ކޮވިޑް ވެކްސިން އަށް ހޭލުންތެރި ކުރުވުމަށް އެމެރިކާގެ ކުރީގެ ތިން ރައީސުން ނިކުމެވަޑައިގެންފި އެވެ.

އެމެރިކާގެ ކުރީގެ ރައީސުން ކަމަށްވާ، ބަރަކް އޮބާމާ އާއި ޖޯޖް ޑަބްލިއު ބުޝްގެ އިތުރުން ބިލް ކްލިންޓަން ވަނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ކޮވިޑްގެ ވެކްސިން އަކަށް ހުއްދި ދިނުމުން އެގައުމުގެ ރައްޔިތުންނަށް ވެކްސިންގެ ރައްކާތެރިކަމާއި ވެކްސިން އަށް އިތުބާރު ހޯދުމަށް މަސައްކަތް ކުރެއްވުމަށް ނިކުންނެވުމަށް ނިންމަވައިފަ އެވެ.

އެ ގޮތުން އެ ތިން ބޭފުޅުން ވަނީ، ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމާއި ވެކްސިން ޖެހުމަށް ރައްޔިތުންނަށް ހިތްވަރުދެއްވުމުގެ ގޮތުން، ކެމެރާގެ ކުރިމަތީގައި އެބޭފުޅުންގެ ހަށިކޮޅަށް ވެކްސިން ޖެހުމަށް އެއްބަސްވެވަޑައިގެންފަ އެވެ.

މި ތިން ރައީސުންގެ އިތުރުން އެމެރިކާގެ ކުރީގެ ސަރުކާރުތަކުގެ އިސް އެހެން ބައެއް އޮފިޝަލުން ވެސް ވަނީ ރައްޔިތުން ހޭލުންތެރިކުރުވުމަށް އެހީތެރިވެދެއްވުމަށް ނިންމައިފައެވެ.

އެމެރިކާގެ ރައްޔިތުން ކޮވިޑް ވެކްސިން އަށް ހޭލުންތެރިކުރުވުމަށް އެ ގައުމުގެ ކުރީގެ ތިން ރައީސުން ނުކުމެވަޑައިގަތުމަށް ނިންމަވައިފައިވާ އިރު، އެ ގައުމަކީ މުޅި ދުނިޔޭގައިވެސް ކޮވިޑްގެ ހާލަތު އެންމެ ގޯސްކޮށް އޮތް ގައުމެވެ. އެންމެ ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް ޖެހިފައި ވަނީ ވެސް އަދި މި ބަލީގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައި ވަނީ ވެސް އެމެރިކާއިންނެވެ.