ޔަމީ ނޫޑްލްސް ލީޑް 16 އަހަރުން ދަށުގެ ފުޓްސަލް ފިއެސްޓާގެ ގުރުއަތުލުން ބާއްވައިފިއެވެ.
ލ. އަތޮޅަށް ހުޅުވާލައިގެން ލާމު ޔޫތު ޑެވަލޮޕްމަންޓް (ލީޑް) އިން އިންތިޒާމިކޮށްގެން ކުރިއަށްގެންދާ ފުޓްސަލް ފިއެސްޓާގެ ގުރުއަތުލުން ރޭ ބާއްވާފައިވަނީ ލ. ފޮނަދޫގެ ޕިޒްކާ ރެސްޓޯރަންޓުގައެވެ. ގުރުއަތުލުމުގެ އިވެންޓުގައި ލީޑްގެ އިސްވެރިންގެ އިތުރުން ފޮނަދޫ ޕޮލިހުގެ އިސްވެރިންވެސް ވަނީ ބައިވެރިވެފައެވެ. އޭގެ އިތުރުން ޓީމުތަކުގެ އޮފިޝަލުންނާއި މުބާރާތުގެ ހިންގާ ކޮމިޓީގެ މެމްބަރުން ރޭގެ ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.
ރޭގެ ހަފުލާގައި މުބާރާތުގައި ކުރިއަށްގެންދާ ހާއްސަ އަވެއާނެސް ކެމްޕޭންވެސް ވަނީ އިފްތިތާހުކޮށްފައެވެ. ލީޑާއި ފުލުހުން ގުޅިގެން މުބާރާތުގެ ތެރެއިން ގަނާ ނުވަތަ ބުލީ ކުރުމާ ދެކޮޅަށް ހާއްސަ ކެމްޕޭނެއް ކުރިއަށްގެންދިއުމަށް ރޭ ވަނީ އިއުލާންކޮށްފައެވެ. އޭގެ އިތުރުން މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަށް، ކޮފީ ޕާޓްނަރު ޕިޒްކާގެ ފަރާތުން ހާއްސަ ޑިސްކައުންޓް ކާޑެއް ވަނީ ހަދިޔާކޮށްފައެވެ.
މުބާރާތުގައި ޖުމްލަ 13 ޓީމު ވާދަކުރާ އިރު، ލ. އަތޮޅުގެ ހަތް ރަށެއްގެ ޓީމުތައް މުބާރާތުގައި ކުޅޭނެއެވެ. މުބާރާތް ކުރިއަށްދާނީ ފޮނަދޫ ފުޓްސަލް ދަނޑުގައެވެ. މުބާރާތުގެ ކުޅުން ފެށޭނީ މިމަހު 15 ވަނަ ދުވަހުއެވެ. މުބާރާތުގެ 13 ޓީމު ހަތަރު ގްރޫޕަކަށް ބަހާލާފައިވާ އިރު، ކުއާޓާއަށް ދަތުރު ކުރާނީ ކޮންމެ ޓީމަކުންވެސް ދެޓީމެވެ.
- ގްރޫޕް އޭ: ޑެޓްރޮއިޓްސް ޖޫނިއާ، އައިޑިއާ، ޑީކޭއެންޒެޑް، އެފްސީ މަގުމަތި
- ގްރޫޕް ބީ: ބެންޗް، މަތިވަރު ޖޫނިއާ، ސޮކާ އެކަޑެމީ އޮފް ކުނަހަންދޫ
- ގްރޫޕް ސީ: ހިތަދޫ ޔޫތު އެންޑް ވެޓެރެންސް ސްޕޯޓްސް ކްލަބު، ޑީބީ ސްޕޯޓްސް ކްލަބު، ޔަންގް ސްޓާ
- ގްރޫޕް ޑީ: މާވަށު އެސްސީ، ސީ2އޭ އެކަޑެމީ، ސީ2އޭ ޖޫނިއާސް
މުބާރާތުގެ ޗެމްޕިއަން ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ. މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސަމަން ޓްރޭޑާސްއިން ޑިސްޓްރިބިއުޓްކޮށް މާކޭޓް ކުރާ ޔަމީ ނޫޑްލްސްއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.
ލީޑް 16 އަހަރުން ދަށުގެ ފުޓްސަލް ފިއެސްޓާ
ލީޑް 16 އަހަރުން ދަށުގެ ފުޓްސަލް ފިއެސްޓާ
ލީޑް 16 އަހަރުން ދަށުގެ ފުޓްސަލް ފިއެސްޓާ
ލީޑް 16 އަހަރުން ދަށުގެ ފުޓްސަލް ފިއެސްޓާ