ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކުރުމާ ހަމާގައިވާ، ފުލުހުންގެ ހިދުމަތުގެ ބިިލު ފާސްވުމުން ފުލުހުންނަށާއި އެ މުއައްސަސާއަށް މީގެ ކުރިން ދުވަހަކު ވެސް އައިސްފައި ނުވާވަރުގެ ރަނގަޅު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން މިއަދު ބުނެފި އެވެ.

ކޮމިޓީ މަރުހަލާ ނިމި، ތަޅުމަށް ފޮނުުވާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލާ ގުޅޭގޮތުން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ބިލު ފާސްކޮށް ގާނޫނަކަށްވެ ތަންފީޒު ކުރެވުމުން ފުލުހުންނާއި ފުލުހުންގެ މުވައްސަސާގެ ތަސައްވަރަށާއި ކުރިއެރުމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އެމްޑީޕީން ބުނީ މި ބިލަކީ ފުލުހުންނާއި ދައުލަތުގެ ކަމާބެހޭ ހުރިހާ ވުޒާރާތަކާއި މުއައްސަސާތަކާއެކު މަޝްވަރާ ކުރެވިގެން އަދި އާންމުންގެ ހިޔާލުތަކުގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން ދިރާސާކޮށް ފުރިހަމަކޮށްފައިވާ ބިލެއް ކަމަށެވެ. އަދި މިއީ އެމްޑީޕީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅެއްގެ މައްޗަށް، ފުލުހުންގެ މުއައްސަސާ ޑިމޮކްރެޓިކް ވެރިކަމެއްގައި ޕްރޮފެޝަނަލް ގޮތެއްގައި ހުނަރުވެރިކަމާއެކު މަސައްކަތްކޮށް، ހިދުމަތްދޭ މުއައްސަސާއަކަށް ހެދުމަށް ހެދޭ ގާނޫނެއް ކަމަށް ވެސް ބުންޏެވެ.

"މިއީ ފުލުހުންނަށާއި ފުލުހުންގެ މުއައްސަސާއަށް މީގެކުރިން ދުވަހަކު ވެސް އައިސްފައިނުވާ ފަދަ ހެޔޮ ރަނގަޅު ކުރިއެރުންތަކެއް ހޯދައިދޭނޭ ގާނޫނެއް،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނީ ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ ރައްކާތެރިކަމާއި އަމަން ބެލެހެއްޓުމާއި ޖިނާއީ އަދުލުގެ ނިޒާމުގެ މުހިންމު ބައިވެރިއަކަށްވާއިރު އެ ހިދުމަތަކީ އެންމެހައި ރައްޔިތުންނަށް އެކަމުގެ އިތުބާރު އޮންނަ ހިދުމަތަކަށް ވާންޖެހޭ ކަމަށެވެ.

އަދި އެ މުއައްސަސާގައި މަސައްކަތްކުރާ ފުލުހުންނަށް ވެސް، ފުލުހުންގެ މައްޗަށާއި ފުލުހުންގެ މުއައްސަސާގެ މައްޗަށް ފުރިހަމަ އިތުބާރު އޮންނަން ޖެހޭ ކަމަށާއި އެގާނޫނު ތަންފީޒު ވެގެންދާއިރު އެކަން ހާސިލުވެގެންދާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނިގޮތުގައި، ފުލުހުންގެ ހިދުމަތުގެ ގާނޫނުން ފުލުހުންނަށް ތައުލީމާއި ތަމްރީނާއި ކުރިއެރުމާއި ޕްރޮމޯޝަން ދިނުމުގައި އިންސާފާއި ހަމަހަމަކަމާއެކު އެ ފުރުސަތުތައް ލިބޭނެ އެވެ. އެކަންކަމުގެ އިތުރުން ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ސިއްހީ ފަރުވާގެ ހިދުމަތް ކަށަވަރުކޮށްދިނުމާއި ފުލުހުންގެ ހިދުމަތުން ރިޓަޔާކުރުމުން މާލީ ރައްކާތެރުކަން ކަށަވަރުކޮށްދީ ހައުސިން ސްކީމުތައް ގާއިމްކޮށް އޭގެ ފައިދާ ފުލުހުންނަށް ލިބޭނެ ގޮތް ހެދުމަކީ ވެސް އެ ގާނޫނުގެ ތެރެއިން ކަނޑައެޅިގެންދާ ކަންކަން ކަމަށް ބުންޏެވެ.