މިސްރުން ޗައިނާގެ ކޮވިޑް ވެކްސިންގެ ފުރަތަމަ ބެޗް ގެނެސްފިއެވެ.

މިސްރުގެ ހެލްތު މިނިސްޓަރު ހާލާ ޒައިދު ވަނީ އެގައުމަށް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓު ވައިގެ މަގުން ގެނެސްފައިވާ ކަމަށާއި ގައުމުގެ ރައްޔިތުންނަށް ވެކްސިން ދޭންވީ ވަގުތުޖެހިއްޖެ ކަމަށް ވިދާޅު ވެފައެވެ.

ހާލާ ވިދާޅުވީ ޗައިނާގެ ވެކްސިން އެގައުމުގެ ރައްޔިތުންނަށް ދޭނީ ހިލޭ ކަމަށެވެ.

މިސްރުން ބުނެފައިވާ ގޮތުގައި އެގައުމުގައި ވެސް އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސިއްހީ ދާއިރާގެ މުވައްޒަފުންނަށެވެ. އޭގެފަހުން ދިގު މުއްދަތަކަށް ބޭސްކުރާ މީހުންނަށާއި އުމުރުން ދުވަސްމީ މީހުންނަށް ވެކްސިން ދޭން ވަނީ ނިންމައިފައެވެ.

އޮފިޝަލުން ބުނީ މިސްރަށް ގެންގޮސްފައިވަނީ ޗައިނާގެ ސައިނޯފާމް އިން އުފައްދާފައިވާ ވެކްސިން ކަމަށާއި ވެކްސިން ގެންގޮސްފައިވަނީ ޔޫއޭއީގައި ހުންނަ ފާމަކުން ކަމަށެވެ.