އަތޮޅު ތެރޭގައި ތަރައްގީ ކުރާ ބޮޑެތި ފުޓުބޯޅަ ދަނޑުތަކުގައި ގައުމީ ލެވެލްގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގެ މެޗުތައް ކުޅޭ ތަން ވެސް ފެންނާނެ ކަމަށް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
ލ. ގަމުގައި ފީފާ ސްޓޭންޑާޑަށް ތަރައްގީކޮށްފައިވާ ޓާފް ދަނޑު ހުޅުވުމުގެ ގޮތުން މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަހުލޫފު ވަނީ ފާޑުކިޔުންތަކަށް ރައްދު ދެއްވައިފައެވެ. ދަނޑުތައް އަތޮޅު ތެރޭގައި އަޅާތީ ފާޑުކިޔުންތައް އަމާޒުވާ ކަމަށް ވިދާޅުވެ، މަހުލޫފު ރައްދުގައި ވިދާޅުވީ ރާއްޖެ ތެރޭގައި ފުޓުބޯޅައާއި ފުޓްސަލް ދަނޑުތައް ތަރައްގީ ކުރަމުން އަންނަނީ މަރުކަޒީ ބަންދުން ވީއްލި، މާލެއިން ބޭރުގައިވެސް ފުޓުބޯޅައާއި ފުޓްސަލްގެ ކުރިމަގަށް ފުރުސަތު ދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެން މާލޭގައި އެކަނިތޯ ފުޓްސަލްއާއި ފުޓުބޯޅަ ކުޅެންވީ؟. މާލެގައި ތިބެގެން އެކަނިތޯ ފުޓުބޯޅަ ކުޅެންވީ؟. ނޫން. އެގޮތް މި ބަދަލުކުރަނީ. އެ ނިންމުން މި ސަރުކާރުން ބަދަލުކުރަމުން މިދަނީ. އިރާދަކުރެއްވިއްޔާ ދަނޑުގެ ވަށާ ފެންސް ޖަހާފައި ރޮސްޓަމްގެ މަސައްކަތް ނިންމައި، ލައިޓްވެސް ޖަހާފައި، މި ދަނޑުގައި އިރާދަކުރެއްވިއްޔާ އޭއެފްސީ ކަޕްގެ މެޗުތައް ކުޅެފައި ދައްކާނަން. މި ހުރިހާ ދުވަހު ހުރިހާ ކަމެއް މާލޭގައި. މެޗެއް ކުޅެން ޖެހުނަސް، މުބާރާތެއް ކުޅެން ޖެހުނަސް މާލޭގައި. 100 ދުވަސް ތެރޭ ރައީސް ކުރެއްވި އެންމެ ބޮޑު ކަމަކީ ތަފާތު ނައްތައިލުން،" މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ވެސް ކުޅިވަރަށް ނުކުރާ ވަރަށް މި ސަރުކާރުން ހަރަދުކޮށްފައިވާ ކަމަށާއި އަޅަމުން އަންނަނީ ހަމައެކަނި ފުޓުބޯޅަ ދަނޑު ނޫން ކަމަށެވެ. މިހާރުވެސް އެތައް ކުޅިވަރަކުން މުޅިން އަލަށް، ބައިނަލްއަގުވާމީ ފެންވަރުގެ އެތައް ފެސިލިޓީއެއް ގާއިމުކުރެވެމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ގަމުގައި މިއަދު ކުރިއަށްގެންދިޔަ ހާއްސަ އިވެންޓުގައި ދަނޑު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. ދަނޑުގެ ސަބް ބޭސް މަސައްކަތް އެމްޓީސީސީން ކޮށްފައިވާ އިރު، ޓާފް އެޅުމުގެ މަސައްކަތް ކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަންގެ ފަރާތުންނެވެ. މިހާރުވެސް ރާއްޖޭގެ 39 ރަށެއްގައި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ޔޫތު މިނިސްޓްރީއިން އަންނަނީ ކުރަމުންނެވެ.
މިނިސްޓަރު އަހުމަދު މަޙުލޫފް
މިނިސްޓަރު އަހުމަދު މަޙުލޫފް
މިނިސްޓަރު އަހުމަދު މަޙުލޫފް