އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ މަގުޗާޓު، "އަ ބްރައިޓާ ފިއުޗާ ފޯ މޯލްޑިވްސް ޕަވާޑް ބައި ރިނިއުބަލްސް- ރޯޑްމެޕް ފޯ ދި އެޖާނީ ސެކްޓާ އޮފް ދަ މޯލްޑިވްސް 2020-2030" އިފްތިތާހުކޮށްފިއެވެ.
އޮންލައިންކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަގުޗާޓު އިފްތިތާހުކުރި އިރު، އެ ރަސްމިއްޔާތުގައި އޭޑީބީއާއި އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީ އަދި ޔުޓިލިޓީ ކުންފުނިތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކުރިއަށް އޮތް ދިހަ އަހަރު ހަކަތައިގެ ދާއިރާގެ ކުރިއެރުވުމަށްޓަކައި އެކުލަވާލައިފައިވާ މި މަގުޗާޓަކީ ސަރުކާރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖިކް އެކްޝަން ޕްލޭނަށް ބިނާކޮށް އޭގައިވާ ކަންކަން ހާސިލުވާނެގޮތަށް އެކުލަވާލައިފައިވާ މަގުޗާޓެކެވެ.
މި މަގުޗާޓުގައިވާ ގޮތުން ދަތުރުފަތުރާއި ފަތުރުވެރިކަމާއި ކަރަންޓު އުފައްދައި ފޯރުކޮށްދިނުމާއި ބޭނުންކުރުން ފަދަ ރާއްޖޭގެ މައިގަނޑު އިޖުތިމާއީ އަދި އިގުތިސޯދީ ދާއިރާތައް ކުރިއެރުވުމުގެ މަސައްކަތައް އެކުލަވާލައި ހިންގާނީ ހަކަތަ ސަމަކާރަ ކުރުމާއި އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުމާއި އާ އުފެއްދުންތެރި ޓެކްނޮލޮޖީތައް ބޭނުންކުރުން އިތުރުކުރެވޭނެ ގޮތަށެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި މަގުޗާޓުގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއަރުވާ ތަރައްގީކުރުމަށް ބޭނުންވާ މާލީީ އެހީ ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.