ބައިޑަން ސަރުކާރުގެ ފުރަތަމަ 100 ދުވަހު އެމެރިކާއަށް 100 މިލިއަން ކޮވިޑް ވެކްސިން ހޯދާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަންގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާ ކަންތަކުގެ ތެރެއިން ކޮވިޑާ ދެކޮޅަށް ކުރުމަށް ނިންމާފައިވާ ހާއްސަ ތިން ކަމެއް ވަނީ ޓުވިޓާ މެދުވެރިކުރައްވައި އާންމުކުރައްވައިފަ އެވެ.

ބައިޑަން ކުރެއްވި ޓުވީޓެއްގައި ވަނީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެގައުމުގެ ހުރިހާ ރައްޔިތުން މާސްކު އެޅުމަށްވެސް އިލްތިމާސްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި 100 މިލިއަން ވެކްސިން އެގައުމަށް ހޯދުމަށް ނިންމާފައިވާކަންވެސް ވަނީ ފާހަގަކުރައްވައިފައެވެ.

ބައިޑަން ވަނީ އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު އެގައުމުގެ ގިނަ ސްކޫލްތައް ހުޅުވޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވާނެކަމަށްވެސް ވައުދުވެވަޑައިގެންފަ އެވެ.

ކޮވިޑްގެ ހާލަތު އެމެރިކާގައި ކޮންޓްރޯލުން ނައްޓާފައިވާއިރު އެގައުމުގެ ސިއްހީ ނިޒާމަށް ވަނީ ނުތަކާވަރު ވެފައެވެ. ޑޭޓާ ތަކުން ދައްކާގޮތުން އެގައުމުން ވަނީ މިހާތަނަށް 15.2 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައެވެ.