2023 ވަނަ އަހަރު ބާއްވަން ތާވަލު ކޮށްފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)، ރާއްޖޭގައި ނުބާއްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އިއުލާން ކުރައްވައިފިއެވެ.

ރާއްޖެއިން ބޮޑު ކެމްޕޭނަކާއެކު 2023 ވަނަ އަހަރުގެ އައިއޯއައިޖީ ބޭއްވުމުގެ ބިޑް، 2018 ވަނަ އަހަރު ކާމިޔާބުކޮށް، އެކަމުގެ ތައްޔާރީތައް ފެށި ނަމަވެސް މިއަހަރު ކުރިމަތިވި ޕެންޑަމިކާއެކު އެކަމަށް ހުރަސްތަކެއް އެޅިފައިވެއެވެ. އިގްތިސާދީ ހާލަތު ދަށްވެ، ގައުމުގެ ހަރަދުތައް ކުޑަކުރަން ޖެހުމުން ރާއްޖެއިން ގޭމްސް 2025 އަށް ފަސްކޮށްދޭން ކީޖް (ގޭމްސްގެ ކަންކަން ނިންމާ ކޮމެޓީ)ގައި ސަރުކާރުން އެދުނު ނަމަވެސް، އެ ކޮމިޓީން ގޭމްސް ފަސްކުރަން ނިންމައިފައެއް ނުވެއެވެ.

ގޭމްސް ފަސްނުކޮށް، 2023 ވަނަ އަހަރުގެ ގޭމްސް ބޭއްވުމުގެ ފުރުސަތު ދީފައި ވަނީ މަޑަގަސްކަރައަށެވެ. އައިއޯއައިޖީގެ ގޭމްސްއަކަށް އިތުރު ފުރުސަތުތައް ހޯދުމަށް ރާއްޖެއިން ވަނީ 2027 ވަނަ އަހަރުގެ ގޭމްސް ހޯސްޓް ކުރުމުގެ ފުރުސަތަށް އެދުމުގެ އިތުރުން، 2025 އަށްފަހު އަވަސް މުސްތަގުބަލަކަށް ގޭމެއް ތާވަލުކޮށް، ހޯސްޓް ކުރުމުގެ ފުރުސަތަކަށްވެސް އެދިފައެވެ. އެހެން ނަމަވެސް އެކަންކަމަށް ގޮތް ނިންމާނީ އަދި ފަހުގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައިއޯއައިޖީ ފަސްކޮށްދޭން ކީޖްގެ ފަރާތުން އެދުނު ކަމަށާއި ގިނަ ވާހަކަތަކެއް ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު އެ ކޮމިޓީން ނިންމީ މަޑަގަސްކަރައަށް ގޭމްސް ހޯސްޓް ކުރަން ދިނުމަށް ކަމަށެވެ.

މިނިސްޓަރު މަހުލޫފް ކުރިންވެސް ވިދާޅުވަމުން ގެންދިޔައީ ކޮވިޑް 19ގައި ދުނިޔެއަށް އައި އިގްތިސޯދީ ހީނަރުކަމުން އެންމެ ބޮޑަށް އަސަރުކުރި އެއް ގައުމަކީ ރާއްޖެ ކަމަށާއި އެތައް ބައެއްގެ އާމްދަނީ މަދުވެ، އެތައް ބައެއްގެ ވިޔަފާރި ހަލާކުވެފައިވާ މި ދަނޑިވަޅުގައި ބޮޑު ހަރަދެއް ކޮށްގެން އައިއޯއައިޖީ ފަދަ ގޭމެއް ބޭއްވުމަށް ފޯކަސް ކުރުމަކީ އެންމެ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

މިނިސްޓަރު މަހުލޫފް ކުރިން ފާހަގަކުރައްވާފައިވަނީ އައިއޯއައިޖީ ރާއްޖޭގައި ބާއްވާނީ އަތޮޅު ތެރޭގެ ރަށްތަކުގައިވެސް ކުޅިވަރު ވަސީލަތްތައް ގާއިމްކޮށް، މުޅި ރާއްޖެ އެކަމުގައި ޝާމިލްވާނެ ގޮތަކަށް ކަމަށެވެ. ބައެއް ރަށްރަށުގައި ވަސީލަތްތައް ގާއިމް ކުރުމަށް ސަރުކާރުން ވަނީ ޕްލޭންތައްވެސް ކޮށްފައެވެ. އެހެން ނަމަވެސް އެކަމަށް ބޮޑެތި ހަރަދުތަކެއް ކުރަން ޖެހި، ފައިސާތަކެއް ދާނެ ކަމަށް ބެލެވިފައިވެއެވެ.

މަހުލޫފްގެ އެ ވާހަކަތަކަށް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގް (މަރޭ) ވަނީ ސުވާލުތަކެއް އުފައްދަވައިފައެވެ. މަރޭ އޭރުވެސް ބޭނުންވީ ގޭމްސް، ހަރަދުކުޑަކޮށްގެން ނަމަވެސް ބާއްވާށެވެ.

މަރޭ ވިދާޅުވެފައި ވަނީ މަސައްކަތް ކޮށްފިނަމަ 2023 ވަނަ އަހަރުގެ އައިއޯއައިޖީ ރާއްޖޭގައި ބޭއްވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އަށް ވަރަކަށް މަހަށް ފަސްކޮށްލާފައި ބޭއްވުމަށް ފަސޭހަ ގޮތްތަކެއް ފެނިދާނެ ކަމަށެވެ. އެއީ ބައެއް ކުޅިވަރުތައް މަދުކޮށްފައި، ފައިވް ސްޓާ ފެންވަރު ގޭމްސްއެއް ނޫން ގޮތުގައި ކަމަށެވެ. މަރޭ ފާހަގަ ކުރައްވާފައި ވަނީ އާންމުކޮށް ފެންނަ ކޮމަންވެލްތު ގޭމްސް އާއި އޮލިމްޕިކް ގޭމްސްއަކީ ފަސް ތަރީގެ ގޭމްސްތައް ނަމަވެސް ސަރަހައްދީ ގޭމްސްތައް ބާއްވަނީ އާދައިގެ ގޮތަކަށް ކަމަށެވެ. އަދި އެ މަންޒަރުތައް އެންމެ ފަހުން މޮރިޝަސްގައި ބޭއްވި ގޭމްސްއަށް ވަޑައިގެންނެވި ސަރުކާރުގެ ބޭފުޅުންނާއި ނޫސްވެރިންގެ އިތުރުން އެތުލީޓުންނާއި އޮފިޝަލުންނަށްވެސް ފެންނާނެ ކަމަށް މަރޭ ފާހަގަކުރެއްވިއެވެ.