އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ)ގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ކައުންސިލްގެ 47 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނީޖާގެ ވެރިރަށް ނިއާމޭއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވައިލެއްވުމަށްފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
އޯއައިސީގެ އެ ބައްދަލުވުމުގައި އިސްލާމީ އުއްމަތަށް ދިމާވެފައިވާ ބައެއް މައްސަލަތަކާ ގުޅޭ ގަރާރުތަކާއި ނިންމުންތައް ފާސްކޮށް، ކުރިން ފާސްކޮށްފައިވާ ގަރާރުތައް ތަންފީޒު ކުރަމުން އަންނަ ގޮތާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ. އަދި އެ ބައްދަލުކުރެއްވުމުގައި ވަނީ އޯއައިސީގެ އާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޗާޑްގެ ކުރީގެ ހާރިޖީ ވަޒީރު ހުސެއިން ބްރާހިމް ތާހާ އިންތިޚާބު ކުރައްވައިފަ އެވެ. އޭނާ މަގާމާ ހަވާލުވެވަޑައިގަންނަވާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ މުސްލިމް އުއްމަތަށް ދިމާވެފައިވާ އެކި މައްސަލަތަކަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން ރޮހިންޔާ މުސްލިމުންނާއި، ފަލަސްތީނުގެ މުސްލިމުންނަށް ދިމާވެފައިވާ ހާލަތުގެ އިތުރުން، ހުޅަނގު ސަހާރާގައި ހިނގަމުންދާ ކަންކަމާއި އަދި ޓެރަރިޒަމްގެ އަމަލުތަކާ އިސްލާމް ދީނާއި ދެކޮޅަށް ހިންގޭ އަމަލުތަކާ ގުޅޭ ގޮތުން މިނިސްޓާ ވާހަކަދެއްކެވި އެވެ. އަދި ކޮވިޑް-19ގެ މި ދަނޑިވަޅުގައި އިސްލާމީ އުއްމަތް އެއްބައިވަންތަވުމަށް ވެސް މިނިސްޓާ ގޮވާލެއްވި އެވެ.
ފޮރިން މިނިސްޓާ ޝާހިދު ވަނީ ބައްދަލުވުމުގެ ހަވާސާގައި ބައެއް ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާ ބައްދަލުކުރައްވައިފަ އެވެ. އޭގެ ތެރޭގައި ސައޫދީ އަރަބިއްޔާ އާއި ތުރުކީ އާއި ޕާކިސްތާނާއި މޮރިޓޭނިއާ އާއި ސެނެގާލް އަދި ދަ ގެމްބިއާގެ ފޮރިން މިނިސްޓަރު ހިމެނެ އެވެ. އޭގެ އިތުރުން ޔޫއޭއީ އާއި އިންޑޮނީޝިއާ އާއި ޔޫގަންޑާ އާއި މޮޒަމްބީކް އަދި މޮރޮކޯއިން މި ބައްދަލުވުމަށް ވަޑައިގެންނެވި ވަފުދުތަކުގެ އިސްވެރިންނާ ވެސް މިނިސްޓާ ޝާހިދު ބައްދަލުކުރެއްވި އެވެ.
އެ ބައްދަލުކުރެއްވުންތަކުގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުންނާއި، އިގުތިސޯދު އަލުން ކޮޅަށް ޖެހުމަށް ކުރަމުން އަންނަ އަދި ކުރިއަށް ރޭވިފައި ހުރި މަސައްކަތްތަކާ ބެހޭ މައުލޫމާތު ސައޫދީ ސަރުކާރަށް މިނިސްޓާ ޝާހިދު ދެއްވި އެވެ.
މި ދަތުރުގައި ރިޔާޟްގައި ޓްރާންސިޓް ކުރެއްވިއިރު ސައޫދީ އަރަބިއްޔާގެ އިސް ބައެއް ބޭފުޅުންނާ ވެސް މިނިސްޓާ ޝާހިދު ބައްދަލުކުރެއްވި އެވެ. އޭގެ ތެރޭގައި އެ ގައުމުގެ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައޫދު އާއި ސައޫދީގެ ޓޫރިޒަމް މިނިސްޓާ އަދި ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޗެއާމަން އަހުމަދު އާގިލް އަލް-ޚަޠީބް އާއި މުސްލިމް ވޯލްޑް ލީގްގެ ސެކްރެޓަރީ ޖެނެރަލް ޝައިހް ޑރ. މުހައްމަދު އަލްއީސާ އާ މިނިސްޓާ ބައްދަލުކުރެއްވި އެވެ. ސައޫދީގައި ޓްރާންސިޓް ކުރެއްވުމަށްފަހު މިނިސްޓާ ނީޖާއަށް ދަތުރުކުރެއްވީ ސައޫދީގެ ހާރިޖީ ވަޒީރުގެ އަރިހުގަ އެވެ.
މުސްލިމް އާބާދީ ބޮޑު 57 ގައުމުގެ މައްޗަށް އެކުލެވޭ އޯއައިސީގެ މެންބަރު ގައުމަކަށް ދިވެހިރާއްޖެ ވެފައިވަނީ 1976 ވަނަ އަހަރުގައެވެ.
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު