ކުރީގެ ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދު މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ބޯޑަށް އައްޔަންކޮށްފި އެވެ.
އެމްއެމްއޭގައި 31 އަހަރު މަސައްކަތް ކުރެއްވުމަށްފަހު ނީޒާ އެ މަގާމުން އިސްތިއުފާ ދެއްވީ އެމްއެމްއޭގެ ގަވަރުނަރުގެ ކަމަށް ހަމަޖެއްސެވުމަށް ނިންމެވުމަށްފަހު އޭނާގެ ނަން ރައީސް އަބްދުﷲ ޔާމީން އަނބުރާ ނެންގެވުމުންނެވެ. ނީޒާ މަގާމުން އިސްތިއުފާ ދެއްވީ ގަވަރުނަރުގެ މަގާމަށް ނަސީރު އައްޔަންކުރެއްވި ދުވަހު، އޮގަސްޓް 17، 2017 ގަ އެވެ.
މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ނީޒާ އެމްއެމްއޭގެ ބޯޑުގައި ހިމެނިވަޑައިގަންނަވާކަން ވެބްސައިޓުން ލިބެން ހުރި މައުލޫމާތުން އެނގެ އެވެ.
އެމްއެމްއޭގެ ބޯޑަށް މެންބަރުން އައްޔަން ކުރުމުގެ ބާރު އޮންނަނީ ރައީސުލް ޖުމްހޫރިއްޔާގެ އަތްޕުޅުގަ އެވެ. "ވަން" އަށް އެނގިފައިވާ ގޮތުގައި ނީޒާ އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.
ނީޒާއަކީ، ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ހިޔާނާތް، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފްގެ އެކައުންޓަށް ފައިސާ ޖަމާކޮށް ކުރަމުންދިޔަ މުއާމަލާތްތަކާ ގުޅިގެން އެ އެކައުންޓް ވަގުތީ ގޮތުން ނުހިފެހެއްޓުމުން ފާޑުކިޔުން އަމާޒުވި ބޭފުޅެކެވެ.
އޭރު ނީޒާ ހުންނެވީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖަންސް ޔުނިޓް (އެފްއައިޔޫ) ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވެ.
އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓް ރިޕޯޓުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބީއެމްއެލްގެ އިސް ބޭފުޅުން ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ބީއެމްއެލްގެ އިންޓަރިމް ރިސްކު އޮފިސަރު ޔާމީން އާދަމް ވިދާޅުވީ، އެސްއޯއެފްގެ އެކައުންޓުން ހިންގި މުއާމަލާތްތަކާ ގުޅިގެން އެ އެކައުންޓް ވަގުތީ ގޮތުން ހިފެހެއްޓުމަށްފަހު އެފްއައިޔޫއަށް ނޮވެމްބަރު 2014 ގައި ސަސްޕިޝަސް ޓްރާންސްއެކްޝަން ރިޕޯޓް (އެސްޓީއާރް) ފޮނުވި ކަމަށެވެ.
ނަމަވެސް އޭރު އެފްއައިޔޫއާ ހަވާލުވަޑައިގެން ހުންނެވީ ނީޒާ ކަމަށާއި އެސްއޯއެފްގެ އެކައުންޓްތައް ބޭންކަށް ނުހިފެހެއްޓޭނެ ކަމަށް އޭނާ ލަފާ ދެއްވި ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އޭރު އެފްއައިޔޫގެ އިސްވެރިޔާ އާތިފް ޝަކޫރާއި އާތިފާ ވެސް އެ އެކައުންޓް އެކްޓިވޭޓް ކުރަން ޖެހޭނެ ކަމަށް ބުނެ އިންސްޓްރަކްޝަން އައިކަމަށް ޔާމީން ވިދާޅުވިއެވެ.
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