އެމެރިކާގެ ރައީސްކަމަށް އިންތިޚާބު ކުރެވިފައިވާ ޖޯ ބައިޑެން މިހާރުވަނީ އޭނާގެ ސަރުކާރުގެ މުހިއްމު މަގާމުތަކަށް ބޭފުޅުން އިޚުތިޔާރު ކުރައްވައިފައެވެ. ބައިޑެންގެ ކެބިނެޓުގެ ތަނބުތައް މިހަފުތާ ތެރޭގައި ހާމަކުރެވިގެންދިޔައިރު އެންމެންގެ ސަމާލުކަން ހުއްޓުނީ ދިފާއީ ވަޒީރަށެވެ. ދިފާއީ ވަޒީރުކަމަށް ގެންނަން ހަމަޖައްސާފައިވާ ލޮއިޑް އޮސްޓިންއަކީ ކަޅު ނަސްލުގެ ބޭފުޅެކެވެ. އެމެރިކާގެ ތާރީޚުގައި އަދި މިހާތަނަށް ދުވަހަކުވެސް ކަޅު ނަސްލުގެ ބޭފުޅަކު ދިފާއީ ވަޒީރުކަން ކުރައްވައިފައެއް ނުވެއެވެ.

އެމެރިކާގެ ސިޔާސީ ތާރީޚުގެ އައު ސަފުހާއެއް ފައްޓަވާނެ ކަމަށް މިހާރު ހީކުރެވިފައިވާ ލޮއިޑް އޮސްޓިންއަކީ ކޮންބޭފުޅެއް ބާވައެވެ. އޭނާއަކީ ސިފައިންގެ ކުރީގެ ޖެނެރަލެކެވެ. އެތައް ހަގުރާމައެއްގައި ބައިވެރިވެ އެތައްއެތައް މެޑެއްޔެއް ހާސިލް ކުރައްވާފައިވާ އޮފިސަރެކެވެ. އިރާގުގެ ވެރިކަމުން ސައްދާމު ހުސައިން ދުރުކުރުމަށް 2003 ވަނައަހަރު ކުރި ހަގުރާމައިގައި ވެރިރަށް ބައުދާދު ހިފި ޑިވިޝަނުގެ ކޮމާންޑަރަކަށް ހުންނެވީ އޮސްޓިންއެވެ. އޭގެފަހުން އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ވެރިކަންވެސް އޭނާ ވަނީ ކުރައްވައިފައެވެ.

މިހާރު އުމުރުން 67 އަހަރުވީ އޮސްޓިން ވަނީ އަފްގާނިސްތާނުގެ ހަގުރާމައިގައިވެސް މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. މީގެ ހަތަރު އަހަރުކުރިން އޭނާ ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު އެއީ ހަތަރު ތަރީގެ ޖެނެރަލެކެވެ. އައު ދިފާއީ ވަޒީރުކީ ކާކުކަން ހާމަކުރުމުގެ ކުރީގައި ގިނަބަޔަކަށް ގަބޫލުކުރެވިފައިވަނީ ދިފާއީ ވަޒީރުކަން މިފަހަރު ދެއްވާނީ އޮބާމާގެ ދައުރުގައި އެވުޒާރާގެ ނާއިބުކަން ކުރެއްވި މިޝެލް ފްލޮނޯއިއަށް ކަމުގައެވެ. ތަޖުރިބާކާރުން ބުނަނީ މިހާރު މިފެނުނީ ކަޅުނަސްލުގެ ބައިވެރިވުން އިތުރުކުރާން ބައިޑެނަށް މަޖްބޫރުވުމުގެ ނަތީޖާއެއް ކަމުގައެވެ.

ދިފާއީ ވަޒީރުކަމުގައި ހުންނެވުމަށް އޮސްޓިންއަށް ސެނެޓުގެ ރުހުން ބޭނުންވާނެއެވެ. ސެނެޓުގެ ކޮންޓްރޯލް މިވަގުތު އޮތީ ރިޕަބްލިކަން ޕާޓީއަށެވެ. އެހެންވީމާ ކަޅުނަސްލުގެ ބޭފުޅަކަށް ދިފާއީ ވަޒީރުކަމުގެ ރުހުން ލިބިދާނެކަން މުޅިއަކުން ކަށަވަރެއް ނޫނެވެ. އެކަން ޔަގީން ނުވަނީ އޮސްޓިން އެމަގާމަށް ކުފޫހަމަނުވާތީކީ ނޫނެވެ. ކުފޫހަމަވެ ފުދި އިތުރުވެސްވެއެވެ. ޖެނެރަލް ކޮލިން ޕަވަލްއަށްފަހު އެމެރިކާ ސިފައިންގެ ތެރެއިން އެންމެ ފާހަގަކުރެވުނު ކަޅު ކޮމާންޑަރަކީ އޮސްޓިންއެވެ.

ޖެނެރަލް އޮސްޓިންއަށް ސެނެޓުގެ ރުހުން ލިބުން މަޖްބޫރުވާ ސަބަބަކީ ސިފައިންގެ ކުރީގެ އޮފިސަރުން ސިޔާސީ މަގާމުތަކަށް އައުމާމެދު ހެދިފައި އޮންނަ ގާނޫނެކެވެ. މި ގާނޫނު ބުނާގޮތުން ސިފައިންގެ ޚިދުމަތުން ވަކިވުމަށްފަހު ހަތް އަހަރު ނުވާނަމަ އެމީހަކަށް ސެނެޓުގެ ހުއްދަ ލިބިގެން ނޫނީ އެޒާތުގެ މަގާމަކަށް ނާދެވޭނެއެވެ. އޮސްޓިންގެ ރިޓަޔަރމަންޓަށް މިވީ އެންމެ ހަތަރު އަހަރެވެ. އެމެރިކާގެ މުޅި ތާރީޚުގައިވެސް މި ގާނޫނުން އިސްތިސްނާކުރުމަށްޓަކައި ސެނެޓުގެ ރުހުން ދީފައިވަނީ ޖުމްލަ ދެ ބޭފުޅަކަށެވެ.

ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރުމަށްފަހު ހަތް އަހަރުގެ މުއްދަތެއް ފާއިތުކުރުމަށް ގާނޫނަކުން ލާޒިމުކުރަނީ ސިފައިންނާއި މަދަނީން ވަކިކޮށް ދެބައިމީހުންގެ ދޭތެރޭގައި ފާރެއް ގާއިމުކުރުމުގެ ގޮތުންނެވެ. މި ފާރު ފޫއަޅުވައިލުމަށް ސެނެޓުން އެންމެފަހުން ވޯޓުދިނީ ރައީސް ޓްރަމްޕުގެ ސަރުކާރުގެ ފުރަތަމަ ދިފާއީ ވަޒީރު ޖިމް މެޓިސްއަށެވެ. އެފަހަރު ވޯޓުދިނީ އަސްކަރިއްޔާއާމެދު ޓްރަމްޕުގެ ވިސްނުން ހުރިގޮތުން ކޯޅުމަކަށް ނުދާންވެގެންނެވެ. އޮސްޓިންއަށް ރުހުން ދޭން މިފަހަރު އެކަހަލަ ސަބަބެއް ނެތެވެ.

އައު ސަރުކާރުގެ އައު ދިފާއީ ވަޒީރަކަށް ލޮއިޑް އޮސްޓިން އައްޔަން ކުރެއްވުމަށް ޖޯ ބައިޑެން ގަސްތުކުރެއްވި ނަމަވެސް ކުރިން ބަޔާންކުރެވުނު ސަބަބުތަކާހެދި ފަހު ބަސް ބުނުމުގެ ބާރު އޮތީ ސެނެޓަށެވެ. އެތަނުގައި ތިއްބެވި ގިނަ މެންބަރުންގެ ވިސްނުންފުޅުގައި ހަމަކޮންމެ ރައީސަކު ގާނޫންތައް މުގުރުއްވައި އިސްތިސްނާ ހާލަތު ގެންނެވުން ރަގަޅެއް ނޫނެވެ. އެހެންވީމާ ލޮއިޑް އޮސްޓިންއަށް ސެނެޓުގެ ރުހުން ލިބުމަށްވުރެ ކައިރީ ނުލިބުމެވެ. އޮސްޓިންއަށް ރުހުންދޭން ސެނެޓުން ނިންމިޔަސް އެނިންމުމެއްގެ އަސާސަކަށްވާނީ ސިޔާސީ ސަބަބެކެވެ.

އެމެރިކާގެ ދިފާއީ ވަޒީރުކަން ކަޅު ނަސްލުގެ ބޭފުޅަކު މިހާތަނަށް ކުރައްވާފައި ނެތުމަކީ އޮސްޓިނަށް އޮތް އެޑްވާންޓޭޖެކެވެ. މިރިކޯޑް ނިމުމަކަށް ގެނެސް ކަޅު ނަސްލުގެ ބޭފުޅަކަށް ދިފާއީވަޒީރުކަން ދޭން ވަކާލާތުކުރާ މީހުން ވަރަށް ގިނައެވެ. އެ ޕްރެޝަރު ސެނެޓަށްވެސް އެބައޮތެވެ. އެމެރިކާގެ ސިފައިންގެ އެންމެ މަތީ ފަޑިޔަށް ކަޅު ނަސްލުގެ އޮފިސަރަކަށް އާދެވެނީ މަދު ފަހަރެއްގައެވެ. ކަޅާއި ދޮނުގެ ތަފާތު އަސްކަރިއްޔާގައި ނުހަނު ބޮޑެވެ. އެތަފާތު ކުޑަވެއްޖެކަން ދެއްކުމަށްޓަކައި އޮސްޓިނަށް ރުހުން ދޭން ސެނެޓަށްވެސް އޮތީ ސިޔާސީ ސަބަބެކެވެ.