ހިމޭންކަމާއެކު ވަގުތު ފާއިތުވެގެން ދިޔަ އެވެ. ނާލާއަށް އޭނަގެ ތުންފަތުގައި ދަތް އަޅާލެވުނެވެ. މޭގައި އުތިރި އަރަމުން ދިޔަ ހިތްދަތިކަމުގެ ޖަޒުބާތުތައް ހިންދާލަން އޭނަ މަސައްކަތްކުރި އެވެ. ނަމަވެސް ކާމިޔާބު ލިބޭ ގޮތެއް ނުވި އެވެ. ފިޒާޔާގެ ކޮންމެ ޖުމްލައެއް ހޮނު ގުގުރިތަކެއްގެ ސިފައިގައި ކަންފަތުގެ ތޫރީގެ ތެރޭގައި ގުގުމަމުން ދިޔަ އެވެ. މުޅި ޖިސްމަށް ވޭނައި ރިހުން ގެނެސްދެމުންނެވެ. ހިތުގެ އެންމެ ފުންމިނަށް އެ ޖުމްލަތަކުގެ ތޫނުކަމުން ޅިޔަ އެޅެން ފެށި އެވެ. ލޮލުން ފާޅުވަމުން ދިޔަ އުދާސްކަމުގެ ކަރުނަތަކުން އެކަމަށް ހެކިދެ އެވެ.

''އިނގޭ ދެރަވާނެކަން، އަޑުއަހަން ފަސޭހަ ނުވާނެކަން ވެސް، އެކަމަކު އެފަދަ މީހަކާއެކު އުޅުމުން ނާލާއަށް ލިބޭނީ ކޮން ކަހަލަ ދިރިއުޅުމެއްތަ؟، އޭނަ ނާލާއަށް އޮޅުވާލާފައި އޮތް މިންވަރާ މެދުގައި ވެސް ވިސްނާލަބަ، ހަދާފައިވާނެ ދޮގުތަކާ މެދު ވިސްނާލަބަލަ، ލޯބިވާ މީހަކު އެފަދަ ކަމެއް ކުރާނެތަ؟...''

މޭޒުމަތީގައި އޮތް ނާލާގެ އަތުގައި ފިޒާޔާ ހިފާލި އެވެ. ހަމްދަރުދީގެ އަސަރުތައް އެލޮލުގައިވި އެވެ. ދެއްކުންތެރިކަމެއް މިފަހަރު ނުވެ އެވެ. ހަޤީޤަތުގައި ވެސް ނާލާއަށް އައިސްފައިވާ ބަދަލުތަކުން ފިޒާޔާއަށް އަސަރުކުރި އެވެ. ހިނދުކޮޅެއްގެ ތެރޭގައި ނާލާގެ އުފާވެރި ދިރިއުޅުން ފުނޑުފުނޑު ވެގެން އެދިޔައީ އޭނަގެ ލޯކުރިމަތީގަ އެވެ. ދިރިއުޅުމާމެދު ކުރި ހުރިހާ އުއްމީދަކާއި ދުށް ހުރިހާ ހުވަފެންތަކެއް ވެސް ވިއްސިވިހާލިވެ ހިތްދަތިކަމާއި ހިމޭންކަން ނާލާގެ ނަފުސަށް ވެރިވެގެން ދިޔަ މަންޒަރު ވެސް ފެނުނެވެ. ހަމްދަރުދީގެ އިހުސާސްތައް ފިޒާޔާގެ ހިތުގައި އުފެދުނީ އެހެންވެ އެވެ. ނާލާ ފަދަ އަންހެންނެއްގެ ދިރިއުޅުން ބަރުބާދުކޮށްލުމުގައި އޭނަގެ ހިއްސާ އޮތުމުން ފިޒާޔާއަށް އުނދަގޫތަކެއްވި އެވެ. ނަމަވެސް ދެން އިތުރަށް ކުރެވޭނެ ކަމެއް ނެތެވެ. ހުރިހާ ކަމަކަށް އެވަނީ ނިމުން އަތުވެފަ އެވެ. ޔަޝްފީގެ އެންމެ ފަހުގެ ހަމަލާ އެވަނީ ނާލާއަށް އަމާޒުކުރެވިފަ އެވެ. އެކަމުގެ ނަތީޖާ ވެސް ނިކަން އަވަހަށް ފެންނަން ފަށައިފި އެވެ.

ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އޭގެ މަޤާމު ދޫކޮށް ފައިބައިގަތުމުން، ކަރުނައިގެ ފިނިކަން ނާލާއަށް އިހުސާސްކުރެވުނެވެ. އެއާއެކު އޭނަ ދިޔައީ ސިހިގެންނެވެ. އަވަސްއަވަހަށް ކަރުނަތައް ފޮހެލެވުނެވެ. ނަމަވެސް ކަރުނަތަކުގެ ސިލްސިލާއަށް ނިމުމެއް ނުވާ ކަހަލައެވެ. ކަންފަތަށް އިވިގެން ދިޔަ ހަޤީޤަތުން އޭނަގެ މުޅި ވުޖޫދު ހުއްޓުމަކަށް އައިސްފައިވާ ކަހަލަ އެވެ. ސިކުނޑީގެ މަސައްކަތްތަކަށް މުޅިން ހެން ވަނީ ބުރު އަރައިފަ އެވެ. ފިޒާޔާގެ ވާހަކަތައް ހުއްޓުމެއް ނެތި ކަންފަތުގައި ގުގުމަމުން ދިޔަ އެވެ. ކޮންމެ ފަހަރަކު ހިތަށް ސަޒާ ގެނުވަމުންނެވެ.

ފިޒާޔާގެ ސުވާލުތަކަށް ނާލާއަށް ޖަވާބެއް ނުދެވުނެވެ. އޭނަގެ އަރު ވަނީ ބެދިފަ އެވެ. ވާހަކަދައްކަން ދޫ ހަރަކާތެއް ވެސް ނުކުރި އެވެ. ހިމޭންކަން އިހްތިޔާރު ކުރެވުނީ އެހެންވެ އެވެ.

''ނާލާ ވިސްނާލަބަލަ، ލަސްވުމުގެ ކުރިން ހަޤީޤަތް އެނގުން އެއީ ވެސް ލިބުނު ނަސީބެއް، އެހާ ރަހުމުކުޑަ މީހަކާ އެކީ އުޅުން ހެޔޮ ނުވާނެ، ޔަޝްފީއަށް ޖެއްސި ހާލު ނާލާއަށް ފަހުން ނުޖައްސާނެ ކަމުގެ ކޮން ޔަޤީންކަމެއްތަ އޮތީ؟... ހީ ރޭޕްޑް ހާރ... މިހާރު ވެސް އެކަމުގެ ހިތިކަން ތަޖުރިބާ ކުރަމުން އެދަނީ، މިއަދު ރުހައިމް ކުރި ނުބައި ކަންތަކުން މުޅި ދުނިޔެއަށް ޔަޝްފީ ބަދުނާމުވާނެ ހާލަތު އެވަނީ ކުރިމަތިވެފައި... ކޮންމެ މީހަކު ވެސް ކުށްވެރި ކުރާނީ ޔަޝްފީ، ދުނިޔެއަށް ފަޟީޙަތް ވާނީ ވެސް ހަމައެކަނި ޔަޝްފީ...''

