ޔޫއޭއީ

އިމާދު ލަތީފުގެ ކޮލަމް: ދެ ޕްރިންސުންގެ ގުޅުމުގެ ތެރެއިން އެމިރޭޓްސްގެ ސިޔާސަތު އިސްލާމީ ދުނިޔެއާ ދުރަށް

އިމާދު ލަތީފު

އިސްލާމީ ދުނިޔޭގެ ތޭރަ ގައުމެއްގެ ރައްޔިތުން ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީއަށް ވަނުން މަނާކޮށް ވިސާދިނުން މިމަހުގެ އަށާރަ ވަނަ ދުވަހުން ފެށިގެން ވަނީ ހުއްޓާލައިފައެވެ. އެ ގައުމުތަކުގެ ތެރޭގައި ތުރުކީއާއި އީރާން އަދި ޕާކިސްތާނުވެސް ހިމެނެއެވެ. މި ޚަބަރަށް މާގިނަ ދުވަސްތަކެއް ނުވެ ދެން ފެނުނީ ޔޫއޭއީގެ އެއަރލައިނެއް ކަމަށްވާ ފްލައި ދުބާއީން އިޒްރޭލަށް ސީދާ ދަތުރުތައް ފެށި މަންޒަރެވެ. ޔޫއޭއީގެ ފަތުރުވެރިންނަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ މަރުހަބާ ވިދާޅުވި މަންޒަރެވެ.

ވާން މިއުޅެނީ ކީއްބާވައެވެ. ވެގެން މިއުޅެނީ ކީއްބާވައެވެ. މިއީ ޔޫއޭއީގެ ނިންމުންތަކާ ގުޅިގެން ވަރަށް ގިނަބަޔަކު ކުރަމުން އަންނަ ސުވާލެކެވެ. މީގެ ކުރިން އިވެނީ އެމެރިކާ ފަދަ ހުޅަނގުގެ ގައުމުތަކުން އިސްލާމުންނަށް ވިސާދިނުން ހުއްޓާލި ވާހަކައެވެ. ނުވަތަ ދަތިތައް ކުރިމަތިކުރާ ވާހަކައެވެ. ޔޫއޭއީއަކީ އަރަބި އަދި އިސްލާމީ ގައުމެކެވެ. އެކަމަކު ޔޫއޭއީންވެސް ތަބާވަނީ ހުޅަނގުގެ ގައުމުތަކަށެވެ. ހިނގަނީ އެވެރިންގެ ފަހަތުންނެވެ. މިވަރުގެ ބޮޑު ބަދަލެެއް ޔޫއޭއީގެ ސިޔާސަތަށް އައުމުގެ ފަހަތުގައި ހަމަ ޔަގީނުންވެސް ބޮޑެތި ސަބަބުތަކެއް ހުންނާނެއެވެ.

ޔޫއޭއީ ވަނީ ދާދިފަހަކުން އިޒްރޭލުގެ ދައުލަތް ގަބޫލުކޮށް ރަސްމީގޮތުން އެކުވެރިކަމާއި ގާތްކަން އުފައްދައިފައެވެ. މިބަދަލުގެ މޭސްތިރިޔަކީ އަބޫދާބީގެ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ޒައިދެވެ. އެއީ ޔޫއޭއީގެ ނާއިބް ރައީސްވެސް މެއެވެ. ޔޫއޭއީގެ ރައީސަކީ އަބޫދާބީގެ އަމީރެވެ. އޭނާގެ ސިއްހަތު ހުރިގޮތުން އަބޫދާބީއާއި މުޅި ގައުމުވެސް ހިންގަވަނީ ޕްރިންސް މުހައްމަދު ބިން ޒައިދެވެ. މުޅި އަރަބި ދުނިޔޭގައި މިވަގުތު ހުންނެވި އެންމެ ބާރުގަދަ ލީޑަރަކީވެސް އޭނާކަމަށް ބުނެވެއެވެ. ޕްރިންސް މުހައްމަދު ބިން ޒައިދުގެ އެންމެ ބޮޑު އެކުވެރިޔަކީ އަދި ބައިވެރިޔަކީ ސައުދީ އަރަބިޔާގެ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާނެވެ.

އަރަބި ދުނިޔެއަށާއި ގަލްފަށް އައިސްގެން އުޅޭ ބަދަލުތައް ގުޅިފައިވަނީ މި ދެބޭފުޅުންނާއެވެ. މިދެބޭފުޅުންގެ ތެރެއިންވެސް ރޭވުންތެރިކަމާއި ހިކުމަތްތެރިކަމަށް އަރައި ހުންނެވި ބޭފުޅަކީ ޕްރިންސް މުހައްމަދު ބިން ޒައިދު ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެއެވެ. ތުރުކީއާއި އީރާނާ ދެކޮޅު ސިޔާސަތުގެ ހަގީގީ މޭސްތިރިޔަކީވެސް ޕްރިންސް މުހައްމަދު ބިން ޒައިދު ކަމަށް ބުނެވެއެވެ. އަބޫދާބީގެ ވަލީއަހުދު ކަމަށްވުމާއި އަބޫދާބީ މިވަގުތު ހިންގަވާ ލީޑަރުގެ ގޮތުން މުޅި ޔޫއޭއީގެ ކޮންޓްރޯލް އޭނާއަށް އެބައޮތެވެ. މުޅި ޔޫއޭއީގެ ބިމާއި ވަސީލަތްތަކުގެ 87 އިންސައްތައި އޮތީ އަބޫދާބީގެ އަތްމަތީގައެވެ. ދެން އެންމެ މުއްސަނދި ދުބާއީއަށްވެސް ލިބިފައިވަނީ އެންމެ 5 އިންސައްތަ އެވެ.

