އިސްރާފު ކުޑަކޮށް، ހަރަދުކުޑަކޮށް އުޅެން ދަސްކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ޓީވީއެމްގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން މިރޭ ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގައުމަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. ހާއްސަކޮށް އިގުތިސޯދީ ގޮތުން އައި ލޮޅުމާއެކު، އެތައް ބައެއްގެ ވަޒީފާ ގެއްލި ގިނަ ބަޔަކު ބިކަވެފައިވާ ކަމަށް ވިދާޅުވިއެވެ.
އިގުތިސޯދީ ހާލަތުން އަރައިގަތުމަށް ގައުމީ އުފެއްދުންތެރިކަން އިތުރުކުރަން ޖެހޭކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގައި އުފެއްދެން ހުރި ހުރިހާ ބާވަތެއް އުފެއްދަން ޖެހޭ ކަމަށެވެ. އަދި ކާބަފައިންނަކީ މަސައްކަތްތެރި ބައެއް ކަމަށާއި އެހެންކަމުން އެމީހުންގެ ދިރިއުޅުމުން އިބުރަތް ހާސިލުކޮށް، މިހާރު މުޖުތަމައުން ގެއްލިފައިވާ މަސައްކަތްތެރި އާދަތައް އަލުން އިޔާދަކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ، ކޮވިޑުގެ ހާލަތުން އަރައިގަތުމަށް ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ ހަރަދުތައް ވީހާވެސް ކުޑަކުރުން ކަމަށެވެ. އެގޮތުން އިދާރާތަކުން ކުރާ ހަރަދުތަކަކީ ރަނގަޅު ގޮތުގައި ކުރާ ހަރަދުތަކަށް ހަދަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އަމިއްލައަށް ކުރެވެން ހުރި ހުރިހާ ކަމެއް އަޅުގަނޑުމެން އަމިއްލައަށް ކުރަން އެބަޖެހޭ. ހަމައެއާއެކު އިސްރާފު ކުޑަކޮށް، ހަރަދު ކުޑަކޮށް އުޅެން، އެއީ އަޅުގަނޑުމެން އިތުރަށް ސަމާލުކަން ދޭން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަ މިކުރެވެނީ" ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ، ދިވެހިން ވަޒީފާތަކަށް ނެރެ، ދިވެހިން ވަޒީފާތަކަށް އަހުލުވެރިކުރުވުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް ފަރުވާދީ، އެމީހުން އަނބުރާ މުޖުތަމައަށް ނެރެ ވަޒީފާތަކަށް ނެރެން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި މަތީ ފަންތީގެ ވަޒީފާތައް އަދާކުރާ ދިވެހިންގެ އަދަދު އިތުރުކުރަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު