ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ފަސް މެންބަރަކު މިއަދު އައްޔަނުކުރައްވައިފި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަނުކުރައްވާފައިވަނީ އއ. މަތިވެރި ވެސްޓްބީޗު އަލްއުސްތާޒް މުހައްމަދު މުނައްވަރު އަލީއާއި ގ.ގޮފި އަލްއުސްތާޒާ ފާތިމަތު މިންހަތު އިއްޒަތާއި މ. ފާމްދޭރިގެ ހުސައިން ޒައިދާން ޖަލީލާއި މއ. ވިލާރޮދި އިސްމާއީލް ސާޖިދު އިތުރުން ދަފްތަރު ނަންބަރު ރސ. 7883 އަލްއުސްތާޒް އަހުމަދު އަޝްރަފެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވައިލީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހުއެވެ. އެއީ ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އޭރު ހިމެނިވަޑައިގަންނަވާ ފަސް މެންބަރުންގެ މަގާމުގެ މުއްދަތު މިމަހުގެ 28ގެ ނިޔަލަށް ހަމަވާތީއެވެ.

ރައީސް ސޯލިހު ޓެކްސް އެޕީލް ޓައިބިއުނަލަށް މި ފަސް މެންބަރުން އައްޔަނުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުން ވަނީ މި ފަސް ބޭފުޅުންނަށް ރުހުން ދީފައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާއި ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. މި ޓްރައިބިއުނަލް އެކުލެވިގެން ވަނީ ފަސް މެންބަރުންގެ މައްޗަށެވެ. އަދި މި ޓްރައިބިއުނަލަށް މެންބަރުން އައްޔަށް ކުރަނީ ރައްޔިތުން މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.