ބައިސްކަލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބައިކް މޯލްޑިވްސް)ގެ ފަރާތުން، އުމުރުން 12 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޖޫނިއާ ބައިކް ކްލަބުގެ ހަރަކާތްތައް ފޯރިއާއެކު ކުރިއަށްގެންދަން ފަށައިފިއެވެ.

ޖުމްލަ 25 ކުދިންގެ ބެޗަކާއެކު ތަމްރީނުތައް ހުކުރު ދުވަހު ފަށާފައިވާ އިރު، ބައިކް މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ ތަރުހީބު ވަރަށް ބޮޑު ކަމަށެވެ.

"ވަރަށް ތަރުހީބު ބޮޑު. މިހާރު 25 ކުދިންނާއެކު ކުރިއަށްގެންދަން ފަށާފައިވާ އިރު، ކުރިއަށް އޮތް ބެޗަށް މިހާރު އޮތީ ގާތްގަނޑަކަށް ފުލްވެފައި. ކޯޗުންނާއެކު ވަރަށް ފޯރީގައި ކުރިއަށް އެބަދޭ. މައިގަނޑު މަގުސަދަކީ ބައިކްއަކީ ރާއްޖޭގައި، ހާއްސަކޮށް މާލޭގައި އާންމު ދިރިއުޅުމުގައި އެންމެ ބޭނުންތެރި ޓްރާންސްޕޯޓް ވަސީލަތްކަން ދައްކައި، އެކަމަށް އަހުލުވެރި ކުރުވުން. އަދި މިއީ އެންމެ ރަނގަޅު އެއް ކަސްރަތާއި އެންމެ ރަނގަޅު އެއް ކުޅިވަރު މިވަގުތު ކުޅެން. އެޗްޕީއޭގެ މިންގަނޑުތަކާވެސް އެކު އެބަ ކުރިއަށްގެންދެވޭ ބައިކްގެ ހަރަކާތްތައް،" ބައިކް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަސްމާ ހަސަން "ވަން"އަށް ވިދާޅުވިއެވެ.

ބައިކް މޯލްޑިވްސްގެ ޖޫނިއާ ބައިކް ކްލަބުގެ ޓްރެއިނިންގައި ތަމްރީނު ދޭނީ، ސެޕްޓެމްބަރު މަހު ސައިކްލިން ފެޑަރޭޝަން އޮފް އިންޑިއާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ، ބައިސްކަލް ކޯޗިން ކޯހުގައި ބައިކް މޯލްޑިވްސްގެ ފަރާތުން ބައިވެރިވި ކޯޗުންނެވެ.

އިންޑިއާގެ ފެޑަރޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އޮންލައިން ކޯސް ކުރިއަށްދިޔައީ ސެޕްޓެމްބަރު މަހު 28 އިން ފެށިގެން އެ މަހު 10 ވަނަ ދުވަހާ ހަމައަށެވެ. އެ ކޯހުގައި ބައިކް މޯލްޑިވްސްގެ 13 ފަރާތަކުން ބައިވެރިވެފައިވެއެވެ. އޭޝިއާގެ ގިނަ ސައިކްލިން ފެޑަރޭޝަންތަކަކުން ބައިވެރިވި ކޯހުގައި ޖުމްލަ 198 ބައިވެރިން ތަމްރީނު ފުރިހަމަ ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ބައިކް މޯލްޑިވްސް އަކީ ރާއްޖޭގައި ސައިކްލިންގެ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ޖަމިއްޔާއެކެވެ. އެކިއެކި ގައުމުތަކުގެ ޓުއާތަކަށް ވެސް އެ އެސޯސިއޭޝަންގެ މެންބަރުން ދަތުރުކޮށްފައިވާ އިރު، ބައިކް މޯލްޑިވްސްގެ ހަރަކާތްތައް އަބަދުވެސް ފެންނަނީ ކާމިޔާބުކޮށެވެ. ހާއްސަކޮށް ބައިކް މޯލްޑިވްސް އަކީ ރާއްޖޭގެ ސައިކްލިންއަށް އިންގިލާބެއް ގެނައި ހިންގުންތެރި ބައެކެވެ. ޖޫނިއާ ކުދިންގެ ތަމްރީނުތަކާއެކު ޒުވާން ޖީލެއް ބައިކަށް އިތުރަށް އަހުލުވެރިވެގެންދާނެ ކަމަށް ބެލެވެއެވެ.