ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ދަ ގްރާންޑޭއިން ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗުގައި ޓީސީ އަތުން ދަ ގްރާންޑޭ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

މީގެ ދެ ސީޒަން ކުރިން ޓީސީން ރާއްޖޭގެ ލީގު ނެގި ނަމަވެސް މިހާރު ޓީމުގެ ސްކޮޑުން ވަނީ މުހިއްމު ކުޅުންތެރިންތަކެއް ގެއްލިފައެވެ. ހާއްސަކޮށް މި ސީޒަނަށް އެ ކްލަބު ނުކުތީ ޓީމުގެ ބޭންޑް އަޅައިގެން ކުޅެމުން ދިޔަ ޑިފެންޑަރު އަހުމަދު ފައްރާހް (ފައްރަ) ވެސް ނުލައެވެ. މެޗުގެ ކުރިން ކޯޗު މުހައްމަދު ޝާޒްލީ ބުނެފައިވަނީ މިފަހަރު ޒުވާން ސްކޮޑަށް އިތުބާރުކޮށް، މެނޭޖުމަންޓާއެކު ކްލަބު އަލުން ކޮޅަށް ޖަހަން މަސައްކަތް ކުރާނެ ކަމަށެވެ.

މެޗުގެ 29 ވަނަ މިނެޓުގައި ދަ ގްރާންޑޭއަށް ލީޑު ނަގަން ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު ދަ ގްރާންޑޭގެ ހައިދަރޯފް އޮޓަބެޓްއަށް ޓީސީގެ ސްރީލަންކާ ޑިފެންޑަރު ޔޯގެންދްރަން ޑަކްސަން ކުރި ފައުލަށް ރެފްރީ ދިން ޕެނަލްޓީ ގާސިމް ސައްމާމް (ސައްމޭ) ޖެހުމުން ޓީސީގެ ގޯލްކީޕަރު މަމަދޯފް އާޒާދް މަތަކުރިއެވެ.

ރަނގަޅު އޮއިވަރެއްގައި ކުޅެމުންދިޔަ ދަ ގްރާންޑޭއިން ލީޑު ނެގީ 35 ވަނަ މިނެޓުގައި ކެޕްޓަން ޔަސްދާފު ހަބީބް (މުލަކޭ)ގެ ގޯލުންނެވެ. ޓީސީގެ ޑިފެންސް ލައިން މަތިން ބިދޭސީ ކުޅުންތެރިޔާ ހައިދްރަފޯފް ނަގައިދިން ހުރަސް މުލަކޭގެ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފައެވެ.

ހާފް ނިމުމުގެ ކުރިން ދަ ގްރާންޑޭ އިން ވަނީ ލީޑު ފުޅާވެސް ކޮށްފައެވެ. އޭރިއާ ތެރެއިން އުމަރްޖޮނޯފް ދިން ބޯޅައަކުން ދެވަނަ ގޯލް ޖެހީ އިބްރާހިމް ނޫރައްދީނެވެ.

ޓީސީން ދެވަނަ ހާފުގައި މެޗަށް އަނބުރާ ވަނުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް އެންމެ އެދެވޭ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.

ދެވަނަ ހާފުގައިވެސް ހާފުގައި ވެސް ތަފާތު ދެއްކީ ދަ ގްރާންޑޭ އިންނެވެ. އެ ޓީމުން ތިން ވަނަ ގޯލް 81 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހައިދަރޯފްއެވެ. މެޗުގައި ދަ ގްރާންޑޭގެ ބިދޭސީ ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔަ ކުޅުން ވަރަށް ބޮޑަށް ފާހަގަކޮށްލެވެއެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ވެލެންސިއާ ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.