މަސްތުވާތަކެތީގެ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރުން ހުއްޓުވުމަށް އަންނަ އަހަރުގެ ތެރޭގައި ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ. ގަމު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ތައާރަފް ކުރުމާއި އިންޖީނުގެ އެއް ނެޓްވޯކަކުން ގުޅާލުމާއި ފުޓުބޯޅަ ދަނޑު ހުޅުވުމުގެ އިތުރުން ގިނަ މަޝްރޫއުތަކެއްް އިފްތިތާހުކުރުމަށް ގަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ ޝިކާރައަކަށްވެ، އާއިލާތަކުގައި ދިރިއުޅުމުގެ ފުރުސަތު ގެއްލި މަގުމަތިވެފައިވާ ޒުވާނުން އަނބުރާ މުޖުތަމައަށް ގެނައުމަކީ މިއަދު ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ އެތައް އަހަރެއްވީއިރުވެސް އަޅާނުލެވި، އަދި ހައްލުނުކުރެވި އޮތް އިޖުތިމާއީ އަދި އިގުތިސޯދީ ބޮޑު މައްސަލަތައް ކަމަށެވެ. ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ ހަމައެކަނި އަދަބު ދީގެން ހައްލުކުރެވޭނެ މައްސަލައެއް ނޫން ކަމަށާއި މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ލިބޭނީ، އެ ވަބާގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ފަރުވާދީ، އެމީހުންނަކީ ހަރުދަނާ ބަޔަކަށް ހަދައިގެން ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ޒުވާނުން މަސްތުވާތަކެތިން ސަލާމަތްކޮށް، މުޖުތަމައަށް އަނބުރާ ގެނައުމަށް އަންނަ އަހަރު މުހިންމު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ.
"އެގޮތުން ޖަލުގައި މަސްތުވާތަކެތީގެ އޮޕަރޭޝަން ހުއްޓުވުމަށް މަސްތުވާތަކެތީގެ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރުން ހުއްޓުވުމަށް ހާއްްސަ ސަމާލުކަމެއް ދެވޭނެ. ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރެއް ގާއިމުކުރުމުގެ އިތުރުން ކުޑަކުދިންގެ ރިހެލިބިޓޭޝަން ސެންޓަރެއް ހުޅުމާލޭގައި ގާއިމުކުރުމުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތައް ޝަރީއަތުގައި އަވަސްކުރުމަކިީވެސް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ތަރުބިއްޔަތާއި ހުނަރު ދަސްކޮށްދިނުމަށް ލ. ކަލައިދޫގައި ހާއްސަ މަރުކަޒެއް ގާއިމުކުރާނެ ކަމަށެވެ.
މިއަހަރުގެ ތެރޭގައިވެސް 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ ރާއްޖެއިން އަތުލައިގަނެފައެވެ. ބޮޑެތި އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތައް އަތުލައިގަނެފައިވެއެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި ރާއްޖެއަކީ މަސްތުވާތަކަތި އެކި ގައުމުތަކަށް ފޯރުކޮށްދިނުމަށް ބޮޑެތި ނެޓްވޯކްތަކުން ބޭނުންކުރާ ޓްރާންސިޓް ޕޮއިންޓެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު