އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، ރީކޯ މޫސާ މަނިކުގެ ރަހާ ރިސޯޓުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މޫސަ ދާދި ފަހުން ބައްދަލުވުމެއް ބާއްވާފައި ވަނިކޮށް، އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުވެސް މޫސައާ ބައްދަލުކުރައްވައިފި އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި ރީކޯ މޫސަ މިވަގުތު ތިއްބެވީ ކ. އަތޮޅުގެ ރިސޯޓެއްގަ އެވެ. އެ ދެބޭފުޅުން މާލެއިން ފުރާވަޑައިގެންފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި އެއް ނަންބަރު ފާލަމުންނެވެ. އެ ދެބޭފުޅުން އެއް ނަންބަރު ފާލަމުން ލޯންޗަށް އަރާވަޑައިގަންނަވަނިކޮށް ވަންގެ ފޮޓޯގްރާފަރުންނަށް ވަނީ ފެނިފައެވެ. އަދި އެ ފޮޓޯވެސް ވަނީ ނަގައިފަ އެވެ. އޭގެ އިރުގަނޑެއް ފަހުން، މަޖިލިސް ރައީސް ނަޝީދު ވަނީ އެމަނިކުފާނާއި މޫސަ އެކީގައި ނަންގަވާފައިވާ ފޮޓޯއެއް އެމްޑީޕީގެ ގައުމީ މަޖިލިސް ގުރޫޕުގައި ހިއްސާ ކުރައްވައިފަ އެވެ.

މިކަމާ ގުޅޭ ގޮތުން "ވަން" ރީކޯ މޫސައަށް ގުޅައި ސުވާލު ދެންނެވުމުން ދަތުރުގެ މާބޮޑު ތަފްސީލެއް ނުދެއްވި އެވެ. ވިދާޅުވީ ރައީސް ނަޝީދަކީ ޒަމާންވީ އެކުވެރިއެއް ކަމަށާއި އެގޮތުގެ މަތީން ބައްދަލުކޮށްލެއްވީ ކަމަށެވެ. އެހެން ނަމަވެސް މި ބައްދަލުކުރެއްވުމުގައި ސިޔާސީ ވާހަކަތައްވެސް ދެކެވުނު ކަމަށް މޫސަ ވިދާޅުވި އެވެ.

ދާދި ފަހުން ރައީސް ސޯލިހު ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނާ ވަކީން މޫސަގެ ރަހާ ރިސޯޓަށް ވަޑައިގެން އެ ރަށުގައި އެއްރޭ ހޭދަ ކުރެއްވުމާ ގުޅިގެން، ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ މިއީ މޫސަ އެނބުރި އެމްޑީޕީއަށް ވަޑައިގަތުމުގެ އިޝާރާތެއް ކަމަށް ބުނެފަ އެވެ. އެ ދަތުރާ ގުޅިގެން ވެސް "ވަން" އިން ސުވާލު ދެންނެވުމުން މޫސަ ވިދާޅުވީ ޒަމާންވީ އެކުވެރިއެއް ކަމަށް ވާތީ، ބައްދަލުކޮށްލައްވަން ވަޑައިގަތީ ކަމަށެވެ.

މަޖިލިސް ރައީސް، އަދި އެމްޑީޕީގެ ރައީސާ އެކު މި ބާއްވަވާ މަޝްވަރާތަކުގައި އެމްޑީޕީއަށް ވަޑައިގަތުމަށް ދައުވަތު ދެއްވިތޯ ސުވާލު ދެންނެވުމުން މޫސަ އެކަމަށް ސީދާ ޖަވާބެއް ނުދެއްވި އެވެ. އެހެން ނަމަވެސް އޭނާ ދެއްވީ އެމްޑީޕީއާ ގުޅިވަޑައިގެންފާނެ ކަމުގެ އިޝާރާތެކެވެ. އަދި އެ ވަގުތު ކައިރިވެއްޖެ ކަމުގެ ސިގްނަލެކެވެ.

"ދެން އަބަދުވެސް އެމްޑީޕީއަށް ލޯބި އޮންނާނެ. އެއީ އަބަދުވެސް އެކަން އޮންނާނެ ގޮތް. އެމްޑީޕީ ގަދަޔަށް ހިނގަން އެބަ ޖެހޭ." މޫސަ ވަން އަށް ވިދާޅުވި އެވެ.