މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ދާއިމީ ގޮތެއްގައި ވީކެންޑް މާކެޓްތައް ބޭއްވުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު "ވަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ކޮންމެ ހަފްތާ ބަންދަކު ވީކެންޑް މާކެޓެއް ބޭއްވުމުގެ މަސައްކަތް ސިޓީ ކައުންސިލާއި އިކޮނިމިކް މިނިސްޓްރީ އާއި އަމިއްލަ ޖަމިއްޔާއަކާއި ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

ޝިފާ ވިދާޅުވީ، ވީކެންޑް މާކެޓު ބޭއްވުމުގެ ބޭނުމަކީ ދިވެހި ވިޔަފާރުވެރިންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ. އެގޮތުން ވީކެންޑް މާކެޓުގައި އިސްކަންދޭނީ ރާއްޖޭގެ އުފެއްދުންތައް ވިއްކުމަށް ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.

"ބޮޑަށް ލޯކަލް އައިޓަމްތައް ވިއްކުމަށް ފޯކަސް މިކުރަނީ. ވީކެންޑް މާކެޓްގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެމީހުންގެ ތަކެތި ވިއްކުމަށް ފަސޭހަވެގެންދާނެ" ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފުރަތަމަ ވީކެންޑް މާކެޓް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ ކުރިން ކޮންމެ ހަފްތާއެއްގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން މާލޭ ރަސްފަންނު ސަރަހައްދުގައި ޔޫތު މިނިސްޓްރީން އިންތިޒާމު ކޮށްގެން ''ހަފްތާ ރެސް'ގެ ނަމުގައި ވީކެންޑް މާކެޓެއް އައީ ބާއްވަމުންނެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން އެ މާކެޓް ބޭއްވުން އޮތީ މަޑުޖައްސާލައިފައެވެ. ހަފްތާ ނިމުމުގެ ގޮތުން ''ހަފްތާ ރެސް'' ބޭއްވުމަކީ ސަރުކާރުގެ 30 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ބާއްވަމުން އައި ހަރަކާތެކެވެ.