ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު މިމަހުގެ ތެރޭގައި ފައިނަލް ކުރެވޭނެ ކަމަށް ފްލެޓް ކޮމިޓީން ބުނެފި އެވެ.
ފްލެޓު ކޮމިޓީން މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި، ފްލެޓް ކޮމިޓީގެ މެންބަރު ތޯހާ މުހައްމަދު ވިދާޅުވީ، މިހާތަނަށް އައިއިރު ދެ ކޮޓަރީގެ އެޕާޓުމަންޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ހަ ކެޓަގަރީއެއްގެ ވަގުތީ ލިސްޓު އާންމު ކޮށްފައިވާ ކަމަށެވެ. އެގޮތުން އާންމުކޮށްފައިވާ ވަގުތީ ލިސްޓުގައި ޕޮއިންޓް ދީފައިވާ ގޮތް ސާފުކޮށް ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ.
ތޯހާ ވިދާޅުވީ، މިހާރު އާންމުކޮށްފައިވާ ވަގުތީ ލިސްޓުތަކުގައި ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވި ފަރާތްތަކާއި ޝަރުތު ހަމަނުވާ ފަރާތްތައްވެސް ސަބަބަކާއެކުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.
"ކުރީ ސަރުކާރުން އާންމުކުރި ލިސްޓުތަކުގައި މި އޮންނަނީ ފޯނު ނަންބަރު އަދި ޖުމްލަ ލިބުނު ޕޮއިންޓް. ނަމަވެސް މިހާރު އަޅުގަނޑުމެން މި އާންމުކުރާ ލިސްޓުތަކުގައި ކޮންމެ ބަޔަކުން އެމީހުންނަށް ލިބުނު ޕޮއިންޓް އޮންނާނެ ވަކިން ބަޔާންކޮށްފައި،" ތޯހާ ވިދާޅުވިއެވެ.
މިހާތަނަށް ވަގުތީ ލިސްޓު އިއުލާނުކޮށްފައިވަނީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީ، ޓީޗަރުންގެ ކެޓަގަރީ، މާލޭ ރަށްވެހިންނަށް ހާއްސަ ކެޓެގަރީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކެޓަގަރީ، މާލޭގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ މީހުންނަށް ހާއްސަ ކެޓަގަރީ އަދި ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ ކެޓެގަރީގެއެވެ.
ތޯހާ ވިދާޅުވީ، މިހާރު ވަގުތީ ލިިސްޓު އާންމު ނުކުރެވި އޮތީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަ ކެޓަގަރީ ކަމަށާއި ނަމަވެސް އެ ކެޓަގަރީގެ ވަގުތީ ލިސްޓުވެސް ވަރަށް އަވަހަށް އާންމުކުރައްވާނެ ކަމަށެވެ.
"އިއުލާނު ނުކުރެވި ބާކީ މި އިނީ އެންމެ ކެޓަގަރީއެއް. އެއީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަ ކެޓަގަރީ. އެ ކެޓަގަރީގެ މަސައްކަތް އަޅުގަނޑުމެން މި ބަލަނީ ފެށޭ ހަފުތާގެ ތެރޭގައި ވަގުތީ ލިސްޓު އާންމު ކުރެވޭނެ ކަމަށް." ތޯހާ ވިދާޅުވިއެވެ.
މީގެ އިތުރުން ތޯހާ ވިދާޅުވީ، ފްލެޓް ކޮމިޓީން މިހާރު ކުރަމުން އަންނަ މައިގަނޑު މަސައްކަތަކީ ވަގުތީ ލިސްޓުތަކަށް ހުށަހަޅާފައިވާ ޝަކުވާތަކަށް ޖަވާބުދާރީވުމުގެ މަސައްކަތް ކަމަށާއި، ޝަކުވާތަކަށް ޖަވާބުދާރީވުމުގެ ކަންކަން ނިންމައި މިމަހުގެ ތެރޭގައި ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 7،000 ފްލެޓް ލިބުނު މީހުންގެ ލިސްޓެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާނު ކުރިއެވެ. ނަމަވެސް އެ ލިސްޓު އެކުލަވައިލުމުގައި ކަންބޮޑުވުންތަކެއް ހުރުމުން ފްލެޓްތަކުގެ މައްސަލަ ބެލުމަށް މި ސަރުކާރުން ރިޔާސީ ކޮމިޝަނެއް އުފައްދައި އެ މަސައްކަތް ފެށިއެވެ. ފްލެޓް ކޮމިޓީން މީގެ ކުރިން ބުނީ ހިޔާ މަޝްރޫއުގެ ދަށުން 7،000 ފްލެޓު ހިމެނޭ ކަމަށް ކުރީ ސަރުކާރުން ބުނި ނަމަވެސް ގުޅީފަޅުން ފްލެޓް ނުލިބުނު މީހުންނަށް 140 ފުލެޓާއި ގާކޮށިން ފުލެޓް ނުލިބުނު ފަރާތްތަކަށް 160 ފުލެޓް އެތަނުން ހާއްސަކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެތަނުގައި ހުރީ 6720 ފުލެޓް ކަމަށް ކޮމިޓީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު