ބައިސްކަލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބައިކް މޯލްޑިވްސް) ގެ ފަރާތުން ޖޫނިއާ ބައިކް ކްލަބުގެ ދަރިވަރުންނަށް ހާއްސަ ހަރަކާތްތަކެއް މިދިޔަ ހޮނިހިރު ދުވަހު ބާއްވައިފި އެވެ.

ބައިކް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލް އަސްމާ ހަސަން "ވަން" އަށް މިރޭ ވިދާޅުވީ މާލެ، ކުޑަގިރި އަދި ވިލިމާލޭގައި ބޭއްވި އެ ހަރަކާތަކީ ދަރިވަރުންގެ މެދުގައި ބައިސްކަލް ދުއްވުމަށް ބާރު އެޅުމުގެ ގޮތުން ބޭއްވި ހަރަކާތްތަކެއް ކަމަށެވެ. އެ ހަރަކާތުގައި ދަރިވަރުން ދަތުރުފަތުރުކުރުމަށް ބޭނުން ކޮށްފައިވަނީ ބައިސްކަލް ކަމަށްވެސް އަސްމާ ވިދާޅުވިއެވެ.

"ހެނދުނު 6:00 އިން ފެށިގެން ބައިސްކަލުގައި އެ ދަރިވަރުން އުޅެނީ. އެއް ރަށުން އަނެއް ރަށަށް ދިޔުން ފިޔަވައި އެހެން ވަގުތުކުގައި ދަރިވަރުން ހަރަކާތްތެރިވެފައިވަނީ ބައިސްކަލުގައި. އަޅުގަނޑުމެންނަކީ ބައިސްކަލް ދުއްވުމަށް ލޯބިކުރާ ބައެއް. ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބައެއް. އެހެންވީމާ މިކަހަލަ އިވެންޓެއް ބޭއްވީމާ ދަރިވަރުންނަށް އެކި ކަންކަމުގެ މައުލޫމާތު އެބަ ލިބިގެންދޭ. މިސާލަކަށް އަޅުގަނޑުމެންނަކީ ހަމަ ކޮންމެ ހުކުރު ދުވަހަކު ކަނޑުމަގުން ހުޅުމާލެ ދާ ބައެއް. މީގަ ކަނޑުދަތުރު ކުރުމާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިން ސެންޓާ ފޯ މެރިޓައިމްއިން ވިލިމާލެއިން ކަނޑު ދަތުރުކުރާ އިރު އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން،" އަސްމާ ވިދާޅުވިއެވެ.

އަސްމާ ވިދާޅުވީ އެ ހަރަކާތުގައި ބައިވެރިވެފައިވަނީ އުމުރުން ހަ އަހަރާއި 16 އަހަރުގެ 28 ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނާއި ބައިކް މޯލްޑިވްސްގެ އޮފިޝަލުން ކަމަށެވެ.

ދަރިވަރުން ކުޑަގިރިއަށް ދިޔުމުން އެރަށާ ބެހޭގޮތުން އެ ރަށުގެ ޖެނެރަލް މެނޭޖަރު އިބްރާހީމް އިނާޒު ވަނީ ސެޝަނެއް ނަގައިދީފައެވެ. އެ ސެޝަނުގައި ކުޑަގިރި ތަރައްގީކުރި ގޮތުގެ މައުލޫމާތާއި ކުޑަގިރި ތަރައްގީ ކުރި ސަބަބު ވަނީ ދަރިވަރުންނަށް ކިޔައިދީފައެވެ.

ކުޑަގިރީގައި ބޭއްވި ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަނޑުދަތުރު ކުރުމާ ގުޅޭ ސެޝަނެއްވެސް ވަނީ ކުދިންނަށް ނަގައިދީފައެވެ. އެ ސެޝަމް ނަގައިދީފައިވަނީ ވިލިމާލޭގެ ހުންނަ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ސެންޓާ ފޯ މެރިޓައިމް ސްޓަޑީސްގެ ކެޕްޓަން މުހައްމަދު ޒައިދު އަދި ކެޕްޓަން އަހްމަދު ޒުބެއިރެވެ.

ބައިކް މޯލްޑިވްސްއަކީ ޔޫސީއައިގެ މެމްބަރެއް ކަމަށާއި އެކަމުގެ ސަބަބުން އިންޓަނޭޝަނަލް ޓޫއާތައް ވެސް ލިބޭ ކަމަށް އަސްމާ ވިދާޅުވިއެވެ. އަދި ބައިކް މޯލްޑިވްސްއިން ބާއްވާ ހަރަކާތްތަކަށް ދަރިވަރުންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު ބައިކް މޯލްޑިވްސްގެ ފަރާތުން ބޭއްވި ހަރަކާތުގައި ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ދަރިވަރުންނަށް މަގުމަތީ ސަލާމަތީ ކަންކަމާ ގުޅޭގޮތުންވެސް ސެޝަނެއް ބާއްވައިފައެވެ. އެ ޓުއާ ބާއްވާފައިވަނީ މާލެ، ވިލިމާލެ އަދި ކްރޮސްރޯޑުގައެވެ.