ދައުލަތުގެ އިދާރާތަކުން ހިންގާ ފަސް މިލިއަން ރުފިޔާއަށް ވުރެ ދަށުގެ ހުރިހާ މުއާމަލާތްތަކެއްގެ މައުލޫމާތު ހާމަކުރަން ޖެހޭ ގޮތަށް މާލިއްޔަތާ ބެހޭ އުސޫލަށް ފިނޭންސް މިނިސްޓްރީން ގެނައި ބަދަލަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މަރުހަބާ ކިޔައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ބުދަ ދުވަހު އާންމުކުރި މާލިއްޔަތާބެހޭ ސާކިއުލާގައި ބުނެފައިވަނީ، ޕްރޮކިއުމަންޓަކަށް 15 ޕަސެންޓަށްވުރެ އިތުރަށް އެޑްވާންސްގެ ގޮތުގައި ފައިސާ ދިނުމުގައާއި އެއްފަހަރާ ފައިސާ ދައްކައިގެން ނޫނީ ލިބެން ނެތް މުދަލާއި ހިދުމަތުގެ އަގު 35،000 ރުފިޔާއަށް ވުރެ ބޮޑުނަމަ އެ ފައިސާ އެއްފަހަރާ ދޫކުރުމުގެ ކުރިން މިނިސްޓްރީއަށް އަންގަންވާނެ ކަމަށެވެ.

އޭގެ އިތުރުން ސަރުކާރުގެ އޮފީހާއި އިދާރާތަކުން ޕްރޮކިއުމަންޓްތައް އެވޯޑްކޮށްފައިވާ ފަރާތުގެ މައުލޫމާތު، އެ ޕްރޮކިއުމަންޓެއް އެވޯޑްކުރި ތާރީހުން ފެށިގެން ސަރުކާރު ބަންދު ނޫން ފަސް ދުވަހުގެ ތެރޭގައި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރުމަށް ވެސް ސާކިއުލާގައި ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން ޓްރާންސްޕޭރަންސީން މިއަދު ބުނީ، ދައުލަތުގެ ޕްރޮކިޔުމަންޓުގެ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ދައުލަތުގެ މާލިއްޔަތު ގަވައިދު ފުރިހަމައަށް ތަންފީޒުވާ ގޮތަށް ގެނައި ބަދަލަށް މަރުހަބާ ކިޔާ ކަމަށެވެ.

ދައުލަތުގެ ބޮޑުބައެއް މުދަލާއި ހިދުމަތް ހޯދުމަށް ހޭދަކުރާއިރު ޕްރޮކިޔުމަންޓްގެ ދަށުން ކުރާ މުއާމަލާތްތަކުގައި މަސްލަހަތު ފުށުއެރުމާއި ކޮރަޕްޝަނަށް މަގުފަހިވާނެ ކަމަށް ވެސް އެޖަމިއްޔާ އިން ބުންޏެވެ.

"ހާމަކަން ބޮޑު، އިންސާފުވެރި އަދި ވާދަވެރި ޕްރޮކިޔުމަންޓް މަރުހަލާއަކުން ވިޔަފާރީގެ ފުރުސަތުތައް މަގުފަހިވުމުގެ އިތުރުން އިގުތިސޯދީ ކުރިއެރުމަށް ހެޔޮ އަސަރު ކުރާނެ،" ޓްރާންސްޕޭރަންސީން ބުންޏެވެ.