ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ހާއްސަ ޕްރެސް ކޮންފަރެންސެއް މިއަދު މެންދުރު ބާއްވަން ނިންމައިފި އެވެ. މި ޕްރެސް ކޮންފަރެންސް ބާއްވަން ނިންމައިފައި ވަނީ މެންދުރު 1:00 ގަ އެވެ.
އެޗްއީއޯސީން ނޫސްވެރީންނާއި އާންމުންނަށް މައުލޫމާތު ދިނުމަށް އާއްމުކޮށް ބާއްވާ ޕްރެސް ކޮންފަރެންސް ބާއްވަމުން އަންނަނީ ރޭގަނޑު އެވެ. އާއްމުގޮތެއްގައި ދުވާލުގެ ވަގުތެއްގައި ކުއްލި ޕްރެސްއެއް ބާއްވަނީ ހާއްސަ ކަމެއް މެދުވެރިވެގެން ނުވަތަ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރާން ޖެހިއްޖެ ނަމައެވެ.
"ވަން"އަށް އެނގިގައިވާ ގޮތުގައި އެޗްއީއޯސީން މިއަދުގެ ބައްދަލުވުން ބާއްވަނީ ކޮވިޑް ވެކްސިންއާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރުމަށްޓަކައެވެ.
ވެކްސިންއާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ދިނުމަށް އެޗްއީއޯސީން ނޫސްވެރީންގެ ބައްދަލުވުމެއް ބާއްވާ އިރު، ރާއްޖޭގައި މިވެކްސިން ޖެހުމަށް ވާން ޖެހޭ ތައްޔާރީތައް ރަސްމީ އިދާރާތަކުން އަންނަނީ ވަމުންނެވެ. ރައީސް ސޯލިހު ދާދި ފަހުން ވިދާޅުވެފައިވާ ގޮތުގައި އަންނަ އަހަރުގެ ކުރީކޮޅު ރާއްޖެއަށް ވެކްސިން ގެނެވޭނެ އެވެ.
ރާއްޖޭގައި ދިރިއުޅޭ ހުރިހާ މީހުންނަށް ކޮވިޑް ވެކްސިން ހިލޭ ލިބޭނެ ކަމަށް ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
އެޗްއީއޯސީ
އެޗްއީއޯސީ