ރޭ އާސެނަލްއާ ދެކޮޅަށް ވުލްވްސްއިން ކުޅުނު މެޗުގައި ވުލްވްސްގެ ފޯވަޑް ރައުލް ހިމަނޭޒްއަށް ލިބުނު އަނިޔާގެ ތަފްސީލު ކްލަބުން ހާމަކޮށްފިއެވެ.
ވުލްވްސްގެ މެކްސިކޯ ފޯވަޑް ހިމަނޭޒްގެ ބޮލަށް އަނިޔާވީ އާސެނަލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒްގެ ބޮލުގައި ޖެހިގެންނެވެ. ލުއިޒްއާއި ދެކުޅުންތެރިން ޖެހި ހިމަނޭޒްގެ ބޮލަށް އަނިވެފައިވާ އިރު، އޭނާ ދަނޑުން ބާލައިގެން ގެންގޮސްފައި ވަނީ ސީދާ ހޮސްޕިޓަލަށެވެ. ދަނޑުމަތީގައި އޮކްސިޖަނާއެކު ގާތްގަނޑަކަށް ދިހަ ވަރަކަށް މިނެޓް ވަންދެން ފަރުވާ ދީފައިވެއެވެ.
ނުރައްކާތެރި އަނިޔާއާ ގުޅިގެން ވުލްވްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިމަނޭޒްގެ ބޮލުގެ އޮޕަރޭޝަނެއް ރޭ ކޮށްފައިވާ ކަމަށާއި ހާލު އަންނަނީ ރަނގަޅުވަމުން ކަމަށެވެ. ހިމަނޭޒްގެ ބޮލުގެ ނާށިގަނޑުގެ ބައެއް ރެނދުލާފައިވާ ކަމަށްވެސް ވުލްވްސްއިން ބުނެފައިވެއެވެ. އަދި ހޮސްޕިޓަލުން ދޫކޮށްލުމާއެކު ރިކަވަރީގެ މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ކްލަބުން ބުނެފައިވެއެވެ.
ވުލްވްސްއިން ނެރުނު ބަޔާނުގައި އާސެނަލްގެ މެޑިކަލް ސްޓާފުންނާއި އެންއެޗްއެސްގެ އަވަސް ފަރުވާދޭ ހާއްސަ ޓީމުގެ އިތުރުން، ހިމަނޭޒްގެ ސާޖަރީ ހެދި ޑޮކްޓަރުންނާއި ހޮސްޕިޓަލަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައިވެއެވެ.
ރޭގެ މެޗަށްފަހު ވާހަކަދައްކަމުން ވުލްވްސްގެ ކޯޗު ނޫނޯ އެސްޕިރިޓޯ ސަންޓޯ ބުނެފައިވަނީ ހިމަނޭޒްގެ އަނިޔާއަކީ ކޯޑު ރެޑްގެ އަނިޔާއެއް ކަމަށް ކުޅުންތެރިން އިޝާރާތް ކުރި ކަމަށާއި އެވަގުތު ވަރަށް ބޮޑަށް ޕެނިކަށް ދިޔަ ކަމަށެވެ. އަދި އެއީ ވަރަށް ހިތްދަތި ވަގުތުކޮޅެއް ކަމަށްވެސް ނޫނޯ ބުނެފައިވެއެވެ.
ހިމަނޭޒްގެ ބޮލުގައި ޖެހި ލުއިޒް އަށްވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވެފައިވެއެވެ. ފުރަަތަމަ ހާފް ނިމެންދެން ބެންޑޭޖު ކޮށްގެން އޭނާ ކުޅުނު ނަމަވެސް ދެވަނަ ހާފުގައި ކުޅެފައެއް ނުވެއެވެ. އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވަގުތުން ލުއިޒް ބަދަލު ނުކުރުމުން ކުރީގެ ޕްރިމިއާ ލީގު ކުޅުންތެރިޔާ އެލެން ޝިއެރާ ވަނީ ސްޓޫޑިއާގައި އިނދެ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު