ފުލުހުންގެ އިދާރާގެ އިސް މަގާމުތަކުގައި ތިބި ބައެއް ފުލުހުންގެ މަގާމު ގެއްލުވައިލެވޭގޮތަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ބަދަލު ކުރަން އެމްޑީޕީން ނިންމައިފިއެވެ.
ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީން ދިވެހިންގެ ފުލުހުންގެ ހިދުމަތުގެ ބިލު ނިންމައި މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ. އެހެންކަމުން ދެން ބިލަށް އިސްލާހެއް ގެނެވޭނީ، މަޖިލީހުގެ ތަޅުމުންނެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރަކު "ވަން އޮންލައިން" އަށް މިއަދު ވިދާޅުވީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް އެމްޑީޕީން ގެންނަން ބޭނުންވާ އިސްލާހާމެދު މިއަދު 10:00 ގައި އޮންނަ ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި މަޝްވަރާ ކުރާނެ ކަމަށެވެ. އެ އިސްލާހަކީ، ފުލުހުންގެ ބައެއް މަގާމުތަކަށް ބަދަލު ގެވެނެވޭނެ އިސްލާހެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އެ އިސްލާހާ ބެހޭ އިތުރު ތަފްސީލެއް ނުދެއްވައި އޭނާ ވިދާޅުވީ އެކަމާބެހޭގޮތުން އިތުރު މައުލުމާތެއް ދެވޭނީ ޕީޖީ ގްރޫޕުުގެ ބައްދަލުވުން ނިމުމުން ކަމަށެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވެސް ވަނީ ފުލުންގެ ހިދުމަތުގެ ބިލަށް އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ހުށަހަޅުއްވާފައިވާ އިސްލާހު ފާސްކޮށްދިނުމަށް ޕީޖީ ގްރޫޕުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
އޭނާ ވިދާޅުވީ އެކަމަށްޓަކައި މިއަދު ހެނދުނު 10:00 ގައި ޕީޖީ ގްރޫޕުުގެ ބައްދަލުވުމެއް އޮންނާނެ ކަމަށެވެ.
ފުލުހުންގެ ހިދުމަތުގެ ބިލަށް މި އިސްލާހު ގެނައުމުގެ މައްސަލައިގައި މަޖިލިސް މެންބަރަކާ ދެމެދު ހިޔާލު ތަފާތުވެ އަޑުގަދަކުރައްވަން ފެއްޓެވުމުން، މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަން އިއްވައި ރައްޔިތުންގެ މަޖިިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ ޖަލްސާއިން ނެރެފައެވެ.
އެ މައްސަލައާ ގުޅިގެން ޝަރީފް ވިދާޅުވީ "ދިވެހި ފުލުހުންގެ ބިލަށް ކޮމިޝަންޑް އޮފިސަރުން ގާނޫނުގެ ޒަރީއާއިން ވަކި ކުރާގޮތަށް ހުށަހަޅަން އުޅޭ އިސްލާހަށް ތާއީދު ނުކުރާނެކަމަށް ބުނުމުން އިއްޒަތްތެރި މެންބަރު ދޮންބިލެތް އަހުމަދު އަޅުގަނޑާ ޒުވާބުކުރަން ފެށުމުން ނަން އިއްވައި މަޖިލީހުން މި ނެރުނީ އަޅުގަނޑު،" ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވެފައިވަނީ، ބަދަލު ހިފުމަށް ތާ އަބަދު މަސައްކަތް ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް