ވަޅިން ބިރު ދައްކައި، އަންހެނަކު ރަހީނު ކުރި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި އާދަމް އަތުހަރު މަރުވި މައްސަލައިގައި މިނިވަން ތަހުގީގެއް ކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފިއެވެ.

އަތުހަރު މަރުވީ، ދޫނިދޫ ޖަލުގެ ގޮޅިއެއްގައި އަމިއްލައަށް ދަންޖެހިގެން ލިބުނު އަނިޔާތަނަށް ފަރުވާ ދެމުންދަނިކޮށް އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

ފުލުހުން އިއްޔެ ވަނީ އަތުހަރު ދަންޖެހުނު ހާދިސާއާ ގުޅޭ ޓައިމްލައިނެއް އާންމުކޮށްފައެވެ. އޭގައިވާ ގޮތުން އަތުހަރު ދަންޖެހިފައި ހުއްޓައި ފެނުނީ އިއްޔެ އިރުއޮއްސި 7:02 ގައެވެ. އަދި ހަމަ އެ ވަގުތު ގޮޅިއަށް ވަދެ އަތުހަރު ނަގައި ބިންމަތީ ބޭއްވި ކަމަށާއި އޭގެ ތިން މިނެޓް ފަހުން ސްޓްރެޗަރުގައި އޭނާ ނެރެގެން މިނެޓެއް ތެރޭ ދޫނިދޫ ކްލިނިކަށް ގެންދިޔަ ކަމަށްވެސް ޓައިމްލައިންގައިވެއެވެ.

ފުލުހުން ބުނި ގޮތުގައި، ދޫނިދޫ ކްލިނިކަށް ގެންދިއުމަށްފަހު އަށް މިނެޓު ފަހުން އަތުހަތު ލޯންޗެއްގައި މާލެ ގެނައެވެ. އަދި އައިޖީއެމްއެޗް އިމަޖެންސީއަށް އޭނާ ގެންދެވުނީ 7:25 ގައި ކަމަށް ބުންޏެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފުލުހުންގެ ބަންދުގައި އަތުހަރު ހުއްޓައި އޭނާގެ ހާލު ދެރަވެގެން އައިޖީއެމްއެޗު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މަރުވުމާއި އެ މައްސަލައިގެ ސީންއަށް އެޓެންޑު ކުރި ގޮތާއި އެ ހިސާބަށް އެ މައްސަލަ ދާން މަގުފަހިވި ސަބަބުތަކާ ގުޅޭ ގޮތުން އެ ޖަމިއްޔާ އިން ކަންބޮޑުވާ ކަމަށެވެ. އަދި އަތުހަރުގެ މަރުގެ މައްސަލަ މިނިވަންކަމާއި އިންސާފުވެރިކަމާއި ފުރިހަމަ އަދި ހާމަކަން ބޮޑުގޮތެއްގައި ތަހުގީގުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ކަމާ ގުޅުން ހުރި ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް ގޮވާލިއެވެ.

"ވަކިން ހާއްސަކޮށް އަތުހަރު ހައްޔަރުކުރެވުނު ގޮތާއި މަރުހޫމުގެ ސިއްހީ ހާލަތަށް ބަލައި ރިމާންޑްގައި ބަންދުކުރުމަށް ނިންމުނު ސަބަބުތައް ބެލުމަކީ ކޮންމެހެން މުހިންމުކަންކަން ކަމުގައި ގަބޫލުކުރަމެވެ." ޓްރާންސްޕޭރެންސީން ބުންޏެވެ.

ޓްރާންސްޕޭރެންސީގެ ބަޔާނުގައި ވަނީ އެ ތަހުގީގު ކުރުމުގައި އަތުހަރުގެ އާއިލާއަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމާއި އާއިލާއަށް އިހުތިރާމު ކުރެވޭ ފަދަ ގޮތަކަށް ތަހުގީގު ކުރިއަށް ގެންދިއުމަށް ގޮވާލައިފައެވެ. އަދި ބަންދުގައި ބައިތިއްބާ ފަރާތްތަކުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށްވެސް ބުންޏެވެ.