މާލޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަން ނެތި ދިރިއުޅެމުންދާ ފަރާތްތަކަށް ކ. ގުޅިފަޅުގައި ވަގުތީ ހިޔާވަހިކަމެއް ގާއިމުކުރަން ފަށައިފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާ އަމިއްލަ ޖަމްއިއްޔާތަކާ ގުޅިގެން އިމާޖެން ސޯޝަލް އިޝޫއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ވަންނާނެ ވަކި ބޯހިޔާވަހިކަމެއް ނެތި މާލެ ސިޓީގެ މަގުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

"އެ މައްސަލައަށް ހައްލެއް ހޯދައި އެފަރާތްތަކަށް ބޭނުންވާ އިޖުތިމާއީ ހިދުމަތްތަކާއި ވަގުތީ ރައްކާތެރިކަން ކަށަވަރުކޮށްދީ ބޭނުންވާ އަސާސީ ހައްގުތައް ކަމަށްވާ ކާބޯތަކެއްޗާއި އަންނައުނާއި ބޯހިޔާވަހިކަން ހޯދައިދީ އެފަރާތްތަކުގެ އިންސާނީ އަސާސީ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަން ފެށިފައިވާ މަސައްކަތުގެ ތެރެއިން ހާލަތު ވަޒަންކޮށް ގޮތް ނިންމުމުގެ މަރުހަލާގެ ކުރިން ބޭނުންވާ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކ. ގުޅިފަޅުގައި ގާއިމުކޮށްފައިވާ ހިޔާތަކުގައި ވަގުތީ ޝެލްޓާއެއް ގާއިމުކުރުމުގެ މަސައްކަތް ވަނީ ފެށިފައި،" މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން މި ޝެލްޓާއަށް ގެންދެވޭ މީހުންގެ ހާލަތު ވަޒަންކުރުމަށްފަހު އެސެސްމަންޓުން ފާހަގަކުރެވޭ ބޭނުންތަކަށް ރިއާޔަތްކޮށް އޭގެ ތެރެއިން ޑިޓޮކްސިފިކޭޝަން ފަރުވާއަށް ބޭނުންވާ ފަރާތްތައް ހުޅުމާލެ ދެވަނަ ފިޔަވަހީގައި، ނެޝަނަލް ޑްރަގް އޭޖެންސީން ބަލަހައްޓަމުންގެންދާ ޑިޓޮކްސް ކޭމްޕްގައި ބޭތިއްބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

ގުޅިފަޅާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކުރެވިފައިވާ މަރުކަޒުތަކުން ވަގުތީ ބޯހިޔާވަހިކަމާއި އަސާސީ ހައްގުތައް ކަށަވަރުކުރުމާއި އެހެނިހެން އިޖުތިމާއީ ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށާއި މި މަރުކަޒުތަކަށް މީހުން ގެންދިއުމަށް ހަމަޖެހިފައިވަނީ އެމީހެއްގެ ރުހުމާއެކު އެފަރާތާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އަދި މި މަރުކަޒުތަކަށް ގެންދެވޭ މީހުން އެތަނުގައި ހޭދަކުރާ މުއްދަތުގައި ބޭނުންވާ ފަރުވާގެ އިތުރުން ދާއިމީ ހިޔާވައްސެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްކުރުމާއެކު ހުރި ހުނަރުތައް ދެނެގަނެ، ލައިފް ސްކިލްސް ތަމްރީން ޕްރޮގްރާމްތައް ހިންގުމާއެކު ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ރޭވިފައިވާ ކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

ޖެންޑާ މިނިސްޓްރީން ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަން ނެތި ދިރިއުޅެމުންދާ މީހުން ވަގުތީ ހިޔާތަކަށް ގެންދިއުމުގެ މަސައްކަތް ފަށައިފައެވެ. މި މަސައްކަތް ފަށާފައިވަނީ މާލޭ މާރުކޭޓު ސަރަހައްދުގައި ބޯހިޔާވަހިކަމެއް ނެތި އެތައް ބަޔަކު ނިދައި، ކައިބޮއެ ހަދަމުންދާ ވާހަކަތައް ފެންމަތިވެފައި ވަނިކޮނެވެ.

ކޮވިޑާ ގުޅިގެން މާލޭ ސަރަހައްދަށް އިއުލާނުކުރި ލޮކްޑައުނާ ގުޅިގެން، އާމްދަނީ ލިބުން ހުއްޓި، މަގުމަތިވި މީހުންނަށް ވަގުތީ ހިޔާ ހަމަޖައްސައިދިނުމުގެ ޕްރޮގްރާމެއް ސަރުކާރުން ކުރިއަށްގެންދިޔައެވެ. އެ ޕްރޮގްރާމްގެ ދަށުން 500 އަށްވުރެ ގިނަ ފަރާތްތަކަށް ބޯހިޔާވަހިކަމާއި ކާބޯތަކެތި ސަރުކާރުން ވަނީ ފޯރުކޮށްދީފައެވެ. ނަމަވެސް މިދިޔަ އޮގަސްޓް މަހު ވަނީ އެ މަސައްކަތް ހުއްޓާލައިފައެވެ.