސްޓާ
ލީޑް 16 އަހަރުން ދަށުގެ ފުޓްސަލް ފިއެސްޓާ
ލީޑް 16 އަހަރުން ދަށުގެ ފުޓްސަލް ފިއެސްޓާ
ލީޑް 16 އަހަރުން ދަށުގެ ފުޓްސަލް ފިއެސްޓާ