ފިޒާޔާގެ ޖުމްލައިން ނާލާ ސިހުނެވެ. ކުއްލިއަކަށް އިސްއުފުލަމުން ފިޒާޔާގެ މޫނަށް ނާލާ ބަލައިލި އެވެ. އޭރު ލޮލަށް ޖަމާވެފައިވި ކަރުނަތަކުން މަންޒަރުތައް ވަނީ ފުސްވެފަ އެވެ. ނާލާގެ ހިތުގެ ތެޅުން އިތުރުވާން ފެށީ ފިޒާޔާގެ ވާހަކަތަކުގެ މާނަ ނަގައިގަނެވުމުންނެވެ. އެއާއެކު އިތުރު ގިލަންވެރިކަމެއް އިހުސާސްކުރަން ޖެހުނެވެ. އޭނަގެ މުޅި ދުނިޔެ ހުއްޓުމަކަށް އައިކަހަލަ އެވެ. ހިތުގެ އުދާސްކަން ބަރުދާސްތު ކުރަން ދަތިވާ ހިސާބަށް ކަންތައް ދިޔަ އެވެ. ކަށިން ނެރެން މަސައްކަތް ކުރި ހިތްވަރު ގެއްލި މީހާ މުޅިން ބަލިކަށިވެގެން ދިޔަ އެވެ. ދެފަރާތަށް ބޯހޫރާލެވުނެވެ.

ނާލާގެ ދުލުން ބަހެއް ބޭރުނުވިކަމުގައި ވިޔަސް އެދެލޮލުގައިވި ސިހުމުން ނާލާ ބުނަން ބޭނުންވަނީ ކީކޭކަން ފިޒާޔާއަށް ދޭހަކުރެވުނެވެ. ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލަމުން ފިޒާޔާ ބޯޖަހާލިއެވެ.

''ޔަޝްފީ މިހާރު އެއިނީ ރުހައިމްގެ ކުއްޖަކަށް ބަލިވެ... އަސްލު މިވާހަކަތައް ނާލާއާ ހިއްސާ ކުރަން ޖެހުނީ ވެސް އެހެންވެ. ފުރަތަމަ ފަސްޖެހުނު ނާލާއަށް ލިބޭނެ ހިތްދަތިކަމާމެދު ވިސްނާލެވުމުން، އެކަމަކު ހަޤީޤަތެއް އެކުލެވިގެން ނުވާ ދެއްކުންތެރި ހަޔާތެއްގެ ތެރޭގައި ވަގުތު ބޭކާރު ކުރުމަށް ވުރެން ހަޤީޤަތާ ކުރިމަތިލުން ވެސް މާ ރަނގަޅުވާނެ... ރުހައިމްގެ އަސްލު ސިފަ ނާލާއަށް ހާމަކުރަން ވެސް ބޭނުންވީ އެހެންވެ... އޭނަ ނާލާ ދެކެ ލޯބިވާނަމަ އެފަދަ މުޑުދާރު އަމަލެއް ހިންގާނެތަ؟... އޭނަ އެފަދަ ކަމެއް ކުރުމުން އެއީ ނާލާއަށް ވެސް ދެވުނު އަނިޔާއެއް... އޭނައާއެކު ދެން ކިހިނެއްތަ ނާލާއަށް އުފާވެރި ދިރިއުޅުމެއް ލިބޭނީ؟، ދޮގުތަކާއި މަކަރުވެރިކަމުގެ މައްޗަށް ބިނާވެފައި އޮތް ދިރިއުޅުމަކުން ހަޤީޤީ އުފާވެރިކަމެއް ނުލިބޭނެ، އަހަރެން ދެރަވޭ ނާލާއަށް ލިބެމުންދާ ހިތްދަތިކަން ފެނުމުން، އެކަމަކު ހަޤީޤަތާ ކުރިމަތިލާން ވެސް އެބަޖެހޭ، ނޫނީ ސަލާމަތެއް ނުލިބޭނެ...''

އަތްދަބަސް ތެރޭން ނެގި ސިޓީ އުރައެއް ނާލާގެ އަތަށް ދިއްކޮށްލަމުން ފިޒާޔާ ވާހަކަދެއްކި އެވެ. ކަންފަތް ދޮށުގައި ބޮވެއް ގޮއްވާލެވުނު ފަދަ އިހުސާސެއް ނާލާއަށް ކުރެވުނެވެ. ދެލޯ ބޮޑުވެގެން ދިޔަ އެވެ. ހަރަކާތްކޮށްލި ތުންފަތުގެ ތެރޭން އިވިގެން ދިޔައީ ވޭނީ އާހްތަކެވެ. ނާލާއަށް އޭނަގެ މޭގައި ފިރުމާލެވުނެވެ. ހިތް ފޮތިފޮތިވެގެން ދިޔަފަދަ ވޭހީ އިހުސާސެއް ކުރެވުނެވެ.

ހުއްޓުން އަރާފައި އިން ނާލާއަށް ފިޒާޔާއަށް ބަލަން އިނދެވުނީ އެވެ. އޭނައަށް ހަރަކާތެއް ނުކުރެވުނެވެ. ހަށިގަނޑުން ހަކަތަ ހުސްވެފައިވާ ކަހަލަ އެވެ. އޭނަގެ މުޅި ނަފުސު ވެސް ހިތާމަތަކުން ވަނީ ބަލިކަށިކޮށްލައިފަ އެވެ. ސިކުނޑީގައި ވެސް ވަނީ ވަރުގަދަ ތޫފާނެއް އުފައްދާލައިފަ އެވެ. އެތޫފާނުގެ ގަދަ ވަޔާއެކު ހަޔާތުގެ ސަމުގާ ފުނޑުފުނޑުވެގެން ހިނގައްޖެ އެވެ. ހާސިލުކުރަން ބޭނުންވި މަންޒިލް ގެއްލި، މިސްރާބެއް ނެތް މުސާފިރަކަށް ވެއްޖެ އެވެ.

''އެދުވަހު ނާލާއާ ހޮސްޕިޓަލުން ދިމާވީ ވެސް ޓެސްޓް ހަދަން ގޮސް ތިއްބާ...'' ނާލާއަށް ހަނދާންކޮށްދެމުން ފިޒާޔާ ބުނެލި އެވެ. ނާލާ އެދުވަސް މަތިން ހަނދާންވި އެވެ. އެހިނދު އޭނައަށް ބޭރުކޮށްލެވުނީ އުދާސްކަމުގެ ނޭވާއެކެވެ.

ނާލާ ސިޓީއުރުއިގައި ހިފަން ނޫޅުމުން ނާލާގެ އަތަށް ސިޓީއުރު ލައިދިނީ ފިޒާޔާ އެވެ.

''މީގައި އޮތް ލިޔެކިޔުމުން އަހަރެން ދެއްކި ވާހަކަތައް ޔަޤީންކޮށްދޭނެ، ޤަބޫލުކުރަން ދަތިވިޔަސް މިއީ ހަޤީޤަތް، ނާލާ މިކަމުން ފިލަން ދުވަން އުޅެފިއްޔާ އެއީ ރުހައިމްއަށް ދެވޭނެ ހިތްވަރެއްކަން ޔަޤީން، އަހަންނަށް ހިޔެއް ނުވޭ އޭނަ ކުރި ކަންތަކަށް އޭނަ ޒިންމާ ނަގާނެ ހެނެއްވެސް، އެކުށެއް ނެތް މައުސޫމް ކުއްޖާގެ ދިރިއުޅުން ވެސް ރުހައިމްގެ ސަބަބުން ހަލާކުވެގެން ދާނީ... ކުއްޖާ އެބޯޓް ކޮށްލަން ޔަޝްފީގެ މައްޗަށް ނުފޫޒު ނުފޯރުވައިފިއްޔާ ވެސް ރަނގަޅު...''

ގޮނޑިން ތެދުވެލަމުން ފިޒާޔާ ބުންޏެވެ. އޭނަ ބުނަން ބޭނުންވާ ހުރިހާ ވާހަކަތަކެއް ހިއްސާ ކުރެވުމުން އިތުރަށް މަޑުކުރާކަށް ގަސްދެއް ނުކުރި އެވެ. ނާލާގެ ހިތާމަތަކުގެ އަސަރު އެހިތުގެ މައްޗަށް ފޯރަން ބޭނުން ނުވާތީ އެވެ. އެހެންނޫންނަމަ އޭނައަށް ގޯހެއް ހެދިދާނެ އެވެ.

''އައިމް ސޯ ސޮރީ ޔޫ ހޭވް ޓު ގޯ ތްރޫ ދިސް، ބަޓް ޔޫ ނީޑް ޓު ނޯ ދި ޓްރުތް...'' ދިއުމުގެ ކުރިން ނާލާގެ ކައިރިއަށް ހުއްޓިލަމުން، ނާލާގެ ކޮނޑުގައި ފިޒާޔާ އަތްބާއްވާލި އެވެ. ހިތްވަރުދިނުމުގެ އިޝާރަތެއްގެ ގޮތުންނެވެ. އެއަށްފަހު ނާލާ އެއިން ހާލަތަށް ދޫކޮށްލުމަށްފަހު އޭނަ ކުރިއަށް ހިނގައިގަތެވެ. ފަސްއެނބުރި ބަލައިލުމެއް ނެތި އެވެ.

*****

އަތުގައި އޮތް ސިޓީ އުރައަށް ނާލާ ބަލަން ހުރީ ބިރެއް ފެނިފައިވާ ފަދައަކުންނެވެ. ޖެހިލުންވުމުގެ އަސަރުތައް އެމޫނުގައިވި އެވެ. އެސިޓީ ހުޅުވައިފިނަމަ ލިބިގެން ދާނީ އިތުރު ހިތްދަތި ކަމެއްކަން އޭނައަށް ލަފާކޮށްލެވޭތީ އެވެ. އަތުގައި އަޅަމުން ދިޔަ މަޑު ތުރުތުރުލުމާއެކުގައި ނާލާއަށް ސިޓީ ހުޅުވާލެވުނެވެ. އެއާއެކު އޭގެ ތެރޭގައި އޮތް ލެބްގެ ތަހުލީލުތަކުގެ ރިޕޯޓް ފެނުނެވެ. އެސްފިޔަޖަހާލުމެއް ނެތި ނާލާއަށް ބަލަން އިނދެވުނެވެ. ކޯތާފަތުން ފޭބި ކަރުނަތައް ފޮހެލަމުން ނާލާއަށް ނޭވާ ހިފަހައްޓާލެވުނެވެ. އޭނަގެ ހިތް އޭރު ބާރުބާރަށް ތެޅެމުން ދިޔަ އެވެ. މޭގެ ތެރޭގައި ހައިޖާންގަނޑެއް އުފައްދާލައިފަ އެވެ. އޭގައި ލިޔެފައިވާ އެއްޗެއް ބަލަން ބޭނުން ނުވިޔަސް، ނަފުސު އެކަމަށް އިންކާރެއް ނުކުރެވުނެވެ. ނުފެންނަ ބާރަކުން އޭނަގެ އިހުސާސްތަކުގެ މައްޗަށް ބަރުވެރިކަން ފޯރުވާ ކަހަލަ އެވެ.

''ޕޮޒިޓިވް...'' ނާލާއަށް ނަތީޖާ ބަލައިލެވުނެވެ. އޭނަގެ އަތުން ސިޓީއުރަ އާއި ލެބްގެ ތަހުލީލު ރިޕޯޓްތައް ވެއްޓިއްޖެ އެވެ. އޭނަގެ ހިތް ހީވީ މޭގެ ތެރޭގައި ފިތިގެން ދިޔަ ހެންނެވެ. ނޭވާ ލާން ވެސް އުނދަގޫ ވެގެން ދިޔަ އެވެ. ނާލާއަށް ރޮވެން ފެށުނެވެ. މީހުންގެ ސަމާލުކަން އޭނައަށް ހުއްޓެމުން ދިޔަކަން ވެސް ނާލާއަށް ފާހަގަވި އެވެ. ނަމަވެސް މީހުންގެ ލޯތަކުން ސަލާމަތްވާން އޭނަ ހުރި ހާލަތު ތަނެއް ނުދިނެވެ. މީހާގެ ހުރިހާ ހިތްވަރެއް ވަނި ގެއްލިފަ އެވެ. ހަޔާތާމެދު ކުރި އުއްމީދުތައް ވެސް ވަނީ ފުނޑުފުނޑުވެފަ އެވެ. އެންމެ ލޯބިވާ ފާރާތުގެ ހަޤީޤަތްތައް ނިއުޅިގެން ދިއުމުން ނާލާއަށް އެކަންތައް ޤަބޫލުކުރަން ވެސް ދަތިކަމަކަށް ވެއްޖެއެވެ. ސިކުނޑި ހުއްޓުމަކަށް އަންނަވަރު ވެއްޖެ އެވެ. ރުހައިމް އެފަދަ ނުބައި މީހަކަށް ވެދާނެ ބާއޭ ހިތާ ސުވާލު ކުރެވުނު އަދަދެއް ނޭނގެ އެވެ. އޭނައަށް ދޮގު ހަދައި އޮޅުވާލަފާނެ ހެއްޔޭ ވެސް ސުވާލު ކުރެވުނެވެ. ނަމަވެސް އެއްވެސް ސުވާލަކަށް ޖަވާބު ލިބޭ ގޮތެއް ނުވި އެވެ. މާޔޫސްކަން އިތުރުވި އެވެ.

ފާއިތުވާ ކޮންމެ މިނެޓަކާއެކު ނާލާގެ ހިތްދަތިކަން ދިޔައީ އިތުރުވަމުންނެވެ. ހިތް ފިސްފިސްވަމުންދާ ކަމުގެ އިހުސާސް ވެސް ކުރެވުނެވެ.

''ރުހައިމް...'' ނާލާގެ ހިތާމަތައް ވޭނީ އާހުތަކަކަށް ބަދަލުވިއެވެ. ލޮލުން ފައިބާ ކަރުނަ ތަކުގައި ވަނީ ޝަކުވާތަކެވެ. އޭނައަށް ރުހައިމް ދަސްނުވީ ހެއްޔެވެ؟ ރުހައިމްގެ ފަރާތުން އޭނައަށް ލިބުނު ލޯތްބަކީ ބިލާހެއް ހެއްޔެވެ؟ ރުހައިމް އަކީ އޭނަ ހީކުރި ފަދަ އޯގާތެރި ހިތެއްގެ ވެރިޔަކަށް ނުވިއެވެ. ހާމަވެގެން ދިޔަ ހަޤީޤަތުން ދައްކައިދެނީ މުޅިން ތަފާތު މަންޒަރެކެވެ. ބިރުވެރި ހިތްދަތިކަމުން ފުރިގެންވި މަންޒަރެކެވެ.

ޤަބޫލުކުރަން ބޭނުން ނުވިޔަސް ރުހައިމްއާ ދެކޮޅަށް ފެންނަމުން ދިޔަ ހެކިތަކަށް ބީރު ކަންފަތެއް ދެވޭ ގޮތެއްނުވި އެވެ. ހަމައެއާއެކު ޔަޝްފީގެ ހާލަތާ މެދު ވިސްނާލެވުމުން އިތުރު ހިތާމަތަކެއް ލިބުނެވެ. ޔަޝްފީ ފަދަ ރަނގަޅު އަންހެން ކުއްޖެއްގެ ދިރިއުޅުމުން ހަލާކުވެގެން ދިއުމުން އެމަކަށް ފުރަގަސްދެވޭ ގޮތެއް ވެސް ނުވި އެވެ. އެހުރިހާ ކަމެއްގެ އަސްލާއި ގުޅިފައިވަނީ ރުހައިމްކަން އެނގުމުން ނާލާއަށް ހީވީ ވަގުތު ހުއްޓުމަކަށް އައި ހެންނެވެ. ދިރިއުޅުން ހިމޭންވެގެން ދިޔަ ހެންނެވެ. އޭނަގެ އުފާވެރިކަމުގައި ނިމުމުގެ ސިއްކަ ޖެހިގެން ދިޔަ ހެންނެވެ.

ހިތާމަތައް ބަރުދާސްތުކުރަން ދަތިވުމުން ނާލާގެ ހިތުގެ ޝަކުވާތައް ރުޅިވެރިކަން އިހުތިޔާރު ކުރަން ފެށިއެވެ. ރުހައިމް އޭނައަށް ހަދާފައިވި ދޮގުތަކާމެދު ނާލާއަށް ވިސްނުން ހިންގާލެވުނެވެ. މިއަދު އޭނައަށް ހުރިހާކަމެއް ސާފުވެގެން ދިޔަ ކަހަލައެވެ. ރުހައިމްއަށް އައި ބަދަލުތަކެވެ. މިޒާޖު ބަދަލުވެގެން ދިޔަ ގޮތެވެ. އޭނަގެ ސުވާލުތައް އޮއްބާލަން ބޭނުން ކުރި އުކުޅުތަކެވެ. އެހުރިހާ ކަމަކުން ވެސް ރުހައިމް ކުށްވެރިވާ މިންވަރު ނާލާއަށް އަންދާޒާކޮށްލެވުނެވެ.

''ކީއްވެ؟، ކީއްވެ؟...'' ނާލާގެ ހިތުގައި އޮތީ އެންމެ ސުވާލެކެވެ. ކިތަންމެ ވަރަކަށް އެސުވާލު ތަކުރާރު ކުރިޔަސް ޖަވާބު ނުލިބޭނެކަން އޭނައަށް އެނގުނެވެ. އެއްވެސް މީހާކާ ކުރިމަތިލުމުގެ ހިތްވަރެއް ވެސް ނާލާގެ ނެތެވެ. ދިރިއުޅުމުގެ މައިދާނުގައި މިއަދު އޭނަ އެވަނީ ބަލިކަށިވެފަ އެވެ. ނިކަމެތިވެފަ އެވެ. އޭނައަށް މުޅި އުމުރަށް ހިމާޔަތާއި ރައްކާތެރިކަން ދޭން ވައުދުވި ބައިވެރިޔާ އެވަނީ އޭނައަށް ރަހުމެއް ނެތި އަނިޔާދީފަ އެވެ. އެ އަނިޔާތަކުގެ ތަދު ހަށިގަނޑުގެ ކޮންމެ ހިސާބަކަށް ވަނީ ފެތުރިފަ އެވެ. ކެތްކުރަން ދަތިވެއްޖެ އެވެ.

''އަހަންނަށް ރުހައިމް ދަސްނުވީތަ؟، ރުހައިމްއަކީ އަބަދުވެސް އެކަހަލަ ނުބައި މީހެއްތަ؟... ރުހައިމް!، ކީއްވެ އަހަންނާމެދު ތިހެން ކަންތައް ތިކުރީ؟... ހަމައެކަނި އަހަންނާ މެދުގައެއް ނޫން އަނިޔާވެރި ތިވީ، އަންހެން ކުއްޖެގެ އިއްފަތްތެރިކަން ރުހައިމްއަށް މުހިންމު ނުވީ ކީއްވެތަ؟... ގަދަ ބާރު ދައްކަން މަސައްކަކުރީ ކީއްވެތަ؟، ކީއްވެ؟... އަހަރެންވި ލޯތްބަށް ޤަދަރު ނުކުރީ ކީއްވެ؟...'' ނާލާގެ ހަޔާތުގެ ބައްތި ނިވިގެން ދިޔައެވެ. ކަނު އަނދިރިކަމެއްގެ ތެރެއަށް ގެނބުނެވެ. އެހިތުގައި ވަނީ ޝަކުވާތަކެވެ. ހިތްދަތިކަމެވެ.

(ނުނިމޭ)