އެލައިޑް އިންޝުއަރެންސަށް 40 އަހަރު ފުރުން ފާހަގަކުރަން ބޭއްވި "އެލައިޑް ބައިސްކަލް ރޭސް" އިވެންޓަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

އެލައިޑުން ބުނީ އެ ކުންފުންޏަށް 40 އަހަރު ފުރުން ފާހަގަކުރަމުންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނާއެކު ސިއްހަތާއި ދުޅަހެޔޮކަން ކުރިއަރުވައި މުހިންމު މަޝްރޫއުތައް ހިންގައިގެން ކަމަށެވެ.

އެގޮތުން ބައިކް މޯލްޑިވްސްއާ ގުޅިގެން މިމަހު 25 ވަނަ ދުވަހު ހުޅުމާލޭގައި "އެލައިޑް ބައިސްކަލް ރޭސް" އިވެންޓު ބާއްވާފައިވާނެކަމަށް އެލައިޑުން ބުންޏެވެ. އެ އިވެންޓަކީ ކޮންމެ އުމުރުފުރައެއްގެ ބައިސްކަލު ދުއްވާ ފަރާތްތައް ބައިވެރިވެ، ފޫހިފިލުވުމާއި ދުޅަހެޔޮކަމާއި މުޖުތަމައުގެ ރޫހު އާލާކުރުމަށް ބޭއްވި އިވެންޓެއްކަމަށް އެލައިޑުން ބުންޏެވެ. އެ ހަރަކާތް ފަށައިފައިވަނީ ހެނދުނު 6:15 ގައި ރިވައިވް ފިޓްނަސްއިން ހިންގި ވާމްއަޕް ސެޝަނަކާއެކުގައި ކަމަށް އެލައިޑުން ބުންޏެވެ.

އެ އިވެންޓުގައި ކުޑަކުދިންނާއި ތަޖުރިބާކާރު ބައިސްކަލު ދުއްވާ ފަރާތްތައް އެ މީހުންގެ ހުނަރު ދައްކައިފައިކަމަށް އެލައިޑުން ބުންޏެވެ. އެ އިވެންޓުތަކުން އެފަދަ ކުޅިވަރުތައް ކުރިއަރަމުން އަންނަކަމަށް އެލައިޑުން ބުންޏެވެ.

25 އޮކްޓޫބަރު 2025، އެލައިޑް އިންޝުއަރެންސަށް 40 އަހަރު ފުރުން ފާހަގަކުރަން ބޭއްވި "އެލައިޑް ބައިސްކަލް ރޭސް" ---- ފޮޓޯ: އެލައިޑް

ރޭހުގައި ބައިވެރިން ވާދަކުރީ ތިން އުމުރުފުރައަކަށް ބަހާލައިގެން ކަމަށާއި ރޭސް ނިންމި ހުރިހާ ބައިވެރިންނަށްވެސް މެޑަލް ހަވާލުކޮށްފައިވާނެކަމަށް އެލައިޑުން ބުންޏެވެ. އަދި ލަކީ ޑްރޯއެއް ބާއްވައި ކޮންމެ ކެޓަގަރީއެއްގެ ނަސީބުވެރިންނަށް 7,000 ރުފިޔާ، 5,000 ރުފިޔާ، އަދި 2,000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާނެ ކަމަށެވެ.

އެ އިވެންޓުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި އެލައިޑުގެ ފަރާތުން ޗީފް އަންޑާ ރައިޓިން އޮފިސަރު އިއުލިއާ ރުސެއި، އެލައިޑުގެ ޖެނެރަލް މެނޭޖަރު ނަސްރަތު މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

އޭގެ އިތުރުން ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ފަޒްލާ ރަޝީދު، ބައިކް މޯލްޑިވްސްގެ ރައީސް ފާތިމަތު ނާއިލާ އާއި އެ ޖަމިއްޔާގެ ސީއީއޯ ޒުލައިހާ ހަސަން ދީދީ އަދި ބައިކް މޯލްޑިވްސްގެ ފައުންޑިން މެންބަރެއް ކަމަށްވާ އަހުމަދު ހަސަން ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.