މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ އަހަރީ އާންމު ޖަލްސާ ބާއްވައިފިއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ސޯޝަލް ސެންޓަރުގެ ސެމިނާ ރޫމްގައި ބޭއްވި އެ ޖަލްސާ ޗެއާ ކޮށްފައިވަނީ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އަރީފެވެ. ޖަލްސާގައި 2019 ވަނަ އަހަރުގެ ހަރަދުގެ ތަފްސީލުތަކާއި 2020 ވަނަ އަހަރުގެ ބަޖެޓުގެ ތަފްސީލުތައް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން އެމްބީބީއޭގެ ނައިބު ރައީސް އަހުމަދު އަފްނާން ވަނީ އެސޯސިއޭޝަންގެ މަސައްކަތްތަކާގުޅޭ ގޮތުން ވާހަކަ ދައްކަވައިފައެވެ.

ކޮންމެ އަހަރެއްގެ މާޗު 31 ވަނަ ދުވަހުގެ ކުރިން އެސޯސިއޭޝަންތަކުގެ އަހަރީ އާންމު ޖަލްސާ ބާއްވައި ބެޖެޓް ތަފްސީލުތައް ހާމަކުރަންޖެހޭ ގޮތަށް ޔޫތް މިނިސްޓްރީން ކަނޑައަޅާފައި އޮންނަ ނަމަވެސް މިއަހަރު ކުރިމަތިވި ޕެންޑަމިކާ ގުޅިގެން އެ މުއްދަތު ވަނީ އިތުރު ކޮށްދީފައެވެ.

އެމްބީބީއޭގެ އަހަރީ އާންމު ޖަލްސާގައި މިއަހަރުގެ އިވެންޓް ކަލަންޑަރު ހުށަހަޅާފައިވާއިރު، ހިންގާ ގަވާއިދަށް އެއްވެސް އިސްލާހެއް ހުށަހަޅަން ބޭނުންވާ ނަމަ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ކުރިން އެކަން ހުށަހެޅުމަށް މެމްބަރު ކުލަބްތަކުން އެދިފައިވެއެވެ. އިސްލާހެއް ހުށަހަޅައިފިނަމަ، އެކަމަށް މަޝްވަރާކޮށް، މިހާރު އޮތް އެގްޒެކެޓިވް ކޮމިޓީން އަންނަ އަހަރު ބާއްވާ އާންމު ޖަލްސާއަށް އިސްލާހުތައް ހުށަހެޅޭނެ ކަމަށް އެމްބީބީއޭ އިން ކަނޑައަޅާފައިވެއެވެ.

އޭގެ އިތުރުން އާންމު ޖަލްސާގައި ހުސްވެފައިވާ ދެ މަގާމެއްގެ ބައި އިލެކްޝަން ވަނީ ބާއްވައިފައެވެ. ހަޒާންދާރާއި ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ވެސް ކުރިމަތިލާފައި ވަނީ އެންމެ ފަރާތަކުން ކަމަށްވުމުން ހުޅުވާލީ ފެންނަ ނުފެންނަ ވޯޓަކަށެވެ. އަށްޑިހަ ޕަސެންޓް މެމްބަރުން ވޯޓުލި އިންތިހާބުގެ ފުރިހަމަ އަގުލަބިއްޔަތުން ޖެނެރަލް ސެކްރެޓަރީއަކަށް ހޮވާފައި ވަނީ ހަސަން ރަޝީދެވެ. ހަޒާންދާރަކަށް ހޮވިފައިވަނީ ފާލިހް ރަޝީދެވެ. ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދަކީ 2013 ވަނަ އަހަރު އެމްބީބީއޭ އުފެދުނީއްސުރެ އެކިއެކި މަސައްކަތްތަކުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

އެމްބީބީއޭއަކީ ރާއްޖޭގެ ބޮޑީ ބޯޑިން ހުރިހާ ކަމެއް ކުރިއަށް ގެންދާ އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަންގެ މެމްބަރު އެސޯސިއޭޝަނެކެވެ. އެމްބީބީއޭއިން ވޭތުވެދިޔަ އަހަރުތަކުގައި ޔޫތު ޑިވަލޮޕްމަންޓް ޕްރޮގްރާމްތަކުގެ އިތުރުން ގައުމީ މުބާރާތްތައް ބާއްވައި ބައިނަލްއަގުވާމީ މުބާރާތްތަކުން ރާއްޖެއަށް ރަން ވަނަތައް ގެނެސްދީފައިވެއެވެ.