ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ މާޗު މަހުގެ ހަވަނަ ދުވަހު ބޭއްވޭނީ އިންތިޒާމުތައް ހަމަޖެއްސުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާބެހޭ އިދާރާތަކުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ދިނުމަށް ހުޅުމާލޭ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ގޮވާލައްވައިފިއެވެ.

މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި އަލީ ނިޔާޒު ވިދާޅުވީ ކޮވިޑާ ގުޅިގެން އިއުލާނުކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން އިންތިހާބު މިހާރު އިއުލާނުކޮށްފައި އޮތް ތާރީހަށް ނުބޭއްވިދާނެ ކަމަށް އީސީން މަޖިލީހުގައި ބުނެފައިވާ ކަމަށެވެ.

"އެހެންނަމަވެސް އަޅުގަނޑު ދެކޭގޮތުގައި ސަރުކާރުގެ އިދާރާތަކުން އިލެކްޝަންސް ކޮމިޝަނުން މިހާރު އިންތިހާބު ބާއްވަން އިއުލާނުކޮށްފައި އޮތް ތާރީހުގައި މި އިންތިހާބު ބޭއްވޭނެ އިންތިޒާމުތައް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. އަދި އެކަމަށް ގާނޫނީ ހުރަހެއް އޮތް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އަލީ ނިޔާޒު ވިދާޅުވިއެވެ.

މިހާރު އީސީން އެދެނީ އިންތިހާބާ ގުޅިގެން އެތެރޭގެ އިދާރީ މަސައްކަތްތަކެއް ކުރުމުގެ ހުއްދައަކަށް ކަމަށާއި އެ ހުއްދަ ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކައުންސިލްތަކުގެ އިންތިހާބާ ބެހޭ ގާނޫނުގައި ކެމްޕެއިން ކުރުމަށް މި އޮންނަނީ އެއް މަސް ދުވަސް. އެއް މަސް ދުވަހާ ހިސާބަށް ދެންހުރި އިދާރީ މަސައްކަތް ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް އެ ހުއްދަ ކަމާބެހޭ ފަރާތްތަކުން، އަދި ގާނޫނުގައި ކުއްލި ނުރައްކަލުގެ ހާލަތުގައި އޮއްވައި އެކަން ނުކުރެވޭނެ ކަމަށް ގާނޫނުގައި އެހެން ބުނެފައި އޮތަސް އަޅުގަނޑު ދެކޭ ގޮތުގައި މި އިންތިޒާމުތައް އެޗްޕީއޭ އާއި ކަމާބެހޭ އިދާރާތަކުން ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށްޓަކައި ދޭންޖެހޭ އެންމެހާ އެއްބާރުލުންތައް ދޭންވާނެ ކަމަށް،" އަލީ ނިޔާޒު ވިދާޅުވިއެވެ.

އަލީ ނިޔާޒު ވިދާޅުވީ އިންތިހާބު ލަސްވުމަކުން މި ގައުމަށްވާނެ އެއްވެސް ފައިދާއެއް ނުފެންނަ ކަމަށާއި މިހާރު އޮތް ލޯކަލް ކައުންސިލުތަކުގެ ހާއްސަ ގާނޫނުން ކައުންސިލުތަކަށް ދީފައިވާ ބޮޑެތި ބާރުތަކެއް ހިފަހައްޓާފައިވާ ކަމަށެވެ.

"އިތުރަށް އެއް އަހަރަށްވުރެ ދިގުދެމިގެން ދާގޮތަށް އަނެއްކާވެސް މިހާރު ތިބި ކައުންސިލަރުން ތިބުމަކީ އޭގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުކުމެދާނެ ކަމެއް ކަމަށް ފެންނާތީ ކައުންސިލު އިންތިހާބު އެ އޮތް ތާރީހުގައި ބޭއްވުމަށް ދޭން ޖެހޭ އެންމެހާ އެއްބާރުލުން ސަރުކާރުގެ ހުރިހާ އިދާރާތަކުން ދިނުމަށް އަޅުގަނޑު އެ ފަރާތްތަކަށް ގޮވާލަން،" އަލީ ނިޔާޒު ވިދާޅުވިއެވެ.

އަލީ ނިޔާޒުގެ ވާހަކައާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކައުންސިލު އިންތިހާބު ބާއްވަން ކުރަން ޖެހޭ ކަންކަން ކުރުމުގެ ފުރުސަތު ދިނުމަށް ކަމާބެހޭ ފަރާތްތަކާއެކު ވާހަކަދައްކައި މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި މަޖިލީހުން ސިޓީއަކުން ސަރުކާރުގެ އިދާރާތަކަށް ދަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ތާވަލުކޮށްފައި އޮތީ މިއަހަރުގެ އޭޕްރިލް މަހު ބާއްވާ ގޮތަށެވެ. ނަމަވެސް ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު އަންނަ އަހަރަށް ފަސްކުރިއެވެ. އެ ބިލް ތަސްދީގު ކުރައްވާތާ އަހަރެއްގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެއެވެ. އެއީ އަންނަ އަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހެވެ.

މީގެ އިތުރުން އިންތިހާބު ބޭއްވާނެ ތާރީހެއް އިއުލާން ކުރެވޭނީ މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ ހަތް ދުވަސް ތެރޭގައި ކަމަށްވެސް ހާއްސަ ގާނޫނުގައިވެއެވެ. ނަމަވެސް އީސީން އަންނަނީ އަންނަ މާޗް މަހުގެ ހަވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ތައްޔާރީތައް ވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އީސީގެ ރައީސް އަހްމަދު ޝަރީފް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އިންތިހާބުގެ މަސައްކަތް ފެށުމަށްފަހު ވަކި ތާރީހުތަކެއްގައި ކުރަން ލާޒިމު ކަންކަން ހުންނަ ކަމަށާއި އެކަންކަން ކުރެވޭނީ މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން އިންތިހާބުގެ މަސައްކަތް ފެށުމުގެ ހުއްދަ ދީގެން ކަމަށެވެ.