ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވެގެން ގެންނަން މަސައްކަތްކުރި ވެންްޓިލޭޓަރުތައް ގެނައުމަށް ދުބާއީ ކުންފުންޏަކާ ހަވާލުކުރުމުގެ ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިގެން ކުރިއަށްގެންދިޔަ ތަހުގީގުގައި ރައްޔިތުންގެ މަޖިލީހަށް މައުލޫމާތު ދެއްވަމުން ކުރީގެ ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ދޮގު ހައްދަވާފައިވާ ކަމަށް މަޖިލީހުން ފާސްކޮށް، އޭނާގެ މައްޗަށް ދައުވާކުރަން ނިންމައިފިއެވެ.
މިނިސްޓަރު އަބްދުﷲ އަމީން މަޖިލީހަށް ދޮގު ހައްދަވާފައިވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއާ ހަވާލުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ސުލޫކު ކޮމިޓީން މައްސަލަ ބެލުމަށްފަހު މަޖިލީހަށް ހުށަހެޅި ގޮތަށް މިއަދުގެ ޖަލްސާގައި އެ ރިޕޯޓު ފާސްކޮށްފައިވަނީ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކުއެވެ.
މަޖިލިސް ރައީސް ވިދާޅުވީ މި ރިޕޯޓް ފާސްވުމާ ގުޅިގެން އަމީންގެ މައްޗަށް ދައުވާ ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށެވެ.
މި މައްސަލަ ބެލުމަށްފަހު ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ރިޕޯޓުގައި ކޮމިޓީން ބުނެފައިވަނީ، މި މައްސަލަ ދިރާސާ ކުރުމުގައި ކޮމިޓީއަށް ފޮނުވާފައިވާ، މައްސަލައިގައި ހިމެނޭ ލިޔުންތަކަށް ރިއާޔަތްކޮށް ކޮމިޓީން މިނިސްޓަރާ ކުރިމަތިކުރި ސުވާލުތަކަށް ޖަވާބުދެއްވުމުގައި އެމަނިކުފާނު އިތުރުފުޅު ހައްދަވާފައިވާކަމަށް ކޮމިޓީއަށް ގަބޫލުކުރެވޭ ކަމަށެވެ.
އެހެންކަމުން އެކަމަކީ "ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 110 ވަނަ މާއްދާގެ (ށ) ގެ ދަށުން މަޖިލީހުގެ، ނުވަތަ މެންބަރެއްގެ އިމްތިޔާޒަށް އުނިކަން އައިސްފައިވާ ކަމެއް ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ހަތަރުވަނަ މާއްދާގެ (ށ) ގެ ހަތްވަނަ ނަންބަރުުގެ ދަށުން އަމީން، މުޅި މަޖިލީހަށް ނުވަތަ ކޮމިޓީއަށް ގަސްތުގައި އޮޅުވާލައިގެން މައުލޫމާތު ދެއްވި ކަމެއް ކަމަށް ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ،" ކަމެއް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ހަތަރުވަނަ މާއްދާގެ (ށ)ގެ ތިންވަނަ ނަންބަރުގައި ބުނެފައިވަނީ، މަޖިލީހުގެ މަސައްކަތާ ގުޅިގެން މައުލޫމާތު ދިނުމަށް ހާޒިރު ކުރެވޭ މީހަކު، މައުލުމާތު އޮޅުވާލައިގެން ދިނުމަށް ނުވަތަ ހަގީގަތް އޮޅިދާފަދަ ގޮތަކަށް ދިނުމަށް ބާރު އެޅުމުގެ ގޮތުން، އޭނާއަށް ބިރު ދެއްކުމާއި އޭނާއަށް ހަމަލާއެއް ދިނުމާއި، އޭނާއަށް ނުފޫޒު ފޯރުވުމާއި އެއްވެސް ގޮތަކުން ރިޝްވަތެއް ދޭން މަސައްކަތް ކުރުމަކީ މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ލިބޭ ކަންކަން ކަމަށެވެ.
ހަތަރުވަނަ ނަންބަރުގައި ބުނެފައިވަނީ، ތިންވަނަ ނަންބަރުގައި ބަޔާންކުރާ ފަދަ އަމަލެއް ހިންގުމަކީ ކުށެއް ކަމަށެވެ. އަދި މި ކުށް ކުރީ ވަކި ފަރުދަކުނަމަ އޭނާގެ އަދަބަކީ، 1،000 ރުފިޔާ އާއި 5،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. މިފަދަ ކަމެއް ޖަމާއަތަކުން ނުވަތަ އޮގަނައިޒޭޝަނަކުން ނުވަތަ މުއައްސަސާއަކުން ކޮށްފިނަމަ އެ ފަރާތެއްގެ އަދަބަކީ، 3،000 ރުފިޔާ އާއި 7،000 ރުފޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. ނުވަތަ ތިންމަސް ދުވަހާއި ހަމަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށްވެސް ބުނެފައިވެއެވެ.
ހަތްވަނަ ނަންބަރުގައި ބުނެފައިވަނީ މުޅި މަޖިލީހަށް ނުވަތަ ކޮމިޓީއަކަށް ގަސްތުގައި ކަމެއް އޮޅުވާލުން، އަދި އަށްވަނަ ނަންބަރުގައި ބުނެފައިވަނީ ހަތްވަނަ ނަންބަރުގައި ބުނާ ފަދަ ކަމެއް ކޮށްފިނަމަ އެ ފަރާތެއްގެ އަދަބަކީ، 3،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ ތިންމަސް ދުވަހާއި ހަމަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު