އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް ސާބިތު ކުރުމަށް، އެ ހިޔާނާތުގެ އެންމެ އިސްކޮށް އުޅުނު ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބުދުލް ޣަފޫރާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބުދުﷲ ޒިޔަތުގެ ފަރާތުން ދައުލަތުން ހެކި ގަނެފައިވާ ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލު އަދި އެމަނިކުފާނުގެ ފުރަތަަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅުންހުރި މަނީލޯންޑަރިންގެ މައްސަލައެއް ސާބިތުވެގެން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ރައީސް ޔާމީން ތަންފީޒު ކުރަމުންދާ އިރު، އެމަނިކުފާނުގެ މައްޗަށް ދައުލަތުން އިތުރަށް އުފުލާފައިވާ މަނީލޯންޑަރިން އާއި ރިޝްވަތުދިނުމުގެ ދައުވާއާ ގުޅުގެން އެމަނިކުފާނާ ބައްދަލުކުރުމަށް ދައުލަތުން ވަކީލުންނަށް ހުރަސް އަޅާ މައްސަލައިގައި، ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ޑރ. ޖަމީލު ވިދާޅުވީ، އެގޮތަށް ހެކި ގަތުމަކީ ގާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށެވެ.

އެގޮތަށް ހެކި ހޯދުމަކީ ޣައިރު ދުސްތޫރީކަމެއް ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ، އެމްއެމްޕިއާރުސީގެ މައްސަލައިގައި އަދީބާއި ޒިޔަތުގެ މައްޗަށް 800 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެފައިވާ އިރު، އެމީހުންގެ މައްޗަށް އިއްވީ އާދައިގެ ފިހާރައަކުން ވައްކަން ކުރި މީހަކަށް އިއްވާ ހުކުމަށްވުރެވެސް ކުޑަ ހުކުމެއް ކަމަށެވެ. އަދި އެ ހުކުމާއެކު އަދީބު ހުންނެވީ ގެއަށް ބަދަލުކޮށްފައިވާ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

އެމްއެމްޕިއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އަދީބާއި ޒިޔަތުގެ މައްޗަށް އެތައް ދައުވާތަކެއް ދައުލަތުން ކޮށްފައިވާ އިރު، އެ ދައުވާތަކަށް އެއްބަސްވެ، އެ މައްސަލައިގައި ދައުލަތަށް އެއްބާރުލުމާބެހޭ އެއްބަސްވުމެއް، ޕީޖީއާއެކު ހެދުމުގެ ސަބަބުން އެ ދެމީހުންނަށް ވަނީ ލުއިތަކެއް ދީފައެވެ. އެ ލުއިތަކުގެ ތެރެއިން ހުކުމަށް ލުއި ގެނެސް، އަދީބުގެ މައްޗަށް 20 އަހަރު އަދި ޒިޔަތުގެ މައްޗަށް 11 އަަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ.

އެ ހުކުމާއެކު އަދީބު ގެއަށް ވަނީ ބަދަލުކޮށްފައެވެ. ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވީ އަދީބު ގެއަށް ބަދަލުކުރީ، އޭނާ ނިދުމަށް މެޝިނެއް ބޭނުންކުރަންޖެހޭތީ ކަމަށެވެ.

މިއަދުގެ ނިއުސް ކޮންފަރެންސްގައި ޑރ. ޖަމީލު ވިދާޅުވީ، އެ ދެމީހުންގެ މައްޗަށް ކުރި ދައުވާއަށް އައި ބަދަލުތަކަށް ބަލާއިރުވެސް އެއީ ރައީސް ޔާމީނާ ދެކޮޅަށް ހެކި އުފެއްދުމަށްޓަކައި އެ ދެމީހުންނަށް ދިން ހަދިޔާއެއްކަން ސާބިތުވާ ކަމަށެވެ.

ޖަމީލު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައަކީ ރައީސް ޔާމީންގެ ދައުރުގައި ތަހުގީގުކޮށް ނިމިފައިވާ މައްސަލައެއް ކަމަށެވެ. އެ މައްސަލައިގައި 200 އަށްވުރެ ގިނަ މީހުންގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް އެމްއެމްޕިއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތު، އެމްޑީޕީގެ ލީޑަޝިޕުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނޭގޮތަށް 300 އަށްވުރެ ގިނަ މީހުންނަށް ކޮށްފައިވާ އިރު، އެ މައްސަލައާ ގުޅިގެން ކުރިއަށް ދަނީ ހަމައެކަނި ރައީސް ޔާމީންގެ މައްސަލަ ކަމަށް ޖަމީލު ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައިވާ މައްސަލައިގައި ހައިކޯޓަށް ހުށަހެޅި މައްސަލައިިގައި އިސްތިއުނާފުގެ އަޑުއެހުންތައް ނިމިގެން އެތައް ދުވަހެއް ވީއިރުވެސް އެ މައްސަލައިގެ ހުކުމް އިއްވުން އަވަސްކުރުމުގެ ބަދަލުގައި، ފެނިގެންދަނީ މި ދަނޑިވަޅުގައިވެސް އަވަސް އަރުވާލައިގެން ޕީޖީން ރައީސް ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއް ކުރަން އުޅޭތަން ކަމަށްވެސް ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ، މިހާރުގެ ރައީސް އަދި އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހަށްވެސް އެމްއެމްޕިއާރުސީގެ ކޮރަޕްޝަންގެ ތުހުމަތުތައް ކުރެޥޭ ކަމަށެވެ. އަދި އެ މައްސަލައިގައި އަދީބާއި ޒިޔަތުގެ މައްޗަށް ދައުވާކުރުމުގެ ބަދަލުގައި އެ ދެމީހުންނަށް ހަދިޔާދީގެން ރައީސް ޔާމީންގެ މައްޗަށް ހެކި އުފައްދަނީ، އެ ދައުވާތައް އަދީބާއި ޒިޔަތުގެ މައްޗަށް ކޮށްފިނަމަ ދައުލަތުގެ ލީޑަޝިޕްގައި ތިއްބެވި ފަރާތްތަކާއި، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ފަރާތްތައް އެ މައްސަލައިގައި ބެދޭނެތީ ކަމަށެވެ.