ރާއްޖޭގެ މި ރީތިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުނީގެ މައްސަލަ އެވެ. ރީތި އެތައް ރަށެއް ގޮނޑުވެފައި އެވަނީ ރަނގަޅު ނިޒާމެއްގެ ދަށުން ކުނި މެނޭޖް ކުރަމުން ނުދާތީ އެވެ. އެކަން ހައްލު ކުރަން، އައިލެންޑް ރިސޯސް ރިކަވެރީ ސެންޓާ ކޮންސެޕްޓް (އައިއާރުއާރުސީ)ގެ ދަށުން ތިމާވެއްޓާ ބެހޭ މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެ ކޮންސެޕްޓަށް އިތުރު ފުރިހަމަކަމެއް ގެންނަން މިނިސްޓްރީން މިވަނީ މަސައްކަތް ފަށައިފަ އެވެ.
އެފަދަ ސެންޓަރުތަކުގެ މައިގަނޑު މަގުސަދަކަށް ވެފައި ވަނީ އެ ރަށެއްގައި އުފެދޭ ތަފާތު ބާވަތްތަކުގެ ކުނި ވަކިކޮށް، ރައްކާތެރި ކަމާއެކު ނައްތާލުމެވެ. އަދި ކުނިން ނަފާ ހޯދުމަކީ ވެސް ދުރުރާސްތާ ޕްލޭނެކެވެ. އެ ކޮންސެޕްޓް ތަންފީޒު ކުރާތާ ދުވަސްތަކެއް ވެފައިވާއިރު އެފަދަ ސެންޓަރުތަކުގެ ޑިޒައިނަށް މިހާރު މިވަނީ ބަދަލު ގެންނަން ނިންމައިފަ އެވެ. ބަދަލު ގެނައުމުގެ މަގުސަދަކީ އެ މަސައްކަތް މިހާރަށް ވުރެ ފުޅާކޮށް ކުރުމެވެ.
މިހާރު ހަދައި ނިންމައިފައިވާ ސެންޓަރުތަކުގެ ޑިޒައިންތަކުގައި ކުނީގެ ބައިތައް ވަކިކުރަން ކުދި ކޮމްޕާޓްމެންޓް ހަދައިފައި ހުންނާތީ ކުނި މެނޭޖް ކުރަން އޮންނަ ޖާގަ ކުޑަވެފައި އެތަންތަން ރަނގަޅަށް ފަންކްޝަން ކުރަން ދައްޗެވެ. އަދި އިކުއިޕްމެންޓް ރައްކާ ކުރާ ތަނާއި ޕްރޮސެސް ކޮށްފައިވާ ކުނި ރައްކާކުރާ ތަން ވަކި ކުރެވިފައި ވާތީ އެއް ޕްރޮސެސް އިން އަނެއް ޕްރޮސެސްއަށް ދާން ފްލޯ ގެއްލިފައިވާ މައްސަލަ ބޮޑެވެ. އޭގެ ސަބަބުން ޕްރޮސެސް ކޮށް، ރައްކާ ކުރުމުގައި އުނދަގޫތަކާ ކުރިމަތިވެ އެވެ.
ކުރީ ޑިޒައިންގައި އެފަދަ ސެންޓަރުތަކުގައި ފާހާނާ އާއި ލޮކާ އޭރިއާ ހިމަނާފައި ނުވާތީ ކުނި މެނޭޖް ކުރާ މަރުކަޒުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ދަތިތައް ދިމާވެ އެވެ. އެކަންކަމަށް އާ ޑިޒައިންއާއެކު ހައްލު ލިބިގެން ދެ އެވެ.
މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވި ގޮތުގައި އަލަށް އެކުލަވައިލި އާ ޑިޒައިންގެ ސަބަބުން މި މައްސަލަތަކަށް ހައްލެއް ލިބި ކުނި މެނޭޖް ކުރާ މަރުކަޒު ހިންގުމާ ހަވާލުވާ މީހުންނަށް އެތަން އޮޕަރޭޓް ކުރަން ފަސޭހަވެގެން ދާނެ އެވެ. އަދި އާ ޑިޒައިންގެ މޮޑިއުލާ އަދި އޯޕެން ކޮންސެޕްޓްގެ ދަށުން ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރާ މީހުންނަށް ސެންޓަރުގެ ވެއާހައުސް ސަރަހައްދުގެ ލޭއައުޓް ބަދަލު ކުރުމުގެ އިހުތިޔާރު ވެސް ލިބިގެންދެ އެވެ.
"ކުރީން ބޭނުން ކޮށްފައިވާ ޑިޒައިންތަކުން ދިމާވެފައިވާ ދަތިތަކުން އެނގުނު ކަމަކީ ކުނި މެނޭޖް ކުރާ މަރުކަޒުތަކަކީ ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭ ތަނަކަށް ހެދުމަކީ މުހިންމު ކަމެއްކަން. އަދި އެ ގޮތަށް މަސައްކަތް ރާވާފައި ނެތް ނަމަ ޕްރޮޖެކްޓް ތަކުގެ ހަގީގީ ކާމިޔާބެއް ނުލިބި ސަރުކާރަށް މާލީ ގޮތުން ގެއްލުން ވާނެ ކަން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އާ ކޮންސެޕްޓާއެކު މިހާރުގެ އަމާޒަކީ ކުނި މެނޭޖްކުރާ މަރުކަޒުތަކުގެ ޑިޒައިން ވެސް ދެމެހެއްޓެނިވި ނިޒާމެއްގެ ގޮތުގައި ބައްޓަންކޮށް، އެކަމަށް އިސްކަމެއް ދީގެން މަސައްކަތް ކުރިއަށް ގެންދިއުމެވެ.
"މިގޮތަށް މިހާރުވެސް ހިނގާ ސަރަހައްދީ ކުނި މެނޭޖް ކުރާ ނިޒާމުތައް ގާއިމު ކުރުމުގެ ބިޔަ ބޮޑެތި ޕްރޮޖެކްޓް ތަކުގެ ދަށުން ރަށް ރަށުގައި ގާއިމު ކުރުމަށް ހަމަޖެހިފައިވާ ކުނި މެނޭޖް ކުރާ މަރުކަޒުތައް ޑިޒައިން ކުރެވިގެން ދާނީ މި ކޮންސެޕްޓްއަށް ބިނާކޮށް،" މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އާ ޑިޒައިނަށް ކުނި މެނޭޖް ކުރާ ސެންޓަރުތައް ހަދަން ވަނީ ނިންމައިފަ އެވެ. ޑިޒައިނަށް ގެނައި ބަދަލާއެކު މިހާރަށް ވުރެ އެ މަސައްކަތް ފުޅާ ކުރެވި މުވައްޒަފުންނަށް ފަސޭހަ ވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް