ކަނޑުމައްޗާއި މާލޭތެރޭގައި ފުލުހުން ހިންގަމުން އަންނަ ބޮޑު ޑްރަގު އޮޕަރޭޝަންގައި 71 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު މިއަދު ވިދާޅުވީ ފުލުހުންގެ ޑްރަގު އިންޓެލިޖެންސާއި ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓުގެ އިތުރުން މެރިން ޕޮލިސް ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގައި އެކި ސަރަހައްދުތައް ބަލައި ފާސްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފަރީދީމަގު ބަންދުކޮށް، އެ މަގުގައި ޕާކުކޮށްފައި އޮތް ކާރެއް މިއަދު ވަނީ ބަލައި ފާސްކޮށްފަ އެވެ.
އޮޕަރޭޝަންގެ ތަފްސީލެއް ދެމުން ފުލުހުން މިރޭ ބުނީ، އޮޕަރޭޝަންގައި 71 ކިލޯގެ ޑުރަގް އަތުލައިގެންފައިވަނީ ބަލައި ފާސްކުރި ކާރުގެ ތެރެއިން ފެނުނު ދެ ގޯންޏާއި ދެ ލަގެޖެއްގެ ތެރެއިން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
މިއީ މިފަހުން މާލެއިން އެއް ފަހަރާ އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެން ފަހަރެވެ. މީގެ ކުރިން މާލެއިން 100 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު