ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބު، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާއްވަންޖެހޭ ގޮތަށް ބަދަލުކުރަން ކުޅިވަރާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ.

މި ބިލަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ހުށަހެޅުއްވި ބިލެކެވެ.

މި ބިލުގައިވާ ގޮތުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި ކުޅިވަރު ޖަމިއްޔާތަކުގެ އިންތިހާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަނުންނެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެ ބިލު މަޖިލީހަށް ބަލައިގަނޭތޯ ނެގި ވޯޓުން މަޖިލީހަށް ބިލު ބަލައިގެންފައިވަނީ ޖަލްސާގައި ތިއްބެވި 44 މެންބަރުންގެ ތެރެއިން 42 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު މަޖިލީހަށް ބަލައިގަތުމުން އިތުރަށް ދިރާސާކުރަން އެ ބިލު މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ފޮނުއްވިކަން މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިއުލާންކުރެއްވިއެވެ.

ހަސަން ލަތީފު ގާނޫނަށް މި އިސްލާހު ހުށަހެޅުމާ ގުޅިގެން، މިއީ އޮލިމްޕިކް ޗާޓަރާ ހިލާފު އިސްލާހެއް ކަމަށާއި އެ އިސްލާހުތަކުގެ ސަބަބުން ރާއްޖެ ސަސްޕެންޑުކުރާނެ ކަމަށް ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ ބުނެފައެވެ.

އެ ބިލާ ގުޅިގެން 18 ކުޅިވަރު އެސޯސިއޭޝަނަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް މިއަދު ނޫސްބަޔާނެއް ނެރެފައެވެ. އެ ނޫސްބަޔާން ނެރެފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)، ހޭންޑްބޯލް މޯލްޑިވްސް، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން، ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)، ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއޭއެމް)، ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)، ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް، ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)، ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް، ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް)، މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)، މޯލްޑިވްސް ޗެސް އެސޯސިއޭޝަން އަދި މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ގުޅިގެންނެވެ.