ކަނޑުމަގުން ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގއ. ވިލިނގިލި/ ލައިޓްހައުސް، ޝަހީބް އިބްރާހިމް ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާ ގުޅިގެން ރާއްޖެއަށް ކަނޑުމަގުން އެތެރެ ކުރި 130 ކިލޯގެ މަސްތުވާތަކެތި ހޯދައި ޝަހީބާއި އިތުރު ހަތް މީހަކު ހައްޔަރު ކޮށްފައިވަނީ މިިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު އެވެ. ހެކި ހުށަހެޅުމުން ޝަހީބުގެ ބަންދަށް ފުރަތަމަ ދިނީ 15 ދުވަހެވެ.

ނަމަވެސް އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު އޭނާގެ ބަންދުގެ މުއްދަތު ހަމަވެ، ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. ފުލުހުން އޭރު ބުނީ، ޝަހީބު ދޫކޮށްލީ ތަހުގީގަށް އިތުރަށް ލިބިފައިވާ ހެކިވެސް ހުށަހެޅުމުން ކަމަށެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިދިޔަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ނިންމީ، އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށް، ޝަހީބު ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށެވެ.

އެ މައްސަލަ ޝަހީބުގެ ފަރާތުން އިސްތިއުނާފު ކުރުމުން އަންނަ އާދިއްތަ ދުވަހު އެ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.