ސީރިޔާއާއި ލީބިޔާ އަދި ޔަމަނުގެ ހަނގުރާމައިގައިވެސް ސައުދީ އަރަބިޔާއާއި ޔޫއޭއިން ދައުރެއް އަދާކުރެއެވެ. މީގެތެރެއިން ޔަމަނުގައި އިސްވެ ހަރަކާތްތެރިވަނީވެސް މިދެގައުމުގެ ސިފައިންނެވެ. މީގެ އިތުރަށް އިތިއޮޕިޔާގެ ޓިގްރޭގައި މިހާރު ހިގަމުންދާ ހަނގުރާމައިގައިވެސް ޔޫއޭއީން ދައުރެއް އަދާކުރާކަމަށް ބުނެވެއެވެ. މިހަނގުރާމައިގައި ޔޫއޭއީގެ ސިފައިން ބައިވެރިވަނީ އެރީތުރިޔާގައި ޔޫއޭއިން ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒެއްގައި ތިބެގެންނެވެ. ޔޫއޭއީގެ ސިފައިން މިހަނގުރާމައިގައި އެހީތެރިވަނީ އިތިއޮޕިޔާގެ ސަރުކާރު ސިފައިންނަށެވެ.

ޔޫއޭއީ އަކީ މީގެކުރިން ސަރަހައްދީ މައްސަލަތަކާއި އެނޫން މައްސަލަތަކުގެ ތެރެޔަށްވެސް ވަންނަ ގައުމެއް ނޫނެވެ. އަސްކަރީ ހަރަކާތްތައް އެކި ގައުމުތަކުގައި ހިންގި ގައުމެއް ނޫނެވެ. ދުނިޔޭގެ އެންމެންނާއި ބައިވެރިވެގެން ގައުމު ތަރައްގީކުރާން އިސްކަންދިން ގައުމެކެވެ. މިހާރު ފެންނަމުންދާ މަންޒަރުތަކުން ޔަގީންވަނީ އެސިޔާސަތު މުޅިން ބަދަލުވެއްޖެ ކަމެވެ. އިސްލާމީ ތޭރަ ގައުމަކާ ދެކޮޅަށް އެޅި ފިޔަވަޅުން މިކަން އިތުރަށް ހާމަވެގެންވެސް ހިނގައްޖެއެވެ. މިފިޔަވަޅުގެ ސަބަބަކީ ސަލާމަތް ކަށަވަރުކުރުން ކަމަށް ޔޫއޭއީން ވަނީ ބުނެފައެވެ.

ޔޫއޭއީން މިއެޅި ފިޔަވަޅަކީ ސަލާމަތީ ސަބަބުތަކަށްވުރެ ބޮޑަށް ބަދަލު ހިފުމުގެ ފިޔަވަޅެއް ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެއެވެ. ޓްރަމްޕުގެ ދައުރު ނިމުމުގެ ކުރިން އިސްލާމީ ދުނިޔޭގެ ވީހާވެސް ގިނަ ގައުމުތަކުން އިޒްރޭލާ ގުޅުން ގާއިމު ކުރުމަކީ ދެ ޕްރިންސުންގެ އެދުމެކެވެ. މިކަމަށް އޮތް ހުރަހަކީ ތުރުކީއާއި އީރާނާއި ޕާކިސްތާނެވެ. އެހެންވީމާ ބޭނުންވާ މަގްސަދު ހާސިލް ނުކުރެވުނީމާ އެޅި ފިޔަވަޅަކަށް ވެދާނެއެވެ. ދެން ސަލާމަތީ ސަބަބުތަކޭ ބުނެ އުޒުރު ދެއްކުމަށްޓަކައި ޔަމަނާއި ސީރިޔާއާއި ލީބިޔާ އަދި ސޮމާލިޔާ ކަހަލަ ގައުމުތައް މި ލިސްޓަށް އިތުރުކުރީ ކަމަށްވެސް ވެދާނެއެވެ.

ޔޫއޭއީގެ މިފިޔަވަޅުގެ ފަހަތުގައި އަދި އެހެން ބޭނުމެއްވެސް އޮވެދާނެއެވެ. އެމެރިކާގެ ރައީސް ޓްރަމްޕުގެ ދައުރުގައި އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ އިސްލާމީ ގައުމުތަކަށް ނިސްބަތްވާ މީހުންނަށް ވިސާދިނުން ޓްރަމްޕުގެ ސަރުކާރުން ހުއްޓާލި ހުއްޓާލުމަށެވެ. ޓްރަމްޕުގެ ދައުރު ނިމުމުގެ ކުރިން މިކަމަކީ ހަގީގަތުގައިވެސް ކުރާން ޖެހިގެން ކުރިކަމެއް ކަމާއި އިސްލާމީ ބައެއް ގައުމުތަކުންވެސް މިފިޔަވަޅު އެޅިކަން ދައްކައި ޓްރަމްޕުގެ ދައުރުގެ އެޒާތުގެ ތަންތަންކޮޅު ދޮވެ ސާފުކޮށްދިނުންވެސް ބޭނުމަކަށް ވެދާނެއެވެ. ކޮންމެއަކަސް ޓްރަމްޕުގެ ދަނބިދަރިފުޅު އަދި ޚާއްސަ މުޝީރު ކުޝްނާރ އަކީ ދެ ޕްރިންސުންގެ ވެސް ވަރަށް ގާތް އެކުވެރިއެކެވެ.