ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް)ގެ ގެއްލުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި 129 މިލިއަން ރުފިޔާއަށް އަރައިފިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަންތައް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާންމުކުރި މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް ލިބުނު އާމުދަނީ ވަނީ 76 ޕަސެންޓް ދަށްވެފައެވެ.
އެގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 458 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 109 މިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 414 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އައިއޭއެސް އަށް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި 12.5 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު އިރު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ 129.5 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓާގައި ލިބިފައިވަނީ 24.2 މިލިއަން ރުފިޔާގެ ގެއްލުމެކެވެ. އެއީ 435 ޕަސެންޓްގެ ގެއްލުމެކެވެ.
ލޮކްޑައުންގެ ސަބަބުން އޮފީސް ބަންދުކޮށްފައިވާތީ އެކުންފުނީގެ ހިންގުމުގެ ބައެއް ހަރަދުތައް ވަނީ ދަށްވެފައެވެ. އެގޮތުން ހިންގުމުގެ ހަރަދު 45 މިލިއަން ރުފިޔާ ދަށްވެފައިވާ އިރު، މުސާރަ އާއި އިނާޔަތްތަކަށް ކުރި ހޭދަ ވަނީ 20.9 މިލިއަނަށް ދަށްވެފައެވެ.
ރިޕޯޓުގައިވާ ގޮތުން ކުންފުނިން ކުރު މުއްދަތެއްގައި ދައްކަންޖެހޭ ދަރަނި ބޮޑު ކަމަށެވެ. މީގެ އިތުރުން ބޭންކް އޯވާޑްރާފްޓެއް އޮތުމުގެ ސަބަބުން ކުންފުނީގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށެވެ. އެހެންކަމުން އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ލަފާދީފައެވެ. އަދި ކްރެޑިޓް ކޮންޓްރޯލް ޑިޕާޓްމެންޓުގެ މަސައްކަތް ހަރުދަނާ ކުރުމަށާއި ކުންފުންޏަށް ލިބެންޖެހޭ ފައިސާ ފަސޭހައިން ލިބޭނެ ގޮތްތަކެއް ހޯދައި އެފަރާތްތަކާއެކު އެއްބަސްވުމަކަށް އައުމަށް ވެސް ލަފާދީފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު