ޚަބަރު

ބީއެމްއެލްގެ އެހީގައި ކަނޑޫދޫ ތުނޑީގައި ޕިކްނިކް ސަރަހައްދެއް ހަދައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ ދަށުން ތ. ކަނޑޫދޫގެ ތުނޑީކޮޅުގައި ޕިކްނިކް ސަރަހައްދެއް ހަދައިފި އެވެ.

ރަށުގެ ގިނަ ރައްޔިތުން މިހާރު ވެސް ދަތުރު ދިއުމަށް ބޭނުންކުރާ އެ ސަރަހައްދު ފަސޭހަކަމާއެކު ބޭނުން ކުރެވޭނެހެން ހިޔާވާނެ ގޮތަށް އަތިރިމަތީގައި ކުޑަ ޖަހައި، ހަޓް ހަދައި، ޖޯލިފަތި ބަހައްޓައި، އުނދޯލި ގެއެއް ގާއިމްކޮށް ދަތުރު ގޮސް އުޅޭ ފަރާތްތަކަށް ބާބަކިއު ހެދުމަށާއި ކައްކާ ކެއުމަށް ހާއްސަ ތަނެއް ވެސް ވަނީ ހަދައިފަ އެވެ.

އޭގެ އިތުރުން ކަސްރަތު ކުރުމަށް ހާއްސަ ތަނެއް ހަދައި، ރަށުގެ ރައްޔިތުންނަށް ބޭނުން ކުރެވޭނެހެން ވަޅެއް ވަނީ ބަހައްޓައިފަ އެވެ. އެ ސަރަހައްދު އިތުރަށް ފެހިކުރުމަށްޓަކައި 30 ރުކާއި އިތުރު ގަސް ވެސް އިންދާފައިވާއިރު ތުނޑިއަށް ދަތުރު އަންނަ ފަރާތްތަކުން ކުނި އުކާލުމަށް ޑަސްޓްބިން ވެސް ވަނީ ބަހައްޓައިފަ އެވެ.

އެ ތަން ތަރައްގީކުރަން ޕްރޮޕޯސަލް ކާމިޔާބުކުރި ކަނޑޫ ސްޕޯޓްސް ކްލަބުގެ ފަރާތުން ބުނީ، ރަށުގެ ތުނޑި ޕިކްނިކް ސަރަހައްދެއްގެ ގޮތުގައި ތަރައްގީކުރުމުގެ އެންމެ ބޮޑު މަގުސަދަކީ އާއިލީ އަދި އެކުވެރިކަމުގެ ގުޅުންތައް ބަދަހިކޮށް އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ.

މުސްތަގުބަލުގައި އެތަން އިތުރަށް ތަރައްގީކޮށް އަވަށްޓެރި ރަށްތަކުގެ ރައްޔިތުންނަށް ވެސް އެ ސަރަހައްދު ބޭނުން ކުރެވޭނެހެން ބޭއްވުމަކީ ތަސައްވަރެއް ކަމަށް ވެސް ބުންޏެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިދިޔަ އަހަރު ބީއެމްއެލުން ތައާރަފްކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